ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގެ ތެރެއިން ކުރިއަށްދިޔަ އެތެރޭގެ އިންތިހާބަކީ، ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ އިންސާފުވެރި، އެންމެ ބޮޑަށް ދެފުށް ފެންނަ އަދި އެއްވެސް ނުފޫޒެއް ނެތި ކުރިއަށް ދިޔަ ނަމޫނާ އިންތިހަބެއް ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފަލާހް ވިދާޅުވީ، މި އިންތިހާބުގައި 1،100 އަށް ވުރެ ގިނަ މެންބަރުން ވޯޓުލާފައިވާ އިރު، އެއްވެސް ނުފޫޒެއް ނެތި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ކެމްޕޭން ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތަކުގެ އިގްރާރުވުން މިރޭ ބާއްވާ ހާއްސަ ޖަލްސާގައި އޮންނާނެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންގްރެސްގައި ޕާޓީގެ ލީޑަޝިޕާއި ބައިވެރިންގެ މެދުގައި މުހިންމު ސެޝަންތަކާއި ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

ޕީއެންސީ ކޮންގްރެސްގައި މިއަދު ކުރިއަށް ދިޔަ އިންތިހާބުގެ ވޯޓުލުން

މީގެއިތުރުން، ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަން ފާހަގަކުރައްވަމުން ފަލާޙް ވިދާޅުވީ، މިހާރު ޕާޓީގެ މެންބަރުންގެ އަދަދު 79500 އަށް އަރާފައިވާ ކަމަށާއި، ކުރިއަށް އޮތް ތިން ހަތަރު ދުވަހުގެ ތެރޭގައި އެ އަދަދު 80000 އަށް އަރާނެ ކަމަށެވެ. އަދި ޕާޓީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މެންބަރުންގެ އަދަދު 100،000 އަށް އިތުރުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ، ގިނަ އަދަދެއްގެ ރައްޔިތުން މި ޕާޓީއާ ގުޅެމުންދަނީ ރައީސް ޑރ. މުއިއްޒު ގައުމާމެދު ގެންގުޅުއްވާ ތަސައްވުރާއި، އިސްލާހީ އެޖެންޑާ އަދި އެމަނިކުފާނު އަމަލުކުރައްވާ ގޮތް ރައްޔިތުން ބަލައިގަންނާތީ ކަމަށެވެ. އަދި މީގެ ކުރީގެ އެއްވެސް ވެރިއަކަށް ހައްލުކުރަން ނުކެރުނު ބޮޑެތި އިޖުތިމާއީ މައްސަލަތައް ރައީސް މުއިއްޒު ހއްލުކޮށްދެއްވަމުން ގެންދަވަނީ ގައުމާއި ރައްޔިތުންގެ މުސްތަގްބަލަށް އެންމެ ފައިދާހުރި ގޮތަށް ބައްލަވައިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ކޮންގްރެސް ރަސްމީކޮށް އިއްޔެ ހުޅުއްވައިދެއްވީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1300 އަށް ވުރެ ގިނަ މެންބަރުން މި ކޮންގްރެސްގައި ބައިވެރިވެފައިވާ އިރު މިއަދު ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން އެ ޕާޓީގެ އިސް މަގާމުތަކަށް މީހުން ވަނީ އިންތިހާބުކޮށްފައެވެ.

އެގޮތުން 13 މެންބަރުން ވާދަކުރި ޒުވާން މެންބަރުންގެ މަޖިލީހަށް 7 މެންބަރުން އަދި އަންހެން މެންބަރުންގެ މަޖިލީހަށް 10 މެންބަރުން ވަނީ ހޮވާފައެވެ. މީގެއިތުރުން ޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރެއްވި 8 ބޭފުޅުންގެ ތެރެއިން 6 ބޭފުޅަކު ވަނީ އިންތިހާބުވެވަޑައިގެންފައެވެ.

ނައިބު ރައީސްކަމަށް ހޮވިވަޑައިގަތީ އަބްދުﷲ ރާފިއު، އަހުމަދު ޝިޔާމް، ފާތިމަތު ސައުދާ، އިބްރާހީމް ޝުޖާއު، މުހައްމަދު ސައީދު އަދި މުހައްމަދު ހުސައިން ޝަރީފެވެ. މި މަގާމަށް ކުރިމަތިލެއްވި އަސްމާ ރަޝީދާއި މުހައްމަދު ނިމާލަށް ވަނީ ނާކާމިޔާބުވެފައެވެ.