ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެގެން އެކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން މައުލޫމާތު ދިން ގޮތުގައި، އިއްޔެ ރ. އިނގުރައިދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގެ ގާތްގަނޑަކަށް 30 ގެއަކަށް ފެން ވަދެފައިވެއެވެ. އަދި އޭގެ ތެރެއިން 15 ވަރަކަށް ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލާއި ހަވާލާދީ އެންޑީއެމްއިން ވަނީ މައުލޫމާތު ދީފައެވެ.
މި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އިނގުރައިދޫގެ އިތުރުން އުތުރުގެ ބައެއް އެހެން ރަށްތަކަށްވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން ރ. ރަސްމާދޫ، ރ. އިނގުރައިދޫ އަދި ޅ. ނައިފަރުގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ގޭގެއަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތް ކައުންސިލްތަކާއި، ރަށުގެ އެކި މުއައްސަސާތައް އަދި ރައްޔިތުން ގުޅިގެން މިހާރުވެސް ދަނީ ކުރަމުންނެވެ. އަދި ފެންބޮޑުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަޙައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
