އުޑުމަތި ސާފު ފިނިފިނި ވައިޖެހޭ ދުވަހެކެވެ. ސާރާ ހުރީ ބޭރު ބަލާށެވެ. މަންމައާއި ކޮއްކޮގެ އިންތިޒާރުގައެވެ. ނަމަވެސް ޝައިހާ ކޮއްކޮއާއެކު އަންނަތަން ފެނުނީ ދޮންތައެވެ. ދޮންތަ، ސާރާ އަށް ބަލާލުމަށްފަހު ހިނިތުން ވެލިއެވެ. ސާރާ ދޮންތަމެންނާ އެކީ ގެއަށް ވަނެވެ.

"މަންމަ ކޮބާ؟" ސާރާ އަހާލިއެވެ. "މަންމަ އޮފީހުން ނުނިމޭތީ، ދޮންތައަށް ގުޅާފައި ގެނެސްދޭށޭ ބުނީމާ މިއައީ ކޮއްކޮ ގޮވައިގެން" ސާރާއަށް ބަލާލަމުން ދޮންތަ ޖަވާބުދިނެވެ. "ދޮންތަ މިދަނީ ކުލާހަށް، ދެކުދިން ބަސްއަހައިގެން މާމަ ގާތު މަޑުކުރޭ" ސާރާ އާއި ޝައިހާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އިރުކޮޅަކުން ބަދިގޭގައި މެންދުރު ކައްކަން އުޅުނު މާމަ ތައްޓަކަށް ދެ އާފަލު ކޮށައިގެން އައިސް ކާމޭޒުމަތީގައި ބަހައްޓަމުން ދެކުދިންނަށް ކާން ގޮވާލިއެވެ. "ދެކުދިން އާފަލު ކައިގެން ދޭ ކޮޓަރިއަށް، މާމަ އެބައަށްނަން ބަދިގެ ކުނި ކަހާލާފަ!"

ކުއްލިއަކަށް ބަދިގޭގައި އުޅުނު މާމަ ގެ ކަންފަތުގައި ޖެހުނީ ޝައިހާގެ ރޯއަޑެވެ. މާމަ މޮޕްލާން ގެންގުޅުން މޮޕް ބަހައްޓާފައި ކޮޓަރިއަށް އައެވެ. "ދީ! ދީ! ތީމަގޭ ކުލަ ފަންސޫރުތަކެއް." ޝައިހާ ކުޅެން ގެންގުޅުނު ކުލަފޮށި ނަގަމުން ސާރާ ބުނެލި އެވެ. "ނޫން! ނޫން! ޝައިހާ ކޮއްކޮގެ އެއްޗެއް." "ސާރާ! ކޮއްކޮ ރޮނީ ކީއްވެ؟" އެވަގުތު މާމަ އަލާލިއެވެ. "މާމާ! މާމާ! އެއީ ސާރާ ސުކޫލަށް ގެންދާ ކުލަ ފޮށި" "މަންމަ ހިތްހަމަ އެއް ނުޖެހޭނެއެއްނު ގެއްލުނީމައެއް" ސާރާ ވަރަށް ދެރަވެފައި މާމަ ގާތު ބުނެލިއެވެ. "އެއީ ތެދެއް." މާމަ ޝައިހާ އުރާލަމުން ބުނެލިއެވެ.

ދުވާލުގެ އަލިކަންފިލާ، އިރުއޮއްސެމުން ދިޔައެވެ. "ދަރިފުޅާ!" މަންމަ ގޮވާލި އަޑު، މާމަ އާއިއެކު ކާންއިން ޝައިހާ އަށާއި ކޮޓަރީގައި ޤުރްއާން ކިޔަވަން އިން ސާރާއަށް އިވުނެވެ. މިއަޑު އިވުމާއެކު ދެކުދިން އެކުއެކީ ކަހަލަ ގޮތަކަށް މަންމަ ގާތަށް އައެވެ. އެވަގުތު މަންމަ، ޝައިހާ އުރާލަމުން ބުނެލިއެވެ. "ކައި ނިމުނީތަ؟" "އާ! ދެންމެ އެނިމުނީ" ޖަވާބުގައި މާމާ މިހެން ބުނުމުން މަންމަ، ޝައިހާ އުރާލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ކައިރީގައި ހުރި ސާރާ އަށް ގޮވާވެސް ނުލައެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ސާރާ ހިއްވަރު ކޮށްލާފައި މަންމަ ގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. މަންމަ ޝައިހާ ނިންދެވުމަށްޓަކާ ޝައިހާ ރީތި ކުރުމަށް ފަހު ޝައިހާ އެކު އެނދުމަތީ އޮށޯތެވެ. އޭރުވެސް ސާރާ އެސްފިޔަ ޖަހާނުލާ ކޮޓަރި ދޮރުމަތީ ހުރިތަން ފެނުމުން މަންމަ ބުނެލިއެވެ. "ސާރާ މާމަ ގާތަށްގޮސް ކައިގެން ނިދާ! މާދަމާ ހެނދުނު ސުކޫލަށް ދާންޖެހޭނެ" ސާރާ ވަރަށް ދެރަވެ ހުރެ ކޮޓަރިން ނުކުމެގެން ގޮސް ބަދިގެއަށް ދިއުމަށް ހިގައިގަތެވެ. "އާދޭ ސާރާ ދޮންތައާއެކު ބަތް ކާން! މާމަ މިހުރީ ކާން ތައްޔާރު ކޮށްފަ. މާމަ ދިޔައި ނަމާދަށް. ސާރާ ނަމާދު ކޮށްގެންތަ މަންމަ ކޮޓަރިއަށް ދިޔައީ؟" އާއެކޭ ބުނުމުގެ ގޮތުން ސާރާ ބޯޖަހާލިއެވެ. ކައިނިމިގެން ސާރާ އާއި ދޮންތަ ދިޔައީ ކޮޓަރިއަށް ނިދާށެވެ. "މަންމަ ނިދީދޯ؟ މަންމަ މާ ވަރުބަލިވީ ކަންނޭގެ" ދޮންތައަށް ސާރާ ދެރަވެފައި އޮތީ މަންމަ ވާހަކަ ނުދައްކާތީކަން އެނގުނެވެ. ގޭ އެއްމެންނަށް ވެސް ސާރާއަށް، މަންމަ ކަންތައް ކުރާގޮތް އެނގެއެވެ. މަންމަ އެހާވަރަކުން ސާރާ އަކާ ނޫޅޭނެއެވެ. ދެން އަބަދުވެސް ބުނާނީ ސާރާ އަކީ ބޮޑު ކުއްޖެކެވެ. ނަމަވެސް ދޮންތަ އަބަދުވެސް ސާރާ އަށާ ޝައިހާ އަށް ވަރަށް ރަނގަޅަށް ކަންތައް ކޮށްދޭނެއެވެ. ސާރާގެ ދުވަސްތައް ދަނީ މިފަދަ ގޮތަކަށެވެ.

އަހަރު ނިމުމަކަށް އައީއެވެ. ސާރާ ރިޕޯޓު ފޮތް ހިފައިގެން ދޮންތަ އާއިއެކު އައިސް ގެއަށް ވަންނަމުން ގޮވާލިއެވެ. "މަންމާ! މަންމާ!" "ބައްޕަ އާއި މަންމަ ދިޔައީ ޝައިހާ ކޮއްކޮ ވެސް ގޮވައިގެން ފިހާރަ އަށް. އާދޭ ޔުނީފޯމް ބަދަލު ކޮށްގެން ޖޫސް ތައްޓެއް ބޯލަން" ބަދިގޭގައި ހުނިގާނަން އިން މާމަ ބުނެލިއެވެ. މާމަ މިހެން ބުނުމުން ސާރާ ދިޔައީ ކޮޓަރިއަށެވެ. ދޮންތަ ސާރާގެ ރިޕޯޓް ފޯމް ހިފައިގެން އައިސް ކާމޭޒު ކައިރީ އިށީނެވެ. ސާރާ، ދޮންތަ އާއިއެކު ކާމޭޒު ކައިރީގައި ތިއްބާ މަންމަ އާއި ބައްޕަ އައިސް ކައިރީގައި ހުރި ގޮޑީގައި އިށީނެވެ. "އަލްޙަމްދު ލިއްލާހި! ހާދަ ރަނގަޅު ނަތީޖާއެއް ދަރިފުޅާ ސާރާ!" މޭޒު މަތީއޮތް ރިޕޯޓް ފޮތް ބަލާލުމަށްފަހު ބައްޕަ، ސާރާއަށް ބުނެލިއެވެ. "އިނާމެއްގެ ގޮތުން ބައްޕަ ސާރާ އަށް ވަރަށް ރީތި ހެނދުމެއް ގަނެދޭނަން" އެވަގުތު ސާރާ މަންމައަށް ބަލާލިއެވެ. އަދި އިސްދަށަށް ޖެހިއެވެ. ބައްޕަގެ ވާހަކަ ނުނިމެނީސް މަންމަ ބުނެލިއެވެ. "އެއީ ކީންކުރަން؟ ސާރާ އަތުގައި މިހާރުވެސް ވަރަށް ގިނަ ހެދުން ހުންނާނެ." "އެއީ ތެދެއް ބައްޕާ!" ސާރާ ޖޫސް ތަށި ބޮއިނިމިގެން ބައްޕަގެ ކައިރީގައި އޮތް ރިޕޯޓް ފޮތް ހިފައިގެން ކޮޓަރިއަށް ދަމުން ބުނެލިއެވެ.

ސާރާ ހުރީ ވަރަށް ދެރަވެފައިކަން ސާރާގެ ބައްޕައަށް އެނގުނެވެ. "ތިހެން ހަދާކަން ނުވާނެ. ސާރާ އެހުންނަނީ ސާނިހާ ހިނިތުންވެ ސާރާއާއި ވާހަކާ ދައްކާ މަޖާކުރާނޭ ދުވަހަކަށް އެދިއެދި. ސާރާ ކަޅުވެފައި ބޮލުގެ އިސްތަށިގަޑު ބުޅިވެފައި ޝައިހާ އާއި ސުހާ އާއި ދެމީހުންނާ ކުލައިގެ ގޮތުން ތަފާތު ވުމަކީ ސާރާގެ ކުށެއް ހެއްޔެވެ؟ ސާރާ އަކީ ﷲ އިރާދަ ކުރެއްވީތީ ބަސްއަހާ، ކިޔެވުމަށް މޮޅު، ކިޔަމަންތެރި، އަމާނާތްތެރި، ރަނގަޅު ކުއްޖެއް. އެކަމަކު ސާރާގެ ހިނިތުންވުން އެވަނީ މަންމަގެ ލޯތްބަށްޓަކައި ފޮރުވިފަ" "އެއީ ތެދެއް މަންމާ!" ސާރާ ޖޫސް ބުއިތަށި ހިފައިގެން ދޮންނަން ދަމުން ދޮންތަ ބުނެލިއެވެ. ކޮޓަރީގައި އޮތް ސާރާއަށް ދޮންތަ އާއި ބައްޕަ ދެއްކިވާހަކަތައް އަޑުއަހާ ގިސްލާ ރޮވެން ފެށިއެވެ. ބައްޕަ މިހެން ބުނެ ގޮޑިން ތެދުވެގެން ގޮސް ސިޓިންރޫމް ގައި ހުރި ސޯފާގައި އިން ސުހާ ކައިރީ އިށީނެވެ. މަންމަ އިސްދަށަށް ޖަހައިގެން އިނުމަށް ފަހު ގޮޑިން ތެދުވެ ވަރަށް ދެރަވެހުރެ ސާރާ އަށް ގޮވާލިއެވެ. "ސާރާ! ސާރާ!" ކޮޓަރީގައި ރޯންއޮތް ސާރާއަށް މަންމަ ގޮވާއަޑު އިވުމުން އުފަލުން ދުވެފައި އައިސް މަންމަގައިގާ ބައްދާލިއެވެ. "ދަރިފުޅާ! މަންމަ އަށް މާފްކުރޭ!" އެވަގުތު ސޯފާގައި ތިބި ބައްޕަ އާއި ދޮންތައަށް ސާރާ ބަލާލިއެވެ. އަދި ޝުކުރިއްޔާއޭ ބުނާފަދައިން ހިނިތުންވެލިއެވެ. މަރްޙަބާއޭ ބުނާފަދައިން ބައްޕަ އާއި ދޮންތަވެސް ހިނިތުންވެލިއެވެ. އަދި ސާރާ ހިތާހިތާ ބުނެލިއެވެ. "އަލްޙަމްދު ލިއްލާހި. މާތްﷲ އަށް ޝުކުރު ކުރަން" އަދި މާތް ﷲ އަށް ދުޢާ ދެންނެވިއެވެ. "އިންސާނާގެ ޢަމަލާއި ބަހުން ކުދިންގެ ހިތްތަކަށް ލިބެމުންދާ ފެންނަށް ނުހުންނަ މި ވޭންދެނިވި އަނިޔާއިން މިއަޅާ ސަލާމަތް ކޮށްދެއްވި ފަދައިން މިފަދަ އަނިޔާ ލިބެމުންދާ ހުރިހާ ކުދިންވެސް ސަލާމަތް ކުރަންވާންދޭވެ!" އާމީން...

މަންމަގެ ފަރާތުން މިއަދު ސާރާއަށް ލިބުނު ހަދިޔާއަކީ ހަނދާނުން ފިލުވާނުލެވޭނެ ހަދިޔާއެކެވެ. އަދި މިދުނިޔެ މަތިގައި ދަރިއަކަށް ލިބޭނެ އެއްމެ އަގު ބޮޑު ހަދިޔާއެވެ. އެއީ މަންމަގެ ލޯތްބެވެ. އެއީ މަންމަގެ ފަރާތުން ސާރާ ބޭނުންވި އަގުބޮޑު ހަދިޔާ އެވެ. މަންމަގެ ލޯތްބެވެ. އަދި ސާރާއަށް ލިބެމުން ދިޔަ ފެންނަން ނެތް އަނިޔާއަށް ނިމުމަކަށް އައި ދުވަހެވެ. މިހާރު ސާރާ އަކީ މަންމަގެ ލޯތްބާއި އަޅާލުން ލިބޭ އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ކުއްޖެކެވެ.

=ނިމުނީ=