މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވުމުގެ ހުއްދައަކަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.
ޖާބިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވުމުން އެމަނިކުފާނުގެ ހާލު ބައްލަވާލައްވައި ބައްދަލު ކުރެއްވުމުގެ ފުރުސަތަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. އޭނާ ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް ވަޑައިގަންނަވަނީ ޑީއާރްޕީގެ ލީޑަރުގެ ހައިސިއްޔަތުންނެވެ.
ޖާބިރު ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް ޖަލަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގެންފައި ވާއިރު ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެތައް ޖަލްސާއެއްގައި ރައީސް ޔާމީނާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީނަކީ ޖަލަށްލާން ޖެހޭ ބޭފުޅެއް ކަމަށް ވިދާޅުވެ މިފަހުންވެސް އޭނާ ވަނީ މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވާފައެވެ.
އެގޮތުން މި މަހުގެ 18ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި ޖާބިރު ވަނީ ރައީސް ޔާމީންގެ މުދާ ނަގަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
"އޭނާގެ އަތުގައި ހުރި މުދާ ނަގަން އަޅުގަނޑު ބޭނުން. އެކަން މި މަޖިލީހުން ނުކުރާހާ ހިނދަކު ކޮބައިތޯ މަޖިލީހުގެ ބޭނުމަކީ" ޖާބިރު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. މި ހުކުމް ހައިކޯޓުގައި މިހާރުވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.