ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާގައި ޖަލަށް ލާން ހުކުމް ކުރިއަސް، އެ މައަސްލަ ދައުލަތުން ސާބިތުކޮށް ނުދެވުނު ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ ބޭފުޅެއް ކަމަށްވާ، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ޤާނޫނުގައި ބުނާ މިންގަޑަށް ސާބިތު ނުކުރެވޭ ކަމަށާއި، އަދި މިއަދު ރައީސް ޔާމީނުގެ މައްޗަށް ކުރެވުނު ހުކުމާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މިއަދުގެ ޝަރީއަތުގައި ހުކުމް ކުރި ފަނޑިޔާރުން އައްޔަންކޮށްފައިވަނީ ހަމައެކަނި ހުކުމް ކުރަން ކަމަށާއި، އެއީ އެއްވެސްގޮތަކައް އިންސާފުވެރިގޮތަކަށް ހިނގާ ދިޔަ ޝަރީއަތެއް ނޫންކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.

ޑރ.ޖަމީލު ވިދާޅުވީ ސިޔާސީ ނުފޫޒުގެ ދަށުން ހިންގަމުން އަންނަ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފަދަ މުއައްސަސާތަކުން ކޯޓުތައް އެއްކިބާކުރަންޖެހޭ ކަމަށެވެ. އަދި އިންސާފުވެރި ޝަރީއަތެއް ގާއިމް ކުރަން ބޭނުން ނަމަ ސިޔާސީ ނުފޫޒު އޭގެއިން އެއްކިބާކުރަން ޖެހޭކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.

މިއަދު ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 5 އަހަރަށް ޖަލަށްލައި5 މިލިއަން ޔޫއެސް ޑޮލަރުން ޖުރިމާނާ ކުރުމަށް ކޯޓުންވަނީ ހުކުމްކޮށްފައެވެ. އަދަބު ކަނޑައެޅުން އެހެން ދުވަހަށް ފަސްކުރުމަށް ދިފާއުން އެދިވަޑައިގެންފައި ވީ ނަމަވެސް އެކަން ފަސްކުރުމަށް ބެންޗުން ނިންމާފައެއް ނުވެއެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ އަލި ރަޝީދު ވިދާޅުވީ، އަބްދުﷲ ޔާމީންގެ މައްސަލައިގެ ޝަރީއަތުން މައްސަލަ ބެލިބެލުމުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑާ ކުރި މައްސަލަ ސާބިތުވެފައި ވާކަމަށެވެ. އަދި ހެކިންގެ ހެކި ބަހުންނާއި ކިތާބީ ހެކިތަކުން އެކަން ސާބިތުވެފައި ވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން 5 ގާޒީންގެ ބެންޗުން 5 އަހަރު ދުވަހުގެ މުއްދަތަށް ރައީސް ޔާމީން ޖަލު ހުކުމެއް އިއްވާ، 5 މިލިއަން ޑޮލަރުގެ ޖޫރިމާއެއް ކޮށް ހުކުމް ކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

މި 5 މިލިއަން ޑޮލަރުގެ ގޮތުގައި ރައީސް ޔާމީން ޖޫރިމަނާކޮށްފައި ވާއިރު، އެފައިސާ ދެއްކުމަށް ހުކުމް ކޮށްފައިވަނީ 6 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.