ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ރަސެލް މިއާ ކަމަށެވެ. މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުކޮށްފައިވަނީ މިއަދުއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރުވެސް ކުރިއަށް ގެންދާއިރު، އެ ދެ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމުގެ ނާޖާއިޒު ފައިދާ ނަގައި، ނުރަސްމީ ރޭޓުތަކުގައި ޑޮލަރު ވިއްކައި ނާޖާއިޒު މަންފާ ހޯދާ ފަރާތްތައް ހުއްޓުވުމަށް ސަރުކާރާއި މަރުކަޒީ ބޭންކު ގުޅިގެން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިގޮތުން ގާނޫނަށް ބަދަލު ގެނެސް، ފުލުހުން މެދުވެރިކޮށް ހިންގި ހާއްސަ ރެއިޑްތަކެއްގައި ގިނަ އަދަދެއްގެ ފައިސާ އަތުލައިގަނެ، މިކަމުގައި އިސްކޮށް އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެމްއެމްއޭގެ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ފުލުހުންގެ ތެރޭގައި މިހާރު ވަނީ ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލާފައެވެ. އެހެންކަމުން، މިފަދަ އަމަލުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެ މައުލޫމާތެއް މި ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މައުލޫމާތު ފޮނުވޭނެއެވެ.
އާންމު މަސްލަހަތާ ގުޅުންހުރި މިފަދަ މުހިންމު ކަންކަމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުންގެ ހިދުމަތުން ވަނީ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި، އެފަދައިން އިޝްތިހާރު ކުރުމަކީ ޖިނާއީ ކުށެކެވެ. އަދި ބޭރު ފައިސާގެ މުއާމަލާތްތައް ރާއްޖޭގައި ކުރެވޭނީ ހަމައެކަނި އެމްއެމްއޭގެ ސައްހަ ލައިސަންސް އޮންނަ ފަރާތްތަކަށް އެކަންޏެވެ.
