ދައުލަތުގެ ތިން ބާރު ހިންގާ މައި އިމާރާތްތަކުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައެއްގައި، އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކުގައި ހުއްޓާ ކަމަށެވެ.
ޒިހާން ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓު ހިންގާ އިމާރާތުގައި އަލިފާން ރޯ ނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި އެފަދަ ނުރައްކާތެރި އަމަލެއް ހިންގުމަށް ހިތްވަރުދެމުން އޭނާ ބުނެފައި ވަނީ އެ ތަންތަނުގައި "[ރޯކޮށްލައިފިއްޔާ] މަޖާވާނެ" ކަމަށެވެ. ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓް ސޯޝަލް މީޑިއާއިން ޑިލީޓްކޮށްފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން ތައުލީމު ހާސިލުކުރައްވައިގެން އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒިހާން ސިފައިންގެ ހިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭރު އޭނާގެ ގާތް މީހުން ތުހުމަތުކުރި ގޮތުގައި، ސިފައިންގެ ވަޒީފާއިން އޭނާ ވަކިކުރީ އޭރު އޮތް ސަރުކާރަށް ފާޑުކިޔަމުން ދިއުމާ ގުޅިގެންނެވެ.
އޭގެ ފަހުން މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދިން ނަމަވެސް، ފަހުން ވަނީ އެ މަގާމުން އޭނާ ވަކިކޮށްފައެވެ. މަގާމުން ވަކިކުރި ހިސާބުން ފެށިގެން ޒިހާން އައީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މި ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ހިންގަމުންނެވެ.
