ބުރުޒު ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ އަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ބުރުޒު އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދަނީ މަނިކު ހުސައިން ކިޔާ މީހެއް ކަމަށެވެ.

އެ ކުންފުނިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އޭނާ ފެނިފައިވާ ނުވަތަ އޭނާގެ ހަބަރެއް ލިބިފައިވާ ފަރާތެއް ވާނަމަ ވީ އެންމެ އަވަހަކަށް އެ ކުންފުންޏަށް އެންގުމަށް ވަނީ އެދިފައެވެ. އަދި މި މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 3،000 ރުފިޔާގެ މާލީ އިންާމެއް ދޭނެ ކަމަށްވެސް ވަނީ އިއުލާންކޮށްފައެވެ.

މި ކަމާ ގުޅޭގޮތުން ބުރުޒު ޕްރައިވެޓް ލިމިޓެޑުން އިތުރަށް ބުނީ، މަނިކު ހުސައިން ފެނުމުން އޭނާގެ އަމިއްލަ ގައުމަށް އަނބުރާ ފޮނުވާލުމުގެ ކަންތައްތައް މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ހަމަޖައްސަމުންދާނެ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކުން އެ ޕޯސްޓު ޝެއާކޮށްދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހިރާއްޖެއަށް މަސައްކަތު ގެންނަ ބިދޭސީން ވަޒީފާއިން ފިލައި، ގަވާއިދާ ހިލާފަށް އުޅުމުގެ މައްސަލަ ބޮޑުވެފައިވާއިރު މޯލްޑިވްސް އިމިގްރޭޝަނާ ފުލުހުން ގުޅިގެން އަންނަނީ މިފަދަ މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.