މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް ހިމެނޭ ގޮތަށް، ސަރުކާރު ހިއްސާވާ މައި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ތިން ބޭފުޅަކު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަންކޮށްފިއެވެ.

ޕީސީބީން ބުނި ގޮތުން، އަހުމަދު އަރީޝް އައްޔަންކޮށްފައި ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށެވެ. އަރީޝްގެ އިތުރުން، ސްޓޭޓް ފާމާގެ ބޯޑަށް އިސްމާއީލް ފަރުހާދު އަހުމަދު އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑަށް އަހުމަދު އިމްދާހު މުހައްމަދު ވަނީ އައްޔަންކޮށްފައެވެ.

ޕޯސްޓް އޮފީހުގެ ބޯޑަށް އައްޔަންކުރެއްވުމުގެ ކުރިން، އަރީޝް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. ކުރިން އެމްޑީޕީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާ ތަމްސީލުކުރައްވައި މާލޭގެ ޑެޕިއުޓީ މޭޔަރުކަން ކުރެއްވި އަރީޝް، ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އޭގެފަހުން، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ނަމަވެސް، އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

ސްޓޭޓް ފާމާގެ ބޯޑަށް އައްޔަންކުރެވުނު އިސްމާއީލް ފަރުހާދަކީ ފަތުރުވެރިކަމާއި ޓްރެވަލް ދާއިރާގެ އިތުރުން ލޯކަލް އެޑްމިނިސްޓްރޭޝަންގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހަތް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ފަރުހާދަކީ ޖެމްސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން، ގއ. އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރު އަދި ޗެއާމަންކަން ފަދަ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެސްޓީއޯގެ ބޯޑަށް އައްޔަންކުރެވުނު އަހުމަދު އިމްދާހު މުހައްމަދަކީ އާކިޓެކްޗާ، ޕްރޮޖެކްޓް ޑިވެލޮޕްމަންޓް އަދި ވިޔަފާރި މެނޭޖްކުރުމުގެ ދާއިރާއިން ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، ޓެކްޓަން ޑިޒައިން އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްގެ ގޮތުގައި 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް، 15 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ ހިދުމަތް ކުރައްވާފައެވެ. އަދި އެ ކުންފުނީގެ ކުއަންޓިޓީ ސާވެޔާ އަދި ޕްރޮޖެކްޓް އޮފިސަރެއްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

މީގެއިތުރުން، 2013 ވަނަ އަހަރުން ފެށިގެން އޮކްޓޯބަރު 2020 ގެ ނިޔަލަށް ޕްރޯމޭން-ކޯ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ އިރު، ކޮންސްޓްރަކްޝަން މެނޭޖްމަންޓް ދާއިރާގައި މަސައްކަތްކުރާ ކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިސް ދައުރެއްވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.