ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މިއަދު ކުރާ ހުކުމަކީ ފަނޑިޔާރުންނަށް ބިރު ދައްކައިގެން ކުރާ ހުކުމެއް ކަމަށްވާނަމަ އެ ހުކުމް ބަލައެއް ނުގަންނާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީސް ކުރިމަތީގައި ރޭ ބޭއްވި އެއްވުމެއްގައި ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ޖަލު ހުކުމެއް ނައިސް އެމަނިކުފާނު ސަލާމަތްވެވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަމަށެވެ. އަދި ދައުވާގެ ޝަރީއަތްތައް ކުރިއަށް ދަނީ ރަނގަޅަށް ނޫން ކަަމަށް ރާއްޖޭގެ ގާނޫނުތައް ބަލާލުމުން އެނގިގެންދާ ކަމަށެވެ.

އޭނާ ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުން ރައީސް ޔާމީން ނުކުމެވަޑައިގަންނަވާނީ "މައުސޫމެއްގެ" ގޮތުގައި ކަމަށްވެސް ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރެވޭނެ އެއްވެސް ކަމެއް ދައުވާގެ ޝަރީއަތް ހިނގަމުން ދިޔައިރު ދައުލަތަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީނަށް ދެރަ ގޮތެއް ވާން ކްރިމިނަލް ކޯޓުން ނެރޭ ހުކުމެއް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރޭ ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ވިދާޅުވީ، އެ މަނިކުފާނާ ނުލައި ވެސް ޕާޓީ ހިފެހެއްޓެން ޖެހޭނެ ކަމަށާއި ޕާޓީ ހިފެހެއްޓޭ ކަމަށް ވާނަމަ އެއްވެސް މީހަކު އެޕާޓީން ވަކިވެގެން ދިޔަ ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަޕޯޓަރުންނާ ވަކިން ހުންނަވަން ޖެހިވަޑައިގެންނެވި ކަމުގައި ވީ ނަމަވެސް އެއްވެސް ކަހަލަ ހީނަރުކަމެއް އައިސްގެން ނުވާނެ ކަމަށާއި އެ ބާރު ލިބިގެން ވަނީ އެ ޕާޓީ މެންބަރުންނަށް ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި ހުކުމް އިއްވުމުގެ ޝަރީއަތް އޮތީ މިއަދު 1:30ގައެވެ.