އެކި ޒާތުގެ ރިޕޯޓުތައް ހަދައިގެން އިލްމުވެރިން ޝިކާރަކުރުން ހުއްޓާލުމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

ޑރ. ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ އިލްމް ލިބިފައިވާ ފަނޑިޔާރުން ބޭރުކުރުމަކީ އިސްލާމްދީނާ ދެކޮޅަށް ރޭވިގެން ހިންގޭ އަމަލެއް ކަމަށެވެ. އެމަނިކުފާނު ވަނީ އެއްވެސް ބެލުމެއް ނެތި ޑިއު ޕްރޮސެސް ނަގާލަމުން ދަނީ ކޮން މެންޑޭޓެއް އޮވެގެންތޯ ސުވާލު އުފައްދާފައެވެ.

"ބޭނުން ގޮތަކަށް، ބެލުމެއް ނެތި ޑިއު ޕްރޮސެސް ތިޔަ ނަގާލަނީ. ތިޔައީ ކޮން މެންޑޭޓެއް އޮވެގެން ހިންގާ ކަމެއްތޯ؟ އެކި ޒާތުގެ ރިޕޯޓް ހަދައިގެން ޢިލްމުވެރިން ޝިކާރު ކުރުން ހުއްޓާލާ،" ޑރ. ޖަމީލްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ ދެ ކަމަކާއި ގުޅިގެންނެވެ. އެގޮތުން އެކި ޒާތުގެ ރިޕޯޓު ހަދައިގެން އިލްމުވެރިން ޝިކާރަކުރުން ހުއްޓާލުމަށް ޖަމީލް ވިދާޅުވެފައިވާއިރު އިއްޔެ ސަރުކާރުން ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓު އާއްމުކޮށްފައެވެ. އެ ރިޕޯޓުގައި ޑރ. އަފްރާޝީމްގެ މައްސަލާގައި ޑރ. ޝަހީމްއާ ވެސް ވަނީ ސުވާލުކޮށްފައެވެ. އަދި އެ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ވާހަކަަތަކުގެ ސަބަބުން ބައެއް ފަރާތްތަކުން އަންނަނީ ޑރ. ޝަހީމަށް ފާޑުކިޔަމުންނެވެ.

ޝަރުއީ އިލްމް ލިބިފައިވާ ފަނޑިޔާރުން ބޭރުކުރުމަކީ އިސްލާމްދީނާ ދެކޮޅަށް ރޭވިގެން ހިންގޭ އަމަލެއް ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރުމުގެ މައްސަލައަށް ވޯޓަށް އެހުމަށް މިއަދުގެ މަޖިލީހުގައި ވަނީ އެޖެންޑާ ކުރެވިފައެވެ.