އީރާނުގެ ރައީސް އިންނެވި ހެލިކޮޕްޓަރު އެކްސިޑެންޓްވެ ގެއްލިއްޖެއެވެ.
އިރާންގެ ގައުމީ ޓީވީއިން ރިޕޯޓް ކޮށްފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ލ ރައީސް އެގައުމުގެ އަވަށްޓެރި އަޒަރުބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެ ހެލިކޮޕްޓަރުގައި ރައީސީގެ އިތުރުން ފޮރިން މިނިސްޓަރު ހުސައިން އަމީރުއަބްދުލްހާން ވެސް އިންނެވި ކަމަށް ގައުމީ ޓީވީއިން ވަނީ ރިޕޯޓްކޮށްފައެވެ.
ތަސްނިމް ނިއުސް އެޖެންސީއިން ބުނީ ހެލިކޮޕްޓަރުގެ ތެރޭގައި ރައީސް އާ އެކު ތިބި މީހުންނަށް ކުއްލި ކޯލެއް ކުރެވުނު ކަމަށެވެ. އެހެންކަމުން އެ ހެލިކަޕްޓަރުގައި ތިބި ފަރާތްތައް ސަލާމަތުން ތިބި ކަމުގެ އުއްމީދު އޮތް ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.
މީގެ އިތުރުން އެ ހެލިކޮޕްޓަރާއެކު އިތުރު ދެ ހެލިކޮޕްޓަރެއް ދަތުރުކުރި ކަމަށާއި އެ ދެ އުޅަނދު ރައްކާތެރިކަމާއެކު މަންޒިލަށް ވާސިލުވެފައިވާ ކަމަށް އިރާންގެ ހަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ބުނެފައެވެ. ސަލާމަތުން އެނބުރި ދިޔަ އެހެން ހެލިކޮޕްޓަރުތަކުގައި އެނާޖީ މިނިސްޓަރު އަލީ އަކްބަރު މެހްރަބިއަން އާއި ހައުސިން އެންޑް ޓްރާންސްޕޯޓޭޝަން މިނިސްޓަރު މެހްރްދާދު ބަޒްރުޕާޝް ތިއްބެވިކަމަށާއި އެމީހުންގެ ހާލު ރަނގަޅުކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ،
ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން އިންޓީރިއާ މިނިސްޓަރު އަމީރު ވަހީދީ ވިދާޅުވީ އެކި ރެސްކިއު ޓީމުތަކުން ހާދިސާ ހިނގި ތަނަށް ވާސިލްވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ފޮގާއި މޫސުން ގޯސްވުމުގެ ސަބަބުން އެކަމަށް ވަގުތު ނަގާނެކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ ހެލިކޮޕްޓަރާއި ރޭޑިއޯ ކޮންޓެކްޓް ކުރިކަން ކަށަވަރު ކޮށްދީފައި ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ސަރުކާރުގެ ނޫސް ވެބްސައިޓް އިރްނާ އިން ބުނީ ރައީސްގެ ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ފަޅު އަދި ފަރުބަދަމަތީ ސަރަހައްދު ކަމަށްވާ ހިމާޔަތް ކޮށްފައިވާ ޑިޒްމާ ސަރަހައްދަށް ކަމަށް ބެލެވޭ ކަމަށެވެ.ރައީސާއި އޭނާގެ ޓީމު ދަތުރު ކުރައްވަމުން ގެންދެވީ ކޮން ވައްތަރެއްގެ ހެލިކޮޕްޓަރެއްގައި ކަމެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.