ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ވަނުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޕީއެންއެފްއަށް ފޯމް ފުރުމުގެ މަސައްކަތް މިރޭ 9:00ގައި ފެށިގެން ކުރިއަށް ދަނީ ޕީޕީއެމްގެ އޮފީސް އިމާރާތް ހުރި ހ. ހުރަފާ ގޭގައެވެ.

މިރެއިން ފެށިގެން ޕީއެންއެފްގެ ފޯމު ފުރުން ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހުރަފާ ގޭގައި ހަމަޖެހިފައި ވާއިރު، ރައީސް ޔާމީން ވެސް ވަނީ މިރޭ ޕީއެންއެފްގެ އޮފީހަށް ވަޑައިގެންފައެވެ. ރައީސް ޔާމީންގެ އިސްވަކީލު އަދި އެމްއެންއެޕް އުފެއްދުމަށް އިސްސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން މުހައްމަދު މަލީހް ޖަމާލް ވެސް އެ އޮފީހުގައި އެބަތިއްބެވިއެވެ.

ޕީއެންއެފް އުފެދުމުގެ ހުއްދައަށް އެދި މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައެވެ. ޔާމީން ގެ ފަރާތުން ފޯމު ހުށަހަޅަން އިލެކްޝަން ކޮމިޝަން އަށް ހާޒިރުވި ޓީމުގައި އިސްކޮށް ތިއްބެވީ ޖަމީލާއި މަލީހްއެވެ. އަދި އެ ބޭފުޅުންނާ އެކު ޔާމީންއަށް ތާއީދުކުރާ، ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ބައިވެރި ބައިވެރިވެފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ފަހު އާ ޕާޓީ އެއް އުފެއްދުމުގެ މަސައްކަތް ހަމަ އެ ދުވަހު ވަނީ ފައްޓަވާފައެވެ. އެގޮތުން ޕާޓީ އަށް ކިޔާނެ ނަމާއި ލޯގޯ އަދި ކުލަ ރޭ ވަނީ އިއުލާނުކޮށްފައެވެ. އެ ޕާޓީގެ ލޯގޯގައި ބޭނުންކޮށްފައި ވަނީ ދަނބާއި ހުދު ކުލައެވެ.