އިންގްލިޝް ޕްރިމިއާ ލީގުގެ ތަށި ޖެހި ޖެހިގެން 4 ވަނަ ފަހަރު އުފުލާލި ފުރަތަމަ ޓީމަށް މެންޗެސްޓާ ސިޓީ ވެއްޖެއެވެ.
މި ސީޒަންގެ ލީގު ތަށި ސިޓީއަށް ކަށަވަރުވީ މިއަދު ވެސްޓްހޭމް ޔުނައިޓެޑާ ކުޅުނު މެޗު 3-1 އިން ކާމިޔާބުކުރުމާއެކުގައެވެ. މިމެޗުގެ ފުރަތަމަ ދެވަނަ މިނެޓްގައި ސިޓީގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑަން ވަނީ ލަނޑެއް ޖަހާ ސިޓީއަށް ލީޑު ނަގާދީފައެވެ. މިސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ފޯޑަން އޭނގެ 16 މިނެޓް ފަހުން އަނެއްކާ ވެސް ލަނޑެއް ޖަހާ ސިޓީގެ ލީޑު ފުޅާކޮށްދިނެވެ.
މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ވެސްޓްހޭމްގެ ފޯވަޑް މުހައްމަދު ކުޑޫސް ލަނޑެއް ޖަހާ ސްކޯގެ ފަރަގު 2-1 އަށް ކުޑަކުރިއެވެ. އެހެން ނަމަވެސް ދެވަނަ ހާފްގަައި ސިޓީގެ ރޮޑްރީ ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ ސިޓީއިން ގާތްގަނޑަކަށް ކަށަވަރު ކުރިއެވެ.
1-3 ގެ ސްކޯލައިނަކުން މިމެޗު ސިޓީން ކާމިޔާބުކުރި އިރު ކުރީގެ ބާސަލޯނާގެ ކޯޗު ޕެޕް ގާޑިއޯލާގެ ސިޓީ ލީގު ތަށި ހޯދީ ކުޅުނު 38 މެޗުގެ ތެރެއިން 28 މެޗުން މޮޅުވެ ޖުމްލަ 91 ޕޮއިންޓް ހޯދައިގެންނެވެ.
މުޅި ސީޒަންގައި ސިޓީ 7 ލީގު މެޗުން އެއްވަރުވީ އިރު ބަލިވީ އެންމެ ތިން މެޗުންނެވެ.
ސިޓީއާ އެންމެ ގާތުން ވާދަކުރި އާސަނަލް ސީޒަން ނިންމާލީ 89 ޕޮއިންޓާއެކުއެވެ. ތިންވަނަ އަށް ދިޔައީ 82 ޕޮއިންޓް ހޯދި ލިވަޕޫލެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ 4 ފުރިހަމަ ކުރަނީ 20 އަހަރަށް ފަހު ލީގުގެ ގަދަ ހަތަރަކުން ފުރަތަމަ ފަހަރަށް ޖާގަ ހޯދި އެސްޓަން ވިލާއެވެ.
މިސީޒަންގައި ސިޓީއަށް އަދި އެއްތަށި ހޯދުމުގެ ފުރުސަތު އޮތް އިރު މިމަހުގެ 25 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް އެފް އޭކަޕް ފައިނަލަށް ސިޓީ ނިކުންނާނީ އެ ތަށި ދިފާއު ކުރުމަށެވެ.