ސިހުރު ހެދި ކަމުގެ ތުހުމަތުގައި ށ. ފުނަދޫން ހައްޔަރު ކުރި 60 އަހަރުގެ މީހާގެ ބަންދަށް ޖެހި 15 ދުވަސް ހަމަ ވުމުން އިތުރު 10 ދުވަސް ބަންދުގެ މުއްދަތަށް ޖަހައިފިއެވެ.
މި މަހުގެ 3 ވަނަ ދުވަހު ހައްޔަރު ކުރި އެމީހާގެ ބަންދަށް އޭރު ވަނީ 15 ދުވަސް ޖަހާފައެވެ. އެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ އެމީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ށ. ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު، މުހައްމަދު މަމްދޫހް (މަންޑޭ) އަށް ސިހުރު ހެދި ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ތުހުމަތު ކުރަނީ އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅަށެވެ. ނަމަވެސް އޭނާ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި މިއީ ސިޔާސީ ގޮތުން އޭނާގެ އަގު ވައްޓާލުމަށް ބަޔަކު ހިންގާ އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ރަށުގެ މީހުން ބުނާ ގޮތުގައި، ސިހުރު ހެދުމުގެ ގޮތުން 'ކަބީލާ ލޮއި' ގައި މަމްދޫހުގެ ނަމާއި ގުރުއާންގެ އާޔަތްތައް ލިޔެ ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްގަހަށް ވަނީ ޖަހާފައެވެ. އަދި އެ ލޮއިތައް ގަސްގަހަށް ޖަހަނިކޮށް އެ ރަށުގެ ބައެއް މީހުންނަށް ފެނިފައި އެބަހުއްޓެވެ. ސިހުރު ހަދާފައި ވަނީ މަމްދޫހު 'މަރާލުމަށް' ކަމަށް ރުގްޔާ ކުރާ މީހުންނާ ހަވާލާދީ އެ ރަށުގެ ބައެއް މީހުން ބުނެއެވެ.
މިހާތަނަށް އެ ސިހުރު ހަދާފައިވާ ތިނެތި ފެނިފައިވާ އިރު އަދި ދޭތި ވާނެ ކަމަށް ވެސް މައުލޫމާތު ދިން މީހުން ބުނެއެވެ. މި ސިހުރު ހަދާފައި ވަނީ ސީދާ މަމްދޫހް މަރާލުމުގެ ނިޔަތުގައި ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ. އެ ރަށުގެ ކައުންސިލް ރައިސަށް ތަުހުމަތުތައް އަމާޒުކުރަމުން އަންނަ އިރު. އެ ރަށު މީހަކު ބުނެފައި ވަނީ އެ ރަށުގައި އޭނާގެ ރައްތެއްސެއްގެ ގެއަށް ސިހުރު ހަދާ މީހަކު ގެނެސްގެން ބައްދަލު ކޮށްފައިވާ ކަމަށެވެ.