ގދ. އަތޮޅުގެ ރިސޯޓަކުން ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓް އިން މިއަދު ހެނދުނު ކަޔަކެއްގައި މޫދަށް ފޭބި ބިދޭސީއެއް ގެއްލިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ރިޕޯޓް ލިބުމާ އެކު އެމީހާ ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ގެއްލުނު ބިދޭސީ މީހާއަކީ އެ ރިސޯޓްގެ ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އެމީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު ފަހު 3:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި ދުވަސްވަރަކީ ވިއްސާރަ އަދި ކަނޑު ގަދަ ދުވަސް ވަރެއް ކަމުން ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ގޮވާލާފައެވެ. އެމީހާ ގެއްލިގެން ރިޕޯޓްކޮށްފައިވާ ވަގުތަކީ މޫސުން ގޯސްވުމުގެ ސަބަބުން ރީނދޫ އެޅާޓް ވެސް ނެރެފައިވާ ވަގުތެވެ. އެ ގޮތުން ށ އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ވަނީ ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައެވެ.