1979 ގައި އީރާނާ ދެކޮޅަށް އެމެރިކާ އާއި ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހުރެ ޒަމާނީ ޓެކްނޮލޮޖީ ލިބުން ދަތިވެ އޭވިއޭޝަން ދާއިރާ ތަރައްގީ ކުރެވިފައި ނުވާ އިރު ވައިގެ އުޅަނދުތަކުގެ އެކްސިޑެންޓް ތަކުގައި މިހާތަނަށް 2000 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި 1755 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ރިޕޯޓު ކޮށްފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އީރާނާއި އަޒަރުބައިޖާން ގުޅޭ އިމުގައި ތަރައްގީ ކުރި ޑޭމް އެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި ހާރިޖީ ވަޒީރު ހޮސައިން އަމްރު އަބްދުއްލޯހިޔާން އާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުއްލޯ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ.
އީރާނުގެ ނިއުސް އެޖެންސީ [އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ] އިން ބުނާ ގޮތުގައި, ޑޭމް ހުޅުވުމުގައި ތަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެބޭފުޅުން ހެލިކޮޕްޓަރު ގައި ފުރާވަޑައިގަތެވެ.
3 ހެލިކޮޕްޓަރެއް އެކުއެކީގައި ދަތުރުކުރަމުން ދިޔަ އިރު މިއަދަކީ މޫސުން ގޯސްވެ ބޯ ދުންފިންޏާ ހުރެ ދުރު ފެންނަ މިންވަރު 5 މީޓަރު ހާ ހިސާބަށް ނުސާފު ދުވަހެއް ކަމަށާއި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ ހިނގި އިރު އެކަން ދިމާވެފައި ވަނީ, އިތުރަށް ދަތުރު ނުކުރެވިގެން އީރާނުގެ ހުޅަނގު އުތުރު ބިތުގައި އޮންނަ އުޒީ ވިލެޖާ ހިސާބުން ވަރްޒަގާން އަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ނޫސް އިދާރާތަކުން ބުނާގޮތުން ހެލިކޮޕްޓަރު ކުއްލިއަކަށް ޖައްސަން މަޖުބޫރުވި ކަމަށާއި އެއާއެކު އެކްސިޑެންޓް ހިނގިކަމަށް ބުނެފައި ވެއެވެ.
އެކުގައި ދަތުރުކުރި 2 ހެލިކޮޕްޓަރު ސަލާމަތުން މަންޒިލަށް ދިޔަ ނަމަވެސް ރައީސީ އިންނެވި ހެލިކޮޕްޓަރު ވަރްޒަގާން އިން ވަނީ ގެއްލިފައެވެ.
ހެލިކޮޕްޓަރު ގޮވީ ކަމެއް ނުވަތަ ފަރުބަދަ ތަކުގެ ތެރެއަށް ވެއްޓުނީކަމެއް ސާފު ނުވާ އިރު ވަރްޒަގާންގައި ދިރިއުޅޭ ބައެއް އާންމުންނާ ހަވާލާދީ ބައެއް ރިޕޯޓުތަކުގައި ބުނެފައި ވަނީ އެއްޗެއް ގޮވި އަޑު ބާރަށް އިވުނު ކަމަށެވެ.
ރައީސީ އިންނެވި ހެލިކޮޕްޓަރުގެ އެކްސިޑެންޓާ އެކު މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ ސަރަހައްދަށް ގޮސް ފައިމަގުގަ އާއި ވެހިކަލްތަކުގައި އަތްފުނާ އަޅަމުން ދިޔަ ނަމަވެސް އަދި ހެލިކޮޕްޓަރުވެސް އަދި މީހަކުވެސް ނުފެނެއެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 44 ޓީމަކުން ހަރަކާތްތެރިވާ އިރު ޖަންގަލީގެ ހަނގުރާމަތަކަށް ތައްޔާރު ކޮށްފައި އޮންނަ އީރާނުގެ އަސަކަރިއްޔާގެ ފައުޖުވެސް މިހާރު ވަނީ އެސަރަހައްދަށް ފޮނުވާފައެވެ. އަދި އީރާނުގެ ތެރޭގެ އަމަން އަމާންކަން ބެލެހެއްޓުމަށް ދިފާއީންނާއި ފުލުހުން ނިކުމެ ހަރަކާތްތެރިވަމުން ދާ އިރު, މޮބައިލް ހޮސްޕިޓަލް ގޮތަށް ބޭނުން ކުރެވޭ ވެހިކަލްތަތަކާއި ސާޖަނުންނާއި މެޑިކަލް ޑޮކްޓަރުންގެ އިތުރުން އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ހާއްސަ ޓީމުތައް ވެސް މިހާރު ވަނީ ހެލިކޮޕްޓަރު އެކްސިޑެންޓް ހިނގި ސަރަހައްދަށް ގޮސްފައެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން އެކްސިޑެންޓުވި ވަގުތު ރައީސީގެ ބޮޑީގާޑުން ކަމާބެހޭ ފަރާތްތަކަށް އެތައް ފަހަރަކު ގުޅާފައި ވެއެވެ. ނަމަވެސް އެހެން ބައެއް ރިޕޯޓުތައް ބުނާގޮތުން އެޓީމުގެ ސެޓެލައިޓް ފޯނަކަށް ނުގުޅެއެވެ.
ރައީސީ އެކްސިޑެންޓް ވުމާއެކު ގައުމީ ސަލާމަތާ ބެހޭ ހާއްސަ ބައްދަލުވުމެއް އީރާނުގެ ރޫހާނީ ލިޑަރުގެ ބެއްލެވުމުގެ ދަށުން ބާއްވަމުން ދާ ކަމަށް ބުނެ ފަތުރާ ހަބަރުތައް އީރާނުން ވަނީ ދޮގު ކޮށްފައެވެ. އަދި މި ހައްސާސް ވަގުތުގައި ސާބޮތު ނުހިފޭ ވާހަކަތައް ނުފެތުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ނޫސްވެރިންނަށް ވަނީ ގޮވާލާފައެވެ.
ރައީސީގެ ހަބަރެއް އަދި މިވަގުތާ ހަމައަށް ލިބިފައި ނުވާއިރު ރައީސީ އާއި ގެއްލުނު ފަރާތްތައް ހެޔޮހާލުގައި ލެއްވުން އެދި ދުއާ ކުރުމަށް އާންމުންގެ ކިބައިން އެގައުމުގެ ޓީވީން ވަނީ އެދިފައެވެ. މިއާއެކު ގިނަ އަދަދެއްގެ ބަޔަކު ދުއާގައި ބައިވެރިވަމުން އަންނަކަންވެސް ފާހަގަ ކުރެވެއެވެ.
ރައީސީގެ އެކްސިޑެންޓާ ގުޅިގެން ހާދިސާގެ މައުލޫމާތު ބަލައި ދެނެގަންނަމުން ދާ ކަމަށް އެމެރިކާގެ ވައިޓްހައުސް އިން ބުނެފައި ވާ އިރު އިޒްރޭލުގެ ބައެއް މަސްދަރުތަކުގައި ބުނަމުން ދަނީ ރައީސީ އަވަހާރަ ވެއްޖެ ކަމަށެވެ. އަދި އެކަމުގެ އުފާފާޅުކުރުމުގެ ގޮތުން އިޒްރޭލުގެ ބައެއް އެކްޓިވިސްޓުން ގެންދަނީ އިޒްރޭލުގެ ޖާޖޫސީ އިދާރާ މޮސާޑުގެ ލޯގޯ ޝެއާ ކުރުމާއެކު އެކިއެކި މީމްތައް ހިއްސާ ކުރަމުންނެވެ.