ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު ފަސް ރަށަކަށް ފޯރުކޮށްދީފި އެވެ.

ބީއެމްއެލްއިން ބުނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލްއިން ތައާރަފު ކުރި 'އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު'ގެ ތިންވަނަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ހޮވައިފި ކަމަށެވެ.

މިފަސް ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެނީ:

- ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުން - މައި ޗޮއިސް އިސް ފުޓްބޯލް

- ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން - ޒިގް ޒެގް ފޯރ ޔޫތް ލިންކޭޖް

- ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުން - އަހުމަދު ރަޝީދު

- ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން - އައިޑިއާސް

- ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން - ކަނޑޫ ސްޕޯރޓްސް ކްލަބް މި ޕްރޮޖެކްޓް ތަކެވެ.

ބީއެލްއެމްގެ ކޮމިއުނިޓީ ފަންޑުގެ ޕްރޮގްރާމެއް / ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވީ އެ ބޭނުންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވެގެން ގޮސްފި ކަމަށެވެ.

ބީއެމްއެލްއިން ބުނީ މިފަންޑުގެ ދަށުން މިހާތަނަށް ޕްރޮޖެކްޓްތައް ހިންގަން ދިހަ ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހް ކޮށްފައި ވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް 'އަހަރެންގެ ބޭންކް'ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭ ބީއެމްއެލް އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއާވެސް ހަދިޔާ ކޮށްފައެވެ.