ތ. ކަޅުދިޔަފުށީގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓް 29.5 މިލިއަން ޑޮލަރަށް ވިއްކާލުމަށް އިއުލާން ކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތ. ކަޅުދިޔަފުށީގައި 108 ކޮޓަރި ހިމެނޭ ގޮތަށް ތަރައްގީ ކުރާ އެ ރަށް ވިއްކާލަނީ އެ ރަށް ތަރައްގީ ކުރުމަށް ޓަކައި ހުރަވީ އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކުން ބީއެމްއެލްއިން ނަގާފައިވާ "ކްރިޑިޓް ފެސިލިޓީ"އަކަށް ފައިސާ ދައްކަމުން ނުދާތީ އެ ރަށް ވިއްކާލައިގެން ފައިސާ ހޯދުމުގެ ހުއްދަ ސިވިލް ކޯޓުން ކުރި ހުކުމަކުން ބޭންކަށް ދީފައިވާތީ ކަމަށެވެ.
އެ އިއުލާނުގައި ބީއެމްއެލްއިން ބުނީ ކަޅުދިޔަފުށި ވިއްކާލަނީ 29.5 މިލިއަން ޑޮލަރަށް ކަމަށެވެ. އެ ރަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުން އަންނަ މަހުގެ 20 ވަނަ ދުވަހު ހަވީރު 16:00 ގައި ބީއެމްއެލްގެ ހެޑްއޮފީހުގެ ހަ ވަނަ ފަންގިފިލާގެ މީޓިން ރޫމްގައި އޮންނާނެ އެވެ.
މި ރަށަކީ ކުރީގެ ރައްޔިތުން މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު ދޮން މަނިކަށް އެމްއެމްޕީއާރްސީން ދީފައިވާ ރަށެކެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކޮށް އާއްމުކުރި ރިޕޯޓުން އެނގޭ ގޮތުގައި އެ ރަށުގެ އިކުޒިޝަން ކޮސްޓަށް ވާ 150،000 ޑޮލަރު ހުސެން މަނިކު ދޮންމަނިކު އެމްއެމްޕީއާރުސީއަށް ދެއްކެވީ އެމްއެމްޕީއާރްސީގެ ފައިސާތައް އެންމެ ގިނައިން ވަން ކުންފުނި އެސްއޯއެފް މެދުވެރިކޮށް ހުސައިން މަނިކަށް ލިބިވަޑައިގަތް ފައިސާއިންނެވެ.
މިކަމާއި ގުޅޭގޮތުން ހުސައިން މަނިކުވެސް އަދި އެ ކުންފުނިންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.