ސީލައިފް ކުންފުނިން ފްލެޓު ގަތް ފަރާތްތަކަށް އެޗްޑީސީން ބަދަލު ދިނުމަށް ނިންމާފައިވާ އިރު، ފްލެޓު ގަތް ފަރާތްތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތަކުން އެފަރާތްތަކުގެ މައުލޫމާތު އެޗްޑީސީއާ ހިއްސާކުރުމަށް އެ ކުންފުނިން އެފަރާތްތަކަށް މުހުލަތެއް ދީފިއެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓު އެޅުމަށް ދައުލަތުން ހަވާލު ކުރި ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑަށް ބުކިން ފީ ދެއްކި ފަރާތްތަކަށް ސަރުކާރުން ވަނީ ބަދަލު ދީފައެވެ. އާންމުންގެ 203 މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު ސީލައިފުން އެ ފަރާތްތަކަށް އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ. ސީލައިފުގެ ވެރިޔާ ހޯދުމަށް ދާދި ފަހުން ވަނީ ރެޑް ނޯޓިހެއް ވެސް ނެރެފައެވެ.
މި މައްސަލާގައި ގިނަބަޔަކު ކޯޓަށް ދިޔަނަމަވެސް ކޯޓަށް މައްސަލަ ހުށަނާޅާ މީހުންވެސް ތިއްބެވެ. އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ބަދަލު ހަމަޖެއްސުމުގެ ކަންކަން މިހާރު އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި ފްލެޓު ގަތް މީހުންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީއަށް އެންގުމަށް އެކުންފުނިން ވަނީ އެދިފައެވެ.
އެޗްޑީސީން ބުނީ މި މަހުގެ 26ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް އެކަން އެންގުމަށް އެދޭ ކަމަށެވެ. އެޗްޑީސީއަށް އެކަން އަންގާއިރު ފްލެޓް ގަތުމަށް ސީލައިފް އާއެކު ވެފައިވާ އެއްބަސްވުމާއި ސީލައިފަށް ފައިސާ ދެއްކި ކަމުގެ ރަސީދު އަދި އަޑީކާޑުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.
ސީލައިފަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލު ކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުންއެވެ. އަދި ސީލައިފަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގައެވެ.