ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ބޭންކިންގެ އާ ހެޑްކުއާޓާއެއް ހުޅުވައިފި އެވެ.

ބީއެމްއެލް އިސްލާމިކް ބޭންކުގެ އާ ހެޑްކުއާޓާ ހުޅުވާދެއްވީ މިކަމަށް ހާއްސަ ކުރެވިގެން ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ފިނޭންސް އެން ޓްރެޒަރީ އިބްރާހިމް އަމީރެެވެ. މި ހެޑްކުއާޓާ ހުންނަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ޒޮނޭރިއާ ގައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި ހެޑްކުއާޓާއިން ކައުންޓަރު މެދުވެރިކޮށް ފައިސާ ގެ މުއާމަލާތުގެ ހިދުމަތުގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެކި އެކި ހިދުމަތް ފޯރުކޮށްދިވިގެންދާނެ ކަމަށެވެ. އަދި އެ އިމާރާތުގައި ގާއިމް ކުރެވިފައިވާ ކަސްޓަމާ އެޑްވައިސް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަރީއާ އާއި އެއްގޮތްވާ ގޮތުގެ މަތިން މައޫލޫމާތު ފޯރުކޮށްދެވިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި އެއާއެކު 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ހިދުމަތްވެސް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް އިސްލާމިކްގެ އާ ހެޑްކުއާޓާއެއް ހުޅުވުން: ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްގެ ކޮންވެންޝަނަލް އިން ދޭ ކޮންމެ ހިދުމަތެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެއެވެ. ބީއެމްއެލް އިސްލާމިކް ގެ ހިދުމަތް ފަރުމާކުރެވިފައިވަނީ އިސްލާމިކް ބޭންކިންގްއާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކުގެ މައްޗަށް ބިނާކުރެވިގެންކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ފައިސާ ބެލެހެއްޓެނީ މުޅިން ވަކީން ކަމަށާއި، މި ފައިސާ ބޭނުންކުރެވޭނީ ޝަރީއާ ހުއްދަ ބޭނުންތަކަކަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ހުރިހާ ކަންތައް ބަލަމުންދަނީ ބައިނަލް އަގްވާމީ މާހިރުން ހިމެނޭ ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީންކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.