ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކޮށްފައި ވަނީ އޭނާ މަގާމުން ވަކިކޮށް ދިނުމަށް، ޖުޑީޝަރީ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެމައްސަލަ ފޮނުވުމާ ގުޅިގެންނެވެ. އެގޮތުން މަޖިލީހަށް މިއަދު ހާޒިރުވި މެންބަރުންގެ ޖުމްލަ އަދަދަކީ 75 މެންބަރުންނެވެ. ޖުމްލަ 73 މެންބަރުން މި ވޯޓުގައި ބައިވެރިވެވަޑައިގެންފައި ވާއިރު އޭގެތެރެއިން 72 މެންބަރުންވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމަށް ވޯޓް ދެއްވާފަ ވެއެވެ. އަދި އެއް މެންބަރަކު ވަނީ އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވެއެވެ. އެހެންކަމުން މަޖިލީހުގެ މިވޯޓާއެކު ފަނޑިޔާރު އަބްދުﷲ ދީދިގެ މަގާމުންވަނީ ވަކިކޮށްފައެވެ.
ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިފައި އޮތަސް، އެކަން ތަންފީޒު ވާނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެގޮތުން ފަނޑިޔާރު ދީދީ މަގާމުން ވަކި ކުރެވޭނީ، ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް، މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފޮނުވައި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތެރެއިން ތިންބައި ކުޅަ ދެބައި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ފަނޑިޔާރު ދީދީ މަގާމުން ވަކިކުރަން ނިންމާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމީ، އޭނާއާ ބެހޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުން ދިޔަ މައްސަލައިގެ ރިޕޯޓް އެ ކޮމިޝަނުން ބަލައިގަނެ، އެ ރިޕޯޓަށް ޖަވާބު ދިނުމަށް ފަނޑިޔާރު ދީދީއަށް 30 ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހުއެވެ. އަދި އެ ފުރުސަތުގައި ފަނޑިޔާރު ދީދީ ޖޭއެސްސީއަށް ދީފައިވާ ޖަވާބުގައި ތަހުގީގު ރިޕޯޓުގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތް ކަމަށް ކޮމިޝަނަށް ނުފެންނާތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ އެކި އެކި ޝަރީއަތްތަކުގެ މައްސަލަތަކާއި ގުޅުވައިގެން ފަނޑިޔާރު ދީދީ މަންފާތަކެއް ހޯއްދާފައިވާ ކަމަށެވެ. އެގޮތުން ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންނަށް ސިޔާސީ މަގާމެއް ހަމަޖައްސައި ދެއްވުމަށް އެދި ސަރުކާރުގެ ބާރުގަދަ ފަރާތަކަށް މެސެޖު ކުރައްވާފައިވާ ކަމަށް ވަނީ ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވެއެވެ. އެއީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރު ކަމެވެ. ޖޭއެސްސީގެ ތަހުގީގު ރިޕޯޓުން ފާހަގަކުރެވުނު އަނެއް ކަމަކީ ފަނޑިޔާރު ދީދީގެ އެ މެސެޖުތަކަށްފަހު އެމަނިކުފާނުގެ އަނބިކަނބަލުންނަށް މެލޭޝިޔާގެ ޑެޕިއުޓީ އެމްބެސެޑަރުކަން ހަމަޖެހިގެން ދިޔުމެވެ. އެހެންކަމުން ފަނޑިޔާރު ދީދީގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއް ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އެއީ ތެދުވެރިކަމާއި އިހުލާސްތެރިކަމުގެ އިތުރުން އަމާނާތްތެރިކަންވެސް ނެތުމެވެ.
ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރު އަބްދުﷲ ދީދީއަށްވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ. ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކުގެ ތެރެއިން ނުވަ މިންގަނޑަކާއި ހިލާފުވެވަޑައިގެންފައިވާކަން ޖޭއެސްސީގެ ރިޕޯޓުންވެސް ހާމަވެއެވެ.
މިކަމާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެއްކެވި ގިނަ މެންބަރުންވަނީ އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ތާއީދުކޮށްފަ އެވެ. ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ވިދާޅުވީ މިއަދަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުން ރައްޔިތުން ގާތު ޖުޑީޝަރީ އިސްލާހު ކުރުމުގެ ހަގީގީ މަސައްކަތް ފެށިގެން ދާ ދުވަސް ކަމަށެވެ.