ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކަށް ހައްލުކުރުން އޮފީސް ފޯ ސިވިލް ރައިޓްސް އަށް ބަދަލުކޮށްފިއެވެ.
މި ކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތަކަކީ އާންމު ފަރުދުންގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަންކަން ކަމަށާއި އެހެންކަމުން، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އަދި އިންސާފުވެރި ގޮތެއްގައި އަމަލުކުރުމަށް ޓަކައި އެ މައްސަލަތައް ދެން ފޮނުވާނީ ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގާ "އޮފީސް ފޯ ސިވިލް ރައިޓްސް" އަށް ކަމަށެވެ.
އަދި މީގެ ފަހުން އެފަދަ މައްސަލަތަކުގައި މިނިސްޓްރީން އަމަލުކުރަމުން ދާނީ އޮފީސް ފޯ ސިވިލް ރައިޓްސްއިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ ހުޅުމާލެ ފޭސް 2ގެ ބިމެއް، ނުއަގުގަައި ވަކި މީހަކަށް ވިއްކާލަން އުޅޭކަމުގެ ތުހުމަތުތަކެއް އަމާޒުވެފައެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އިކޮނޮމިކް މިނިސްޓްރީން ބުނީ 22 ޑިސެމްބަރު 2003 ގައި އޭރުގެ ހޯމްއެފެއާޒް މިނިސްޓްރީގެ ދަށުން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ތެރެއިން އަހުމަދު ޒާހިރަށް ހުޅުމާލެ ފޭސް 1 އިން 904 އަކަފޫޓުގެ ބިމެއް 339,000 ރުފިޔާއަށް ވިއްކުމަށް ކަނޑައެޅިފައިވާކަން ރަސްމީ ލިޔެކިޔުންތަކުން އެނގެން އޮތްކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ވިއްކުމަށް ނިންމި ބިމަކީ ކުރީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" ގެ ދަށުން ޝަރުތު ހަމަނުވާ ފަރާތަކަށް ދޫކޮށްފައިވުމުން އެއްބަސްވުން ބާތިލުކޮށް ހުސްވެފައިވާ ބިމެއްކަމަށެވެ. އަދި މި ބިން ދިނުމަށް ނިންމީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އެފަރާތަށް ލިބިފައިވާ ޕްލޮޓްގެ އެންމެހާ ހައްގުތައް ދޫކޮށްލުމަށް އެއްބަސްވުމުން ކަމަށް ވެސް ވަނީ ބުނެފައެވެ.
މި މައްސަލާގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް މިނިސްޓްރީން އަމަލުކޮށްފައިވޭތޯ ބަލައިދިނުމަށް އެދި އިސްނަގައިގެން އޭސީސީއަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
