މި މަހުގެ 26 އިން 28 އަށް ކުރިއަށްދާ ދެވަނަ އިންޓާ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސް (އައިއެސްސީ) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ކެމްބޯޑިއާގެ ވެރިރަށް ފްނޮމް ޕެންއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ކޮންފަރެންސްގެ ތެރެއިން މަޖިލީހުގެ ރައީސް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ވާހަކަފުޅު ދައްކަވާނީ "ސުލްހަ އާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަގްވާމީ ގާނޫނުތައް ހަރުދަނާކުރުމާއި ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫގެ މައްޗަށެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިދާރީ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން، އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަހްމަދު ނިހާން ހުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލް ޒުއްޔިނާ ބަދުރީ ވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

އިންޓާ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސް (އައިއެސްސީ) އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން އެއްތަނަކަށް އެއްވެ، ދުނިޔޭގެ ސުލްހައާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި، ހަމަނުޖެހުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ އިތުރުން އެންމެން ގުޅިގެން ހޯދޭނެ ތަރައްގީއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައިނަލްއަގްވާމީ ކޮންފަރެންސެކެވެ.