ރާއްޖޭގެ އިގްތިސޯދީ ހާލަތު މިއަދު އޮތް ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ހެޔޮވަރު ވަރަކަށް ތިރިކޮށް ނުވަތަ 'ރައިޓް ސައިޒް' ކުރަން ޖެހޭ ކަމަށާއި، އެމްޕީއެލްއިން އެކަނިވެސް މަހަކު 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭކާރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ފެނަކަ ކޯޕަރޭޝަނަށް މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ތިބެންޖެހޭ އަދަދަށް ވުރެ އިތުރަށް 600 މުވައްޒަފުން އެބަތިބި ކަމަށެވެ.
އެމްޕީއެލްއަށް މީގެ ކުރިން ޒިޔާރަތްކުރި ދުވަހެއްވެ ވާހަކަ ހިއްސާކުރަމުން ނާޒިމް ވިދާޅުވީ، އެ ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް 600 މުވައްޒަފުން އެ ކުންފުނީގައި ތިބި ވާހަކަ އޭރުގެ ސީއީއޯ ވިދާޅުވި ކަމަށެވެ. "އަޅުގަނޑުމެން މި ދައްކަނީ 600 މުވައްޒަފުންގެ ވާހަކަ. އެވަރެޖުކޮށް ވިއްސަކަށް ހާސް ރުފިޔާ ނުވަތަ ތިރީހަކަށް ހާސް ރުފިޔާގެ މުސާރަ ކަމަށް ވަންޏާ މި ދައްކަނީ މަހަކު ވިއްސަކަށް މިލިއަން ރުފިޔާ އަޅުގަނޑުމެން ބޭރުކުރާ ވާހަކަ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިގޮތަށް ބޭކާރުވާ 20 މިލިއަން ރުފިޔާވެސް ދާނީ ޑޮލަރުގެ ފަހަތުންނެވެ. އަދި ބާޒާރަށް ރުފިޔާ ނިކުންނަ ވަރު އިތުރުވުމުގެ ސަބަބުން ޑޮލަރުގެ އަގު 40 ޕަސެންޓް ޑީވެލިއުވެފައިވާ ކަމަށެވެ. ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރުމަކީ "ބަންޑާރަ ބާލީހަށް ކަފަ ލައްވާ ގޮތަށް" ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، އޭނާ ވިދާޅުވީ އޭގެ ތެރެއިން ގިނަ މީހުންނަކީ ހަމައެކަނި ކާޑު ޖަހާލުމަށްފަހު ގެއަށްދާ މީހުން ކަމަށެވެ.
މީގެ އިތުރުން، މ. އަތޮޅުގެ ނާލާފުށްޓާއި ވޭވަށުގެ އިންޖީނުގެތައް ސްޓެލްކޯއާ ހަވާލުކުރިއިރު، ކުރިން ތިބި ގިނަ އަދަދެއްގެ މުވައްޒަފުންނާ ނުލައިވެސް އެ ތަންތަން މިހާރު ރަނގަޅަށް ހިންގޭކަން ނާޒިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އުފެއްދުންތެރިކަމެއް ނެތް ގޮތުގައި ވަޒީފާ ދިނުމަކީ އިގުތިޞާދަށް އޮތް ބޮޑު ނިކަމެތިކަމެއް ކަމަށާއި، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މިކަމުގައި ޒިންމާދާރުވާން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުންފުނިތަކަކީ ފިޓު ކުންފުނިތަކަކަށް ހަދަން އެބަޖެހޭ،" ނާޒިމް ވިދާޅުވިއެވެ.
މިއީ މަޖިލީހުގެ ނައިބު ރައީސްކަމާ މިދިޔަ މެއި މަހު ހަވާލުވެވަޑައިގަތުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ބޭއްވި ބަހުސެއްގައި ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ސަރުކާރު ކުންފުނިތައް ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ގޯސްވެ، ބޮޑެތި ގެއްލުންތަކެއް ވަމުންދާ މައްސަލައަކީ އަބަދުވެސް އޮންނަ ބޮޑު ކަންބޮޑުވުމެކެވެ.
