ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ އެކޮމޮޑޭޝަން އަދި މެއިންޓަނަންސް ބްލޮކްގައި ފޮރުވާފައި ހުރި 6.5 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާކުރި ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ޖޫން 2020 ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެންސިސްގެ އެކޮމޮޑޭޝަން ބްލޮކް ފާސްކޮށް އެ ތަނުގެ ތަފާތު އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދި މައްސަލައެކެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނު ތަނަކީ އާންމުކޮށް މީހުން އުޅޭ ތަނެއް ނަމަވެސް، އެއީ ޝަރީފް ވެސް ބޭނުންކުރާ ތަނެއްކަން ހެކިންގެ ބަހުން ސާބިތުވެއެވެ. އަދި މަސްތުވާތަކެތި ހުރި ހޮޅިގަނޑަކުންނާއި އެތަނުން ފެނުނު މަސްތުވާތަކެތި ހޭކިފައިވާ ޑިޖިޓަލް ކައްޓާއަކުން ޝަރީފްގެ ފިންގަ ޕްރިންޓް ވަނީ ފެނިފައެވެ.

މީގެއިތުރުން މަސްތުވާތަކެތި އަޅާފައި ހުރި ވަކި ބްރޭންޑެއްގެ ފުޅިތަކެއް، ޝަރީފް ފިހާރައަކުން ގަނެގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ދައުލަތުން ހުށަހަޅާފައިވާކަމަށް ވެސް ކޯޓުހުކުމުގައި ވަނީ ބުނެފައެވެ.

ކޯޓު ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ހެކިލިބުނު ބަޔަށް ރިއާޔަތްކޮށް، ޝަރީފްގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ވަނީ ސާބިތުވެފައިކަމަށެވެ.

ޝަރީފް 25 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް، މީގެ ކުރިން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ 23 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމެއްކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މީގެ ކުރިން ބަންދުން ދޫކޮށްލާފައި ހުރުމަށްފަހު ކޯޓަށް ހާޒިރުކުރުމަށް އޭނާ ހޯދަން ފުލުހުން އިއުލާން ވެސް ކުރިއެވެ.