އައްޑޫ ސިޓީގެ ލިންކް ރޯޑް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ދުވެލި އަވަސްކުރުމަށްޓަކައި، އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު އަހްމަދު ދީދީ ވަނީ އައްޑޫ ލިންކް ރޯޑް ހެދުމުގެ މަސައްކަތް ހަވާލުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، އައްޑޫ ލިންކް ރޯޑަކީ މިހާރު ވަރަށް ބޮޑަށް ހަލާކުވެ، އަވަހަށް ހަދަން ޖެހިފައިވާ މަގެއް ކަމަށެވެ. އަދި އެ މަގު އެކަނި ރަނގަޅު ފެންވަރަކަށް ހެދުމަށްވެސް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއު ކުރިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މަސައްކަތުގެ ހަރަދު ކުޑަކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، އާރްޑީސީން މިހާތަނަށް މަގު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް އަވަހަށް މަގުގައި ތާރު އަޅައި ނިންމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ލިންކް ރޯޑަކީ ވަރަށް ހަރަދު ބޮޑު ޕްރޮޖެކްޓަކަށް ވާތީ، ވީހާވެސް ހަރަދު ކުޑަ އަދި އަވަސް ގޮތަކަށް އެ މަސައްކަތް ނިންމުމަށްޓަކައި އެހެން ބަޔަކާ އެ މަސައްކަތް ހަވާލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެގޮތުން، އާރްޑީސީއަށް އައްޑޫގެ އެހެން މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި، ލިންކް ރޯޑްގެ މަސައްކަތް ވަކިން އެހެން ބަޔަކާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.

އައްޑޫ ލިންކް ރޯޑް ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. ޖުމްލަ 829 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ 1440 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ލިންކް ރޯޑުގެ އިތުރުން 67.58 ކިލޯމީޓަރުގެ މަގުގައި ތާރު ނުވަތަ ގާ އެޅުމާއި، ފޭދޫގެ ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ދުވާރު ހެދުމުގެ އިތުރުން ސައިން ބޯޑު ހަރުކުރުން ހިމެނެއެވެ.