ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓެކްސް އާމްދަނީއާއި އިމްޕޯޓް ޑިއުޓީއަށް އައި ކުރިއެރުމާއެކު، މި އަހަރުގެ ސެޕްޓެމްބަރު 3 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 27.04 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6.2 އިންސައްތައިގެ (1.69 ބިލިއަން ރުފިޔާގެ) އިތުރުވުމެއްކަމަށެވެ.
މި ރިޕޯޓުގައި ބުނެފައިވާގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު މި އަހަރު އާމްދަނީއަށް ލިބުނު 1.69 ބިލިއަން ރުފިޔާގެ މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 8.5 އިންސައްތަ އިތުރުވެފައިކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ފާއިތުވެދިޔަ ހަފުތާގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ތަކެއްޗާއި ހިދުމަތްތަކުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އާއި އިމްޕޯޓް ޑިއުޓީންކަމަށެވެ.
މި އަހަރުގެ މިހާތަނަށް ޓީޖީއެސްޓީގެ ގޮތުގައި 7.71 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 7.46 ބިލިއަން ރުފިޔާއަށްވުރެ 3.3 އިންސައްތަ އިތުރު އަދަދެއްކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 30.86 ބިލިއަން ރުފިޔާގައިކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ބުނީ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކުރި 26.38 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17.0 އިންސައްތަ އިތުރު އަދަދެއްކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި ހަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކަމަށެވެ. އެގޮތުން މި ދާއިރާއިން ކުރި ޖުމްލަ ހަރަދު 4.92 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ 4.31 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 14.2 އިންސައްތަ އިތުރު އަދަދެއްކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން ސަބްސިޑީއާއި އާސަންދައަށް ކުރި ހޭދަ 64.1 އިންސައްތަ އިތުރުވެ 3.60 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު އާސަންދައަށް ކުރި ހޭދަ ވަނީ 12.8 އިންސައްތަ އިތުރުވެ 1.49 ބިލިއަން ރުފިޔާއަށް އަރާފައިކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ހަރަދުތައް އިތުރުވުމުގެ ސަބަބުން ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ބަޖެޓުން ވަނީ 2.13 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބަޖެޓުގައި އުޅުނީ 658.8 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައިކަމަށް ވެސް ވަނީ ބުނެފައެވެ.
