ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް ޝާއިއުކުރުން މަނާކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާ ވިއްކުމަށް ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ވާހަކަ މީޑިއާތަކުގައި ޝާއިއުކުރުން މަނާކުރުމަށް، ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި މި އިސްލާހު ފާސްކޮށްފައިވަނީ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ ވޯޓުންނެވެ. މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ބޮޑު ބައެއް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން، އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އިޝްތިހާރު ކުރުމަކީ ކުށެކެވެ. އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އެމްއެމްއޭގެ ރޭޓުގެ ބޭރުން ބޭރު ފައިސާ ގަނެވިއްކުމުގެ އަގުތައް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް އާންމުކޮށް އެނގޭނެހެން ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ތަކުރާރުކޮށް ފެތުރުމެވެ.

މިފަދަ ކަމެއް ކޮށްފި ނަމަ:

  • އާންމު ފަރުދަކު ނަމަ: 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ: 100،000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • އެމްއެމްއޭގެ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކާ ފަރާތްތައް: ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

ބޭރު ފައިސާއާ ބެހޭ ބިލަކީ ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މީގެ ކުރިން ކޮމިޓީން އެ ބިލު ފާސްކޮށް ތަޅުމަށް ފޮނުވި ނަމަވެސް، އިތުރު އިސްލާހުތައް ގެނައުމަށް އިއްޔެގެ ޖަލްސާގައި ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފައެވެ. މި ބިލު އެންމެ ފުރަތަމަ ހުށަހެޅީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ރިސޯޓުތަކުގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ހެދުމަށެވެ.

މި އިސްލާހުތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފައެވެ. ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މި އިސްލާހުތަކުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ކަޅުބާޒާރުގެ ވާހަކަ ނޫސްތަކުގައި ލިޔުން މަނާކުރަން މި ފާސްކުރީ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެނީ ބައެއް މީޑިއާތަކުން ޖަހާ ސުރުހީތަކުގެ ސަބަބުން ކަމަށާއި، އެއީ "ޕެނިކް އުފައްދައި" އަދި "ފޭކް ނިއުސް" ފަތުރައިގެން މާކެޓް "މެނިޕިއުލޭޓް" ކުރުން ކަމަށް މި މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނިކޮށެވެ.