ރާއްޖެއިން ބޭރުގައި އޭޓީއެމް މެދުވެރިކޮށް ޑެބިޓް ކާޑުން ފައިސާ ނަގާއިރު ނަގަމުން އައި ކްރޮސް ބޯޑާ ފީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނުނަގާގޮތަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ މި ބަދަލާއެކު ރާއްޖެއިން ބޭރުގައި އޭޓީއެމް ބޭނުންކުރާއިރު އެ ގައުމެއްގެ އޭޓީއެމްތަކުން ފީއެއް ނެގި ކަމުގައި ވިޔަސް، ކާޑު ބޭނުންކޮށްގެން ބީއެމްއެލްއިން ފީ ނެގުން މިރެއިން ފެށިގެން ހުއްޓާލަން ނިންމާފައިވާކަމަށެވެ.
މި ނިންމުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ބޭރުގައި ކިޔަވާ ދަރިވަރުންކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައެޅިފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އިތުރު ހަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
ބޭންކުން މި ނިންމުން ނިންމާފައި މިވަނީ ބޭރުގައި ކިޔަވާ ދަރިވަރުން ހާއްސަކޮށް މި މައްސަލައިގައި ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ސޯޝަލް މީޑިއާގައި ދަރިވަރަކު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފަހަކަށް އައިސް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުނެ ކުރިން ނަގަމުން އައި ފީއަށް ވުރެ 10 އިންސައްތަ އިތުރުވެފައިވާކަމަށެވެ.
މި ކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ ބީއެމްއެލްގެ މި ނިންމުމާއެކު ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.
