ސީލައިފަށް ދައިވާކުރި މީހުންނަށް ދައުލަތުން ފައިސާ ދިނުން މަޑުޖައްސައިލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފިއެވެ.

އެ މައްސަލަ ބަލައި ނިމި ވަކި އެއްޗެއް އެސެޓް ރިކަވަރީ ކޮމިޝަނުން ނާންގަނީސް އެ ފައިސާ އެއްވެސް ފަރާތަކަށް ނުދިނުމަށް އެ ކޮމިޝަނުން ވަނީ އެޗްޑީސީއަށް އަންގާފައެވެ. އެހެން ނަމަވެސް މިހާރު އެޗްޑީސީއިން ވަނީ ސެޓެލްމެންޓު އެގްރީމެންޓުވެސް ހަދައި އޭގައި ސޮއިކޮށް ނިންމާފައި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސީލައިފުން އަޅާނެ ކަމަށް ބުނި 3000 ހައުސިން ޔުނިޓަށް ބުކިން ފީގެ ގޮތުގައި 280 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏަށް 50000 ރުފިޔާ ދައްކާފައެވެ. އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި ދައުލަތުން 24 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ބަދަލުގެ ގޮތުގައި ބުކިން ފީ ދެއްކި ފަރާތްތަކަށް ދައްކަން ޖެހެއެވެ.

ސީލައިފަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުންއެވެ. އަދި ސީލައިފަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގައެވެ.

އާންމުންގެ 280 މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު ސީލައިފުން އެ ފަރާތްތަކަށް އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ. ސީލައިފުގެ ވެރިޔާ ހޯދުމަށް ދާދި ފަހުން ވަނީ ރެޑް ނޯޓިހެއް ވެސް ނެރެފައެވެ.