ދިވެހިރާއްޖޭގައި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށާއި، އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުން ދާކަން ރައީސުލްޖުމްހރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާން ކުރައްވާފައި ވަނީ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓުކުރުމަކީ، ފައިދާ ކުރަނިވި ވިޔަފާރީގެ ފުރުސަތަކަށް ވާނޭކަންވެސް ފާހަގަކުރައްވާ އެމަނިކުފާނު އިއތުރަށް ވިދާޅުވީ ކޮޕް28 އިން ފެށިގެން މިހާތަނަށް ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު، 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށެވެ.
އަދި 2030 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ އެމިޝަންސްއަށް ވާޞިލުވުމަށް އެކުލަވާލާފައިވާ ރޭވުންތަކުގެ ތަފްސީލުވެސް މި ބައްދަލުވުމުގެ ބައިވެރިންނާ ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ. މީގެ ތެރޭގައި އިރުގެ އައްޔާއި ވައި އަދި އެނޫންވެސް އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދުމަށް އިންވެސްޓްކުރުމާއެކު، އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމުތައް އިތުރުކޮށް، ހަކަތައިގެ ގޮތުގައި ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމަށް ގަސްދުކުރައްވާފައިވާ ގޮތްތައް ހިމެނެއެވެ.
އެހެން ކަމުން މިއަމާޒުތަކަށް ވާސިލުވުމަށްޓަކައި، ކުނިން ހަކަތަ އުފައްދާ ނިޒާމެއް އައްޑޫ ސިޓީގައި ގާއިމްކުރައްފައިވާ ކަމަށާއި 13 މެގަވޮޓުގެ އިތުރު ނިޒާމެއް ތިލަފުށީގައި ތަރައްކުގީރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ހާމަ ކުރެއްވިއެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ދަތުރުފަތުރުގެ ނިޒާމުތައް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވަނީ، މޫސުމާ ގުޅޭ މާލީ އެހީ އަތްފޯރާފަށަށް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލްގައި ވާފަދައިން، އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ގޮތްތައް ހިމެނުމަށްވެސް ގޮވާލެއްވިއެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި، އެ ބަދަލުތަކަށް ހޭނުމަށާއި، އަދި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް ހިމަނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހުރިހާ މަސައްކަތެއްވެސް 1.5 ޑިގްރީގެ އަމާޒަށް ވާސިލުވާނޭ ފަދައިން ބައްޓަންކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދުމަކީ، މޫސުމީ ވިލުންތެރިކަން އިތުރުކޮށް، އިގްތިސާދު ހަރުދަނާކޮށް، ވިލުންތެރި މުޖުތަމައަކަށް މަގުފަހިކޮށްދޭނޭ ކަމެއް ކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވަނީ ދިވެހިރާއްޖެއިން މިކުރާ މަސައްކަތްތަކުން ހިތްވަރުލިބިގެން، އިތުރު ގައުމުތަކުންވެސް އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.