ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ހުންނަ ޝައިހު ޒައިދު މިސްކިތަކީ ދުނިޔޭގެ އެންމެ ބޮޑު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އެއް މިސްކިތެވެ. އެއީ 82 ގުއްބު އާއި 1،000 އަށް ވުރެ ގިނަ ތަނބާއި، 24 ކެރެޓް ރަން ގިރިޓީ ކޮށްފައިވާ ޗާންޑަލިޔާ އާއި އަތުން ވިޔެފައިވާ ދުނިޔޭގެ އެންމެ ބޮޑު ކާޕެޓު ފަދަ ގިނަ ތަކެތިން ޒީނަތްތެރި ކޮށްފައިވާ މިސްކިތެވެ.

ޝައިހު ޒައިދު މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ 1994 އާއި 2007 އަށެވެ. މި މިސްކިތް އިފްތިތާހު ކޮށްފައި ވަނީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މި މަޝްރޫއު ފައްޓަވައިދެއްވީ އިސްލާމީ ދުނިޔޭގެ ސަގާފަތުގެ ތަފާތުކަމާއި އާކިޓެކްޗާ އާއި ފަންނުގެ ތާރީހީ އަދި ޒަމާނީ އަގުތައް އެއްކޮށްލާނެ އޮނިގަނޑެއް ގާއިމް ކުރަން އަބަދުވެސް ބޭނުންވި ޔޫއޭއީގެ ރައީސް މަރުހޫމް ޝައިހު ޒައިދު ބިން ސުލްތާން އަލް ނަހްޔާނެވެ. މި މިސްކިތް ބިނާ ކުރެއްވުމަށް އޭނާ ގަސްތުކުރެއްވީ އިސްލާމީ ތާރީހާއި އާއި މިޒަމާން ގުޅުވައިދީ، އަސްލު އިސްލާމީ 'އަގުތައް' ދައްކުވައިދޭ އިސްލާމީ ސައިންސާ އުނގެނުމުގެ ތަނެއް އުފައްދާ ޒަމާނީ އިސްލާމީ އާކިޓެކްޗަރުންގެ ދިރިހުރި މިސާލެއް ދެއްކުމުގެ ބޭނުމުގައެވެ.

ޝައިހް ޒައިދު މިސްކިތް

މި މިސްކިތުގެ ކޮމްޕްލެކްސްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 290x420 މީޓަރު (950x1380 ފޫޓް) އެވެ. މި މިސްކިތް ފަރުމާކޮށްފައި ވަނީ ސީރިއާގެ އާކިޓެކްޓް ޔޫސުފް އަބްދުލްކޭގެ ބެލުމުގެ ދަށުންނެވެ. އެތަނުގައި ޑިޒައިން ފުރިހަމަކޮށް ތަރައްގީ ކުރުމުގައި މަސައްކަތްކުރި ސީރިއާގެ އެހެން އާކިޓެކްޗަރަލް ޑިޒައިނަރުން ކަމަށްވާ ބަސެމް ބާއޫތީ، މޮއަތާޒް އަލް ހަލަބީ، އަދި އިމާދު މަލާސް މަސައްކަތް ކޮށްފައި ވާއިރު މި މިސްކިތުގެ ޑޯމް ލޭއައުޓާ ފްލޯޕްލޭން ހަދާފައި ވަނީ ޕާކިސްތާނުގެ ބަދުޝާހީ މިސްކިތް ނަމޫނާއަކަށް ބަލައިގެންނެވެ.

ޝައިހް ޒައިދު މިސްކިތް

މި މިސްކިތުގެ ގުއްބުގައި ސާފު ހުދު މާބްލް ކްލެޑިންގް އާއި ފިޔާގެ ބައްޓަމަށް ހުންނަ 'ކްރައުންސް' އާއި ކްރެސެންޓް ބައްޓަންތައް ވަނީ ރަން ބިއްލޫރި މޮޒައިކް އިން ޒީނަތްތެރި ކޮށްފައެވެ. މި މިސްކިތުގެ އެންމެ މުހިންމު އަނެއް ސިފައަކީ ފަންނުވެރި ބިއްލޫރި މަސައްކަތެވެ. މި ބިއްލޫރިތައް ފަރުމާކޮށް، ގޮތުން ދައްކުވައި ދެނީ ސަގާފީ އިސްލާމީ ޑިޒައިންތަކެވެ. މި މިސްކިތުގައި ހަތަރު މުންނާރު ހުންނައިރު، ކޮންމެ މުންނާރެއްގެ އުސްމިނުގައި ގާތްގަނޑަކަށް 106 މީޓަރު ހުރެއެވެ. އަދި ކޮންމެ މުންނާރެއް ފަރުމާކޮށްފައި ވަނީ ތަފާތު ތިން ޖިއޮމެޓްރިކް ބައްޓަމަކަށެވެ.

ޝައިހް ޒައިދު މިސްކިތް

މި މިސްކިތަކީ 40،100 އަށް ވުރެ ގިނަ މީހުން ނަމާދު ކުރެވޭ ވަރަށް ބޮޑު މިސްކިތަކަށް ވާއިރު، މި މިސްކިތުގެ މައި ނަމާދު ހޯލުގައި 7،000 އަށް ވުރެ ގިނަ މީހުންނަށް ތިބެވޭނެއެވެ. މީގެ އިތުރުން މި މިސްކިތުގައި ނަމާދު ކުރުމަށް ކުޑަ ދެ ހޯލެއް ހަދާފައިވާއިރު ކޮންމެ ހޯލެއްގައި 1500 މީހުންނަށް ތިބެވޭނެއެވެ. އަދި އޭގެ ތެރެއިން އެއް ހޯލަކީ އަންހެނުން ނަމާދުކުރުމަށް ހާއްސަކޮށް ހަދާފައިވާ ހޯލެކެވެ.