ކެރީބިއަން ކަނޑުގެ ސަރަހައްދުން، އާދަޔާހިލާފު އޮރެންޖު ކުލައަކާއި ހުދު ކުލައިގެ ލޮލެއް ހުރި މިޔަރެއް ބާނައިފިއެވެ.

މެރިން ބަޔޯޑައިވާސިޓީ ޖާނަލްގައި އޮގަސްޓު 1 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާއަކާ ހަވާލާދީ ލައިވް ސައިންސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ނާސް ޝާކް (ނިދަންމިޔަރުގެ ބާވަތެއް) ގެ ތެރެއިން މިފަދަ ސިފަތަކަކާއެކު ފެނުނު ފުރަތަމަ މިޔަރެވެ. މި މިޔަރުގައި ހުރީ "ޒެންތިޒަމް" ނުވަތަ ހަންގަނޑުގައި ރީނދޫ ކުލަ ގިނަވާ ހާލަތަކާއި، "އަލްބިނިޒަމް" ގެ އަސަރު ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

މި މިޔަރު ފެނިފައިވަނީ 2024 ވަނަ އަހަރު ކޮސްޓަރީކާގެ އިރުމަތީ އައްސޭރިފަށުން މަސްވެރިކަން ކުރަން އުޅުނު ބަޔަކަށެވެ. ޕެރިސްމީނާ އަވަށުގައި ހުންނަ ޕެރިސްމީނާ ޑޮމަސް ޑެއި ހޮޓަލުގެ ވެރިޔާ ގާވިން ވަޓްސަން ބޭނި މި މިޔަރުގައި ގާތްގަނޑަކަށް 6.6 ފޫޓު (2 މީޓަރު) ހުރިއިރު، މިޔަރު އުޅުނީ ކަނޑުގެ 120 ފޫޓު (37 މީޓަރު) އަޑީގައެވެ.

https://www.facebook.com/share/p/1JFM1mdtEK/

ލައިވް ސައިންސްއަށް ފޮނުވި އީމެއިލެއްގައި ވަޓްސަން ބުނި ގޮތުގައި، އެ މީހުންގެ ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރަން ވެސް ދަތިވިއެވެ. އިރުގެ އަލީގެ ތެރެއިން އެ އޮރެންޖު ކުލައިގެ މިޔަރު ފެނުމަކީ އާދަޔާހިލާފު ކަމެއް ކަމަށާއި، އެއީ މުޅި ދުނިޔޭގެ ބަޔޮލޮޖިސްޓުން ބަލައިގަންނާނެ ފަދަ ބޮޑު ހޯދުމަކަށް ވެދާނެ ކަމަށް ކުރިން ހީނުކުރާ ކަމަށް އޭނާ ބުންޏެވެ. މަސްވެރިން ވަނީ މިޔަރުގެ ފޮޓޯ ނެގުމަށްފަހު، އޭގެ އަނގައިގައި އިން ބުޅި ނައްޓާލައި އަނބުރާ ކެރީބިއަން ކަނޑަށް ދޫކޮށްލާފައެވެ.

އާންމު ގޮތެއްގައި ނާސް ޝާކް ހުންނަނީ ރީނދޫ ކުލައިން ފެށިގެން އަޅި-މުށި ކުލައެއްގައެވެ. ނަމަވެސް، މި މިޔަރުގެ ލޮލުގައި އާންމުކޮށް ހުންނަ ކަޅު ކުލަ ނެތުމުން، މިއީ އަލްބިނިޒަމް އާއި ޒެންތިޒަމް އެކުލެވިގެންވާ "އަލްބީނޯ-ޒެންތޯކްރޮމިޒަމް" ކިޔާ ހާލަތެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ނިންމާފައިވެއެވެ. މީގެ ކުރިން 2018 ވަނަ އަހަރު އައިރިޝް ކަނޑުން ފެނުނު މަޑިއެއްގައި ވެސް މި ހާލަތު ހުރިކަން ރިޕޯޓުކޮށްފައިވެއެވެ.

ބްރެޒިލްގެ ފެޑެރަލް ޔުނިވާސިޓީ އޮފް ރިއޯ ގްރާންޑޭގެ ޕީއެޗްޑީ ކެންޑިޑޭޓް އަދި މި ދިރާސާގެ އިސް މުސައްނިފު މާރިއޮކްސިސް މަސިއާސް-ކުޔާރޭ ވިދާޅުވި ގޮތުގައި، ފޮޓޯތަކުން އެ ހާލަތު ފެނުމުން ވަރަށް ބޮޑަށް ހައިރާންވެ އުފާވިއެވެ. މިޔަރުގެ ހަންގަނޑަށް އަންނަ މިފަދަ ބަދަލުތަކަކީ އާންމުކޮށް ވިރާސީ ގޮތުން ދިމާވާ ކަމެއް ނަމަވެސް، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ހޫނުމިން މައްޗަށް ދިއުމާއި، ހޯމޯންގެ މައްސަލަތަކުގެ ސަބަބުން ވެސް މިފަދަ ކުލަތައް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

މަސިއާސް-ކުޔާރޭ އިތުރަށް ވިދާޅުވި ގޮތުގައި، މިކަމަށް ތިމާވެށީގެ އެކި ކަންކަން އަސަރުކުރި ނަމަވެސް، ވިރާސީ މި ހާލަތަށް މެދުވެރިވި ސަބަބުތައް ޓެސްޓު ނުކުރެވެނީސް އެއްވެސް ކަމެއް ޔަގީނެއް ނުވާނެއެވެ. އާންމުކޮށް ޖަނަވާރުތަކުގެ ކުލަ ހުންނަނީ އެ ސަރަހައްދެއްގެ ތިމާވެއްޓާ ގުޅޭ ގޮތަށް ކަމަށްވާއިރު، މިހާ ފާޅުކަން ބޮޑު އޮރެންޖު ކުލައެއްގައި ހުރެމެ، މި މިޔަރު ބޮޑުވަންދެން ސަލާމަތުން އޮތުމަކީ ވެސް ސައިންސްވެރިންގެ ސަމާލުކަން ލިބުނު ކަމެކެވެ.