ޖާސޫސީ މައުލޫމާތު އެއްކުރުމަށް ރަޝިއާ އިން ތަމްރީނުކޮށް ބަލަހައްޓަމުން ދާ ވޭލް 'ހުވަލްދިމީރް' ނޯކޭ ކައިރިން ކަނޑުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަހަށް ނިކުމެ އުޅުނު ދެބަފައިންނަށް ވޭލް ފެނިގެން ރިޕޯޓު ކުރީ ނޯވޭގެ ރިސާވިކާ ކަނޑުއޮޅިން ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ އެންއާރުކޭ އިން ރިޕޯޓް ކޮށްފައި ވެއެވެ.
ރަޝިއާގެ ރައީސް ޕުޓިންގެ އެއް ނަން، 'ވްލަދިމިއާ' އާއި ނޯވޭ ބަހުން ވޭލް އަށް ކިޔާ ނަން 'ހުވާލް' ހިމަނައިގެން ނަން ދީފައި ވާ މި ވޭލް އަކީ ކަނޑުތަކުގައި އެކިއެކި ފަރާތްތަކުން ހިންގާ ހަރަކާތްތައް ދެނެގަނެ ޖާސޫސް ކުރުމަށް ރަޝިއާ އިން ތަމްރީނު ކޮށްފައި ވާ ވޭލް އެއް ކަމަށް އެކި ގައުމުތަކުން ބުނެއެވެ. އެ ވޭލްގެ ބުރަކަށި މަތީގައި ހަރުކޮށްފައި އޮތް ކެމެރާއެއް ގޮތަށް އޮތް އާލާތުގައި ޖަހާފައި އޮންނަނީ 'އެސްޓީ ޕީޓަސްބާބްގެ އެއްޗެއް' ކަމަށެވެ. ޕީޓަސްބާގަކީ ރަޝިއާގެ ސިޓީއެކެވެ.
އިންސާނުންނާ ދޯޅަ މި ވޭލް އާ ގުޅޭ ގޮތުން ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތަކަށް ރަޝިއާއިން ރައްދެއް ދީފައެއް ނުވެއެވެ.
މީގެ ކުރިން އެތައް ފަހަރަކު މި ވޭލް ނޯވޭގެ ކަނޑުގެ ސަރަހައްދުތަކުން ފެނިފައި ވާ އިރު، އެތެރެވަރީގެ ބައެއް ސަރަހައްދުތަކަށް ވަދެގެން އުޅެނިކޮށް ވެސް އާންމުންނަށް ފެނިފައި ވެއެވެ. އަދި އިންސާނުންނާ ގާތްކަން ބަހައްޓާ ވަރަށް ރަހުމަތްތެރިކޮށް އުޅެފައި ވާ ކަމަށް މީގެ ކުރިން ފެތުރުނުގެ ބައެއް ހަބަރުތަކުގައި ބުނެފައި ވެއެވެ.
މަރުވެފައި އޮއްވާ މި ވޭލް ފެނުމާއެކު ކަމާބެހޭ ފަރާތްތަކުން ވޭލް ނަގާ، އިތުރު ދިރާސާތަކެއް ކުރުމަށް ވޭލް ފެނުނުތަނާ ކައިރި ސަރަހައްދެއްގައި ހުންނަ ލެބޯޓަރީއަކަށް ވަނީ ގެންގޮސްފައެވެ.
މެރިން ބަޔަލޮޖިސްޓުންނާ ހަވާލާދީ ހަބަރުތައް ބުނާގޮތުން ވޭލް މަރުވަން ދިމާވި ސަބަބު ދެނެގަތުމަށް ޗެކްރޮސްކޮޕީ އެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ.
ދިގުމިނުގައި 14 ފޫޓު، ބަރުދަނުގައި 2700 ޕައުންޑް ހުންނަ މި ވޭލްގެ އުމުރުން 14 ނުވަތަ 15 އަހަރު ވެދާނެ ކަމަށް މި ވޭލްގެ ހަރަކާތްތައް ބަލަމުން ގެންދާ ބައޮލޮޖިސްޓް ސެބަސްޓިއަން ސްޓްރޭންޑް ބުނެއެވެ.
އާންމުކޮށް މި ބާތުގެ ވޭލް 40 އަހަރާއި 50 އަހަރާ ހަމައަށް ދިރިހުންނަ ކަމަށް ކަމަށާއި އަދި މި ހުވަލްދިމީރު، މިދިޔަ ހުކުރު ދުވަހުވެސް ގަދަކޮށް އުޅުނު ކަމަށާއި އެހެން ކަމުން މި ކުއްލި މަރާއެކު ހައިރާންކަން ލިބިފައިވާ ކަމަށް ސްޓްރޭންޑް ބުނެފައި ވެއެވެ.