އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ބައިބަލާ މުބާރާތް މިއަދު ފަށާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެފިއެވެ.
ބައިބަލާ އެސޯސިއޭޝަނުން ބުނީ މިއަދުން ފެށިގެން 5 ދުވަހުގެ މުއްދަތައް މި މުބާރާތް ކުރިއަށް ގެންދާނެ ކަމަށެވެ. ބައިބަލާ އެސޯސިއޭޝަނުން ބުނީ މިއަހަރުގެ މުބާރާތުގައި 32 ޓީމަކުން ވާދަ ކުރާނެ ކަމަށެވެ.
އަދި މިއަހަރުގެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެހެން އަހަރު ތަކުގައިވެސް މި މުބާރާތް ބާއްވާ މޭރީ ބްރައުން ފުރަގަހުގައި އޮންނަ ބައިބަލާ ކޯޓުގައި ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މިފަހަރުގެ ބައިބަލާ މުބާރާރަށްވެސް އަގު ހުރި ފައިސާގެ އިނާމުތަކެއް ހުށަހެޅިފައި ވެއެވެ. އެގޮތުން ޗެމްޕިއަން ޓީމަކަށް 100،000 ރުފިޔާ، ރަނާރަފް ޓީމަކަށް 40،000 ރުފިޔާ އަދި ފެއާޕްލޭ ޓީމަކަށް 15،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހުށަހަޅާފައެވެ.
މިއަހަރުގެ ބައިބަލާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބައިބަލާ އެސޯސިއޭޝަނުގެ އިތުރުން މުބާރާތުގައި ވާދަ ކުރާ ޓީމުތަކުން ވަނީ ބޮޑު ތައްޔާރީ ތަކެއް ވެފައެވެ. އެގޮތުން މާލޭގެ ފަސް ސަރަހައްދެއްގައި އަދި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުގައި ބައިބަލާ ރިންގް އަޅައި ޕްރެކްޓިސް ކޮށްފައި ވާކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ބައިބަލާ މުބާރާތައް އެހެން އަހަރު ތަކެކޭ ވެސް އެއްފަދައިން ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށާއި މި އަހަރުގެ ބައިބަލާ މުބާރާތައްވެސް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށް ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ބައިބަލާ މުބާރަތަކީ ދިވެހި ރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކޮންމެ ރޯދަ މަހެއްގެ ތެރޭގައި ގެނެސްދޭންފެށި މުބާރާތެކެވެ. ދިވެހި ރާއްޖޭގެ އަޑަށް ފަހު މި މުބާރާތް ބޭއްވީ ޔޫތް މިނިސްޓްރީގެ އިސްނެގުމުގެ މަތިންނެވެ. އަދި އެއަށްފަހު ޔޫތް މިނިސްޓްރީން ބައިބަލާ އެސޯސިއޭޝަނުގެ ނަމުގާ ހާއްސަ އެސޯސިއޭޝަނެއް އުފައްދާ ބައިބަލާ މުބާރަތްތައް އިންތިޒާމް ކުރުމާ ހިންގުން އެ އެސޯސިއޭޝަނާ ހަވާލު ކުރިއެވެ.