މި އަހަރުގެ ފިތުރު އީދު ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އީދު ސަލާމް ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

އެ އޮފީހުން ބުނީ، ފިތުރު އީދު ދުވަހު ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވާނީ، އެ ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް މުލީއާގޭގައި ކަމަށެވެ.

އަދި އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސް ދެކަނބަލުން ދައުވަތު އަރުވާއިރު އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސް ދެކަނބަލުން ވަނީ ދައުވަތު އަރުވާފައެވެ.

އީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ.

މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު ވެސް ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ބޭއްވީ މުލިއާގޭގަ އެވެ. އެ ފަހަރު އީދު ސަލާމްކުރެއްވުން ބާއްވަނީ ދެ ގަޑިއިރަށެވެ. ނަމަވެސް މިއަހަރު އީދު ސަލާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ގަޑިއިރަކަށެވެ.

ރައީސްއާ އީދު ސަލާމް ކުރުމަކީ ކުރީގެ ރައީސް މައުމޫން ތައާރަފު ކުރެއްވި ސަގާފަތެކެވެ. އޭގެފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސްއާ އީދު ސަލާން ކުރުމަކީ އެއީ ރަސްމީ ކަމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނަ އެވެ. ނަމަވެސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އަލުން އީދު ސަލާން ކުރުމުގެ ސަގާފަތް ދިރުވި އެވެ.

އަދި އެއަށްފަހު ރައީސް ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނު އީދު ސަލާމް ކުރެއްވީ އިސްލާމީ މަރުކަޒުގައި އީދު ނަމާދަށް ފަހު އެވެ. އެފަދަ ހަރަކާތެއް ބޭއްވުމަށް 2019 ގައި އިއުލާނު ކުރި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ބާއްވާފައި ނުވެ އެވެ. ކޮވިޑާއެކު ގިނަ މީހުން ތަންތަނަށް އެއްވެ ހަރަކާތްތައް ނުބާއްވާތީ އީދު ސަލާން ކުރުމުގެ ހަރަކާތެއް ކުރިއަށްނުގެންދެ އެވެ.