މިއަދު ފެށި މިއަހަރުގެ ބަރަކާތްތެރި އަޟްޙާ އީދުގެ މުނާސަބަތުގައި، ގްރޭޓާ މާލެ ސަރަހައްދުގެ ރައްޔިތުންނަށް އީދުގެ އުފާ ފޯރުކޮށްދިނުމަށް ބާއްވާ "އީދު ހަވީރު 1447" ގެ ހާއްސަ ކުޅިވަރުތަކުގައި ގިނަ އާންމުން ބައިވެރިވެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން އިސްނަގައިގެން، ދިވެހި ފުލުހުންގެ ހިދުމަތާއި ދައުލަތުގެ 11 ކުންފުންޏެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ އީދު ހަވީރު ހަރަކާތްތަކަކީ ޢާއިލާތަކަށް އެކުވެރި މާހައުލެއްގައި އީދު ފާހަގަކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ. މިއަދުން ފެށިގެން މިމަހުގެ 29އަށް، ތިން ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ހަރަކާތްތައް ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާނެއެވެ.
ގިނަ ކުޅިވަރުތަކަކާއިއެކު މާލޭގެ ޖުމްހޫރީ މައިދާނާއި، ސަލްޓަން ޕާކު އަދި ރަސްމީ ފާލަން ހިމެނޭ ސަރަހައްދުގައި އީދު ހަވީރުގެ ހަރަކާތްތައް މިއަދު ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ފޯމް ބާތް ޕޫލާއި، ވޯޓާ ފައުންޓެއިންގެ އިތުރުން، ސިފައިން ބޭނުންކުރާ ތަފާތު ހަތިޔާރުތަކާއި އުޅަނދުތައް ބަލާލައި ފޮޓޯ ނެގުމުގެ ފުރުސަތު ހިމެނެއެވެ. މީގެ އިތުރުން މާދަމާ ހަވީރު ސިފައިންގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ ފަރާތުން ހުށަހަޅައިދޭ ހާއްސަ އައިޓަމްތަކެއްވެސް މާލޭގައި އޮންނާނެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ސެންޓްރަލް ޕާކާއި ހިޔާ ޕާކުގައިވެސް ތަފާތު ހަރަކާތްތައް ވަނީ މިއަދު ފަށާފައެވެ. އެގޮތުން ސެންޓްރަލް ޕާކުގައި ވޯޓާ ސްލައިޑިންގއާއި ރެޕަލިން ފަދަ ކުޅިވަރުތައް ކުރިއަށްދާއިރު، ހިޔާ ޕާކުގައި ސިފައިންގެ އަލިފާން ނިއްވާ ސާމާނުތައް ދައްކާލުމާއި ޓޭބަލް ލެޑާއަށް އެރުން ފަދަ ތަފާތު ކަންތައްތަކެއް ވަނީ ހިމެނެއެވެ. ހުޅުމާލޭގައިވެސް ސިފައިންގެ ހާއްސަ ޝޯތަކެއް މިއަދާއި މިމަހުގެ 29 ވަނަ ދުވަހު އޮންނާނެއެވެ.
ވިލިމާލޭގައި އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށްދަނީ ވިލިމާލޭގެ ފުޓްބޯޅަ ދަނޑުގައެވެ. ވިލިމާލޭގައި މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަ އޮބްސްޓިކަލް ކޯސްތަކާއި އެހެނިހެން ކުޅިވަރުތައް ހިމެނެއެވެ.
މި "އީދު ހަވީރު" ގައި ބައިވެރިވާ ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިޔުއެސްއީ، ވެމްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއޭސީއެލް، މިފްކޯ، އާރުޑީސީ، އެޗްޑީސީ، އެފްޑީސީ އަދި ޕީއެސްއެމް ހިމެނެއެވެ. ހަރަކާތްތައް ކުރިއަށްދާ ހުރިހާ ސަރަހައްދަކުންވެސް އާންމުންނަށް ބޭނުންވާ ކެއިންބުއިމުގެ ހިދުމަތް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
