މިއަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކުގެ ތެރެއިން، މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މިރޭ ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށްދާނީ 21:45 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައެވެ. އަދި މި ހަރަކާތް ގާތްގަނޑަކަށް 5 މިނެޓުގެ ވަގުތަކަށް ދެމިގެންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. މިއީ އީދުގެ އުފާވެރިކަން ފާޅުކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަހަރުގެ އަޟްޙާ އީދު މާލެއާއި އަތޮޅުތެރޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، މާލެ ސަރަހައްދުގައި ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތައް ގުޅިގެން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

އެގޮތުން "އީދު ހަވީރު 1447" ގެ ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ފެށި ހާއްސަ ކުޅިވަރުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. އެމްއެންޑީއެފާއި ފުލުހުން އަދި ސަރުކާރުގެ 11 ކުންފުންޏެއް ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށްގެންދިޔަ މި ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންގޮސްފައިވެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ތަފާތު ކުޅިވަރުތަކާއި، ސިފައިން ބޭނުންކުރާ ހަތިޔާރާއި އުޅަނދުތައް ބަލާލުމުގެ ފުރުސަތުގެ އިތުރުން ސިފައިންގެ ހާއްސަ ޝޯތައް ހިމެނިގެން ދިޔައެވެ.