ގާޒާގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު ކަމަށްވާ ރިމާލްގެ މަގުތައް މިއަހަރުގެ އަޟްހާ އީދު ވިލޭރޭ އޮތީ ދިއްލާލާފައެވެ. މަޝްހޫރު ކާޒިމް އައިސްކްރީމް ފިހާރައިގެ ކުރިމަތީގައި މީހުން ތޮއްޖެހިފައިވާއިރު، ކުޑަކުދިންނާއި އަންހެނުން ދިޔައީ އީދަށް ތައްޔާރުވުމުގެ ގޮތުން ބާޒާރުކުރަމުންނެވެ. ޗޮކުލެޓާއި މޭވާއާއި ބިސްކޯދު ވިއްކާ ގާޑިޔާތަކުން މަގުމަތި އޮތީ ފުރިފައެވެ. މަތިން އުދުހެމުންދިޔަ އިޒްރޭލުގެ އަސްކަރީ ޑްރޯންތަކާއި ބޯޓުފަހަރުގެ ބިރުވެރި އަޑުފަށްގަނޑު މެދުކެނޑުމެއްނެތި އިވެމުންދިޔަ ނަމަވެސް، އެތައް އަހަރެއް ވަންދެން ހަނގުރާމައިގެ ބިރުވެރިކަމުގައި އުޅެމުންދާ ގާޒާގެ ރައްޔިތުން މަސައްކަތްކުރަމުން ދިޔައީ އެންމެ ހިނދުކޮޅަކަށް ނަމަވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށެވެ. ކުޑަކުދިން އެކުދިންގެ އާ އީދު ހެދުންތައް މޭގައި ޖައްސައިގެން ނިދާފައި ތިބިއިރު، ބޮޑެތި މީހުން މަގުމައްޗަށް ނުކުތީ އައިސްކްރީމް ކައި، އެކަކު އަނެކަކާ ބައްދަލުކޮށް ހިތްވަރު އާކުރުމަށެވެ. ނަމަވެސް، އެ އުފާވެރިކަމުގެ ވަގުތުކޮޅު ދެމިއޮތީ ވަރަށް ކުޑަ ހިނދުކޮޅަކަށެވެ.
ކުއްލިއަކަށް މުޅި ސަރަހައްދު ގުގުމާލީ ބާރުގަދަ ގޮވުމެއްގެ އަޑުންނެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ފޮނުވާލި ރޮކެޓުތައް އަމާޒުވީ ސީދާ އެ ކާރޫބާރޫ ބޮޑު މަގަށެވެ. މީހުންގެ އަތުގައި ހުރި އައިސްކްރީމްތައް ބިންމައްޗަށް ވެއްޓި، މުޅި ހިސާބުގަނޑު ދުމާއި ހިރަފުހުން ފުރިގެންދިޔައެވެ. ބިއްލޫރިތައް ތަޅައިގެން ގޮސް، އިމާރާތްތަކުގެ ބައިތައް މަގުމައްޗަށް ފައިބައިގަތެވެ. ބާޒާރުކުރަން ނުކުމެ އުޅުނު މީހުން ސަލާމަތްވުމަށްޓަކައި ކޮތަޅުތައް ހިފައިގެން ދުއްވައިގަތް މަންޒަރަކީ ބިރުވެރި އަދި ހިތްދަތި މަންޒަރެކެވެ. އެއްފަރާތަކުން ފެންނަމުންދިޔައީ، ހަމަލާ އަމާޒުވި އިމާރާތުގައި އޭނާގެ ފިރިމީހާއާއި ދަރިން ތިބިކަމަށް ބުނެ، ރޮމުން ހަޅޭއްލަވަމުންދިޔަ ނިކަމެތި މަންމައެކެވެ. އެންމެންވެސް މަސައްކަތްކުރަމުން ދިޔައީ އެމީހުންގެ އާއިލާގެ މީހުންނަށް ގުޅައި، އެމީހުން ސަލާމަތުން ތިބިތޯ ކަށަވަރުކުރުމަށެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެރޭ ރިމާލް ސަރަހައްދަށް ދިން ހަމަލާތަކުގައި ހަ މީހަކު ޝަހީދުވެ، ވިއްސަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
މި ހަމަލާއަކީ އިޒްރޭލުން ގާޒާއާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުގެ ކުޑަ މިންވަރެކެވެ. ސީއެންއެން ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގައި ގާޒާގެ ހަތްދިހަ އިންސައްތައަށްވުރެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށް، އަސްކަރީ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. މުޅި ގާޒާ ވަނީ ބިމާ ހަމަކޮށްފައެވެ. ޒަމާންވީ ތާރީހީ ބިނާތަކާއި، އާއިލާތައް އެތައް ޖީލެއް ވަންދެން ދިރިއުޅެމުން އައި ގެދޮރާއި، ބަލިމީހުންނަށް ފަރުވާދެމުންދިޔަ ހޮސްޕިޓަލްތަކާއި، ކުޑަކުދިން ތައުލީމު ހާސިލުކުރަމުންދިޔަ ސްކޫލްތައް ވަނީ ކުނިގޮނޑުތަކަކަށް ބަދަލުކޮށްލާފައެވެ. މިފަދަ ބޮޑު އުދުވާނެއްގެ ތެރޭގައި، އާންމު ރައްޔިތުންނަށް އަމާންކަމާއެކު ނޭވާއެއް ލެވޭނެ އެންމެ ތަންކޮޅެއްވެސް ގާޒާގައި ނެތެވެ. ރެޔާއި ދުވާލު މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން، ކޮންމެ ވަގުތަކީވެސް މަރުވެދާނެކަމުގެ ބިރުވެރިކަން އޮންނަ ވަގުތެކެވެ. އިޒްރޭލުގެ މަގުސަދަކީ ހަމައެކަނި އިމާރާތްތައް މުގުރާލުމެއް ނޫނެވެ؛ ފަލަސްތީނު ރައްޔިތުންގެ ހިތްވަރު އެލުވާލައި، އެމީހުންގެ އުފާވެރިކަމާއި އުންމީދުތައްވެސް ފުނޑުފުނޑުކޮށްލުމެވެ.
ހަނގުރާމައިގެ ސަބަބުން ލިބެމުންދާ ޖިސްމާނީ އަނިޔާތަކުގެ އިތުރުން، އިގުތިސާދީ ގޮތުންވެސް ގާޒާގެ ރައްޔިތުން ވަނީ ހާލުގައި ޖައްސާފައެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ގާޒާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބުމަކީ ނާދިރު ކަމަކަށް ވަނީ ވެފައެވެ. ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެކުރުމަށް ވަނީ ހުރަސްއަޅާފައެވެ. އީދުގެ އެންމެ މުހިންމު އެއް ރުކުން ކަމަށްވާ އުޟްހިޔާ ކަތިލުމުގެ ފުރުސަތުވެސް ގިނަ އާއިލާތަކަށް ވަނީ ގެއްލިފައެވެ. ހަނގުރާމައިގެ ތެރޭގައި ގާޒާގައި ހުރި ގެރިބަކަރި ގެންގުޅޭ ގިނަ ފާމްތައް ވަނީ ހަލާކުކޮށްލާފައެވެ. އަދި ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން، އާ ޖަނަވާރު އެތެރެކުރުން ވަނީ މަނާކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބާކީ ހުރި މަދު ކަންބަޅީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، އެންމެ ކަންބަޅިއެއްގެ އަގު މިހާރު ހަހާސް އެމެރިކާ ޑޮލަރަށް އަރައެވެ. މިއީ އާންމު ރައްޔިތަކަށް ގަނެވޭނެ އަގެއް ނޫނެވެ. ހަމައެކަނި ކަންބަޅިއެއް ނޫނެވެ؛ އީދަށް ބޭނުންވާ ޗޮކުލެޓާއި އެހެނިހެން ތަކެތީގެ އަގުވެސް ވަނީ ހަތަރު ގުނަ އުފުލިފައެވެ. އެއް ކިލޯގެ ޗޮކުލެޓެއްގެ އަގު ތިރީސް ޑޮލަރަށް އަރާފައިވާއިރު، މިއީ ހައިހޫނުކަމުގައި ތިބި ބަޔަކަށް އަތްފޯރާފަށުގައި ހުރި ތަކެއްޗެއް ނޫނެވެ. މިއީ ގަސްތުގައި ރައްޔިތުން ބަނޑަށްޖައްސައި، އެމީހުންގެ ދިރިއުޅުމުގެ އުފާތައް ނިގުޅައިގަތުމަށް ހިންގާ ޖަރީމާއެކެވެ.
މިހާ ބޮޑު ދަތިކަމަކާއި ބިރުވެރިކަމެއްގެ ތެރޭގައިވެސް، ގާޒާގެ ރައްޔިތުންގެ ފަރާތުން ފެންނަނީ އާދަޔާ ހިލާފު ހިތްވަރެކެވެ. ރިމާލް ސަރަހައްދަށް ދިން ބޮމުގެ ހަމަލާތަކަށްފަހު، އެންމެން ސަލާމަތް ހޯދުމަށް ދުވި ނަމަވެސް، ހަމަލާތައް ހުއްޓުނުތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި އަނެއްކާވެސް މީހުން މަގުމައްޗަށް ނުކުންނަން ފެށިއެވެ. ގާޑިޔާތައް އަލުން ހުޅުވައި، ފަތިހު ހަތަރެއް ޖަހަންދެން ބާޒާރުކުރުން ކުރިއަށް ގެންދިޔައެވެ. ގިނަ މީހުންނަކީ އެއްޗެހި ގަތުމުގެ ތަނަވަސްކަން ހުރި މީހުންނަށް ނުވި ނަމަވެސް، އެމީހުން މަގުމައްޗަށް ނުކުތީ އީދުގެ އުފާވެރި މާހައުލު އިހުސާސްކުރުމަށެވެ. އެއީ އިޒްރޭލުގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުމަޗާނެކަން ސާބިތުކޮށްދިނުމަށް ދިން ވަރުގަދަ މެސެޖެކެވެ. އެމީހުންގެ އުފާވެރިކަން ފޭރިނުގަނެވޭނެކަން ދެއްކުމަށް ކުރި މަސައްކަތެކެވެ.
އީދު ދުވަހުގެ ހެނދުނު އިރުއެރީވެސް އާދަޔާ ހިލާފު ގޮތަކަށެވެ. އާންމުކޮށް އީދު ދުވަހުގެ ހެނދުނު އުޟްހިޔާ ކަތިލުމަށްފަހު، އެންމެ ފުރަތަމަ ކެއުމަކަށް ތާޒާ މޭގަނޑު ކެއުމަކީ ގާޒާގެ ސަގާފަތެކެވެ. އެއީ އާއިލާތައް އެއްވެ، އުފާވެރިކަމާއެކު ހިއްސާކުރާ ކެއުމެކެވެ. ނަމަވެސް މިއަހަރު ތާޒާ މަސް ލިބެން ނެތުމުން، ގިނަ އާއިލާތަކުން ހެނދުނުގެ ނާސްތާއަށް ކެއީ ގަނޑުކޮށްފައި ހުރި މޭގަނޑެވެ. އެއީވެސް އެމީހުންގެ ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ކުރި މަސައްކަތެކެވެ. މޭޒުމަތީގައި ފޮނިކާބޯތަކެތި އަތުރައިގެން ތިބެ، އެކަކު އަނެކަކަށް އީދު މުބާރިކް ކިޔަމުން ދިޔައީ، މި އަނިޔާވެރިކަމުން ސަލާމަތްވުމަށް އެދި ދުއާކުރަމުންނެވެ. އީދު ނަމާދު ކުރުމަށްޓަކައި މީހުން ޖަމާވީ ހަލާކުވެފައިވާ މިސްކިތްތަކުގެ ކައިރިއަށާއި، ބޮމުގެ ހަމަލާތަކުން ސުންނާފަތިވެފައިވާ މަގުތަކަށެވެ. އެމީހުންގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމާއި ހިތާމަ ނަމަވެސް، އެމީހުންގެ ހިތްތަކުގައިވާ އީމާންތެރިކަމާއި ސާބިތުކަން ފަނޑުވެގެން ނުދެއެވެ.
ނަމަވެސް، އީދުގެ އުފާވެރިކަން މާގިނައިރަކު ދެމިއެއް ނޯތެވެ. މެންދުރުގެ ވަގުތުގައި މަގުމަތިން އިވެން ފެށީ ޖަނާޒާގެ އަޑުތަކެވެ. “ﷲ ފިޔަވައި އެހެން އިލާހަކު ނުވޭ، އަދި ޝަހީދުންނަކީ ﷲ ގެ ލޯބިވެތިން” މިފަދައިން ގޮވަމުން ދިޔަ މީހުންގެ އަޑުން މުޅި ސަރަހައްދު ގުގުމާލިއެވެ. އެއީ އީދު ވިލޭރޭ ރިމާލް ސަރަހައްދަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ ޖަނާޒާއެވެ. އީދަށް ތައްޔާރުވަމުން ދިޔަ އެތައް ބަޔަކު، އީދު ދުވަހު ވަޅުލަން ޖެހުމަކީ ހިތްދަތިކަމުގެ ކޮޅެއް ނެތް ކަމެކެވެ. މެދުއިރުމަތީގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީދު ދުވަހު އެކަނިވެސް ގާޒާގެ އެކި ސަރަހައްދުތަކުން ފަނަރަ މީހަކު ވަނީ ވަޅުލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. އީދު ދުވަސް ބަދަލުވެގެން ދިޔައީ އުފާފާޅުކުރުމުގެ ބަދަލުގައި، ހިތާމަކުރުމާއި ކަރުނަ އޮއްސުމުގެ ދުވަހަކަށެވެ.
މި ހުރިހާ ވޭނަކާއި ކެކުޅުމަކާއެކުވެސް، ގާޒާގެ ރައްޔިތުން އީދު ފާހަގަކުރެއެވެ. އެމީހުން އީދު ފާހަގަކުރަނީ އެމީހުންގެ ހާލަތު ރަނގަޅުވެގެންނެއް ނޫނެވެ؛ ނަމަވެސް އެމީހުން އަދިވެސް ދިރިތިބީތީއެވެ. އިޒްރޭލުގެ ބާރުގަދަ ހަތިޔާރުތަކާއި، ބޮމުގެ ހަމަލާތަކާއި، ބަނޑުހައިހޫނުކަމުގެ ތެރެއިންވެސް ފުރާނަ ސަލާމަތްވެފައި ހުރީތީއެވެ. ފަލަސްތީނުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި، މިފަދަ ހާލަތެއްގައި އުފާވެރިކަން ހޯދުމަށް މަސައްކަތްކުރުމާއި، ހިނިތުންވުމަކީވެސް ދިފާއީ ހަތިޔާރެކެވެ. އެއީ އަނިޔާވެރި އިސްތިއުމާރީ ބާރުތަކުގެ ކުރިމަތީގައި އެމީހުންގެ ރޫހު މަރުނުވާނެކަން ސާބިތުކޮށްދޭ ދިރިހުރި ހެއްކެކެވެ. ކޮންމެ ބޮމެއްގެ އަޑާއެކު، ކޮންމެ ޖަނާޒާއަކާއެކު، އެމީހުންގެ ހިތްވަރު ދަނީ އާވަމުންނެވެ. އެމީހުންގެ އުންމީދަކީ، ކޮންމެވެސް އެއް ދުވަހަކުން މި އަނިޔާވެރިކަމަށް ނިމުމެއް އައިސް، މިނިވަންކަމާއެކު އީދުގެ އުފާ ފާހަގަކުރުމުގެ ނަސީބު މިންވަރުވުމެވެ.
