ގަދަ ވަޔާއެކު ބިޔަ ގަސްތަކުން މަގުމައްޗަށް ފައިބާފައިވާ ފަތްތައް އެކި ފަރާތްތަކަށް އުދުހެމުން ދިޔައިރު އެހިސާބުގައި މީހެއްގެ ހިލަމެއް ނުވެއެވެ. އަނދިރިކޮށް އޮތް މަގުމައްޗަށް އަލިކަމެއްވީ އެމަގުން ދުއްވާފައި އައި ކާރުގެ ހެޑް ލައިޓުންނެވެ. "ބްލެކް ޕާލް" ގެ ކުރިމައްޗަށް މަޑުކޮށްލި ކާރުން ފޭބި ފުރާވަރުގެ ތިން އަންހެން ކުދިން އަވަސް ވެގަތީ އެމީހުން ގެނައި ފޮށިތައް ކާރުގެ ޑީކީއިން ނެގުމަށެވެ. ޑްރައިވަރުގެ އެހީގައި ފޮށިތައް ނެގުމަށްފަހު އެމީހާއަށް ދޭންޖެހޭ އުޖޫރަ ދެވުމުން އެ ގޭގެ ވަށާފާރުން އެތެރެއަށް މާއިޝާ ވަނީ ވަށައިގެންވާ މާހައުލަށް ބަލާލަމުންނެވެ.
މާއިޝާގެ އުފަން ރަށް ކަމަށްވާ އައްޑޫ އަތޮޅު ހިތަދޫއަށް ދިޔައީ އޭނާގެ ދެ އެކުވެރިން ކަމަށްވާ ޔާނިޔާއާއި ޒައިނާ ގޮވައިގެންނެވެ. ތިން މީހުންނަކީ ސްކޫލް ދައުރުއްސުރެ ދެގޮތެއްނުވާ ތިން އެކުވެރިންނެވެ. އެ މީހުން އެ ރަށަށް ދިޔައީ ހިތަދޫގައި ހިންގާ ކެބިން ކްރޫ ކޯހުގައި ބައިވެރިވެގެންނެވެ. އެމީހުންގެ މައިންބަފައިން އެކަމާ ނުރުހުންވި ނަމަވެސް އެކޯހުގައި އެކުދިން ބައިވެރިވީ މާލެ ނޫން ހިތްފަސޭހަ ތަނެއްގައި އުޅުމުގެ ބޭނުމުގައެވެ.
ހިތަދޫއަކީ އައްޑޫ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވެފައި އެހެން ރަށްތަކާ އަޅާ ބަލާއިރު ތަހުޒީބުގެ ކުލަވަރު އެރަށުން ފެންނަން ހުރެއެވެ. ނަމަވެސް އެހިސާބުގައި ހުރި ފަޅު ގެތައް ގިނަކަމުން އެ ސަރަހައްދަށް ވެރިވެފައި ވަނީ ހަމަހިމޭންކަމާއި އަނދިރިކަމެވެ. ގިނަ ގޯތިތަކުގައި ވަށާފާރުތައް އެކަނި ހުރި އިރު ބައެއް ގެތައް ވަނީ ވީރާނާވެ ހަފުސް ވެފައެވެ. ދަބަރު ޖަހާފައިވާ ޓިނުބުރިތައް އެއްފަރާތެއްގައި ހުރި އިރު މުޅި ސަރަހައްދުގައި ވަނީ އެކި ޒާތްޒާތުގެ ކުނި ބުންޏެވެ.
ބަނބުކެޔޮ އަޅާ ބަރާވެފައިވާ ގަސްދަށުގައި ފޮށިތައް ބެހެއްޓުމަށްފަހު ގޭތެރެއަށް ވަދެވެން ހުރި ދޮރު މާއިޝާ ހުޅުވާލީ އޭނާގެ އަތުގައި އޮތް ތަޅުދަނޑި ދޮރުގެ ތަޅަށް ޖަހާ އަނބުރާލަމުންނެވެ. އެތައް ދުވަހެއް ވަންދެން މީހުން ނޫޅެ ބަންދުކޮށްފައި ހުރި ގޭތެރޭގެ އުދާސްތައް ހޫނު އާވިގަނޑެއްހެން ވައި ރޯޅިއެއްގެ ސިފައިގައި އައިސް މާއިޝާގެ މޫނުމަތީގައި ބީހިލިއެވެ. މާއިޝާގެ ބޮލުގެ އިސްތަށިގަނޑާ އެ ވައިރޯޅި ކުޅެލާފާއި ދިޔުމުން އޭނާ ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ތަފާތު އިހްސާސެއް ކުރެވުނު ނަމަވެސް ޔާނިއާއާއި ޒައިނާ އެ ގޭތެރެއަށް ވަދެެގެން ދިއުމުން މާއިޝާ ގޭތެރެއަށް ވަނީ އަތުގައި އޮތް ފޯނުން ޓޯޗް ދިއްލާލާ އަނދިރިކޮށް އޮތް ގޭތެރެއަށް އަލިކޮށްލަމުންނެވެ.
އެއްފަރާތެއްގައި ހުރި ސްވިޗްތައް ޖައްސާލުމާއެކީ ގޭގެ ހޮޅި ބުރިތައް ދިއްލިގެން ދިއުމުން އެންމެންގެ މޫނު މައްޗަށް އުފާވެރިކަން ވެރިވިއެވެ. ގިނަ ދުވަސް ވަންދެން ބޭނުންނުކޮށް ހުރި ގޭގައި ހިރަފުސްކަމެއް ހުރި ނަމަވެސް އެގެއަކީ އެމީހުން ތިބެން އެންމެ ރަނގަޅުތަން ކަމަށް ޔާނިޔާ ބުނުމުން ޒައިނާވެސް އެކަމާ އެއްބަސްވިއެވެ. މާއިޝާގެ ހިތުގައި އުފެދެމުން ދިޔަ ވަހުމް އެއްފަރާތް ކޮށްލަމުން އެކުވެރިންގެ ނިންމުމާ އެއްބައިވީ މިރޭ ކުއްޔަށް ތަނެއް ހޯދަން ދާނެހާ ހިތްވަރު އެމީހުންގެ ގައިގާ ނެތުމުންނާ އެކީގައެވެ. ކާ އެއްޗިއްސަށް އޯޑަރު ދިނުމަށްފަހު ތަން ސާފުކުރަން އެމީހުން ފެށީ ތިބެވޭނެ ވަރުކޮށްލާށެވެ. އެގެއަކީ ބޮޑު ތިން ކޮޓަރިއާ ބަދިގެއާ ސިޓިންގް ރޫމެއް ހުރި ތަނަވަސް ގެއެކެވެ.
ސާފުކޮށް ނިންމާލާ، ރޭގަނޑުގެ ކެއުމަށްފަހު އިރުކޮޅަކު ވާހަކަ ދައްކާލަން ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ވަރުބަލި ކަމާ ނިދީގެ އަސަރެވެ. ތިން މީހުން ނިދަން ތައްޔާރު ކުރި ކޮޓަރިތަކަަށް އެމީހެއްގެ ސާމަނުތައް ހިފައިގެން ދިޔައީ މިރޭ ދެން އަރާމުކޮށްލުމުގެ ބޭނުމުގައެވެ.
މާއިޝާ އޭނާ ހުރި ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ޖެހި ބޭރު ބަލާލިއެވެ. ވަށައިގެން ފެންނަމުން ދިޔަ ފުން އަނދިރި ކަމަށް އޭނާ ބަލަހައްޓައިގެން ހުރީ ހިޔާލަކަށް ގެއްލިފައެވެ. އެގެ ވަށައިގެން ހުރި ގެތަކުން އެއްވެސް އަލިކަމެއް ފާޅު ނުވާތީ އެހިސާބުގައި ބަޔަކު ނޫޅޭކަން މާއިޝާއަށް ދެނެގަނެވުނެވެ. ފުން ވިސްނުމެއްގައި ހުރުމަށްފަހު އޭނާގެ ދެލޮލަށް ނިދި ސާވާރު ވަމުންދާތީ އެނދުގައި އައިސް ބުރަކަށި ޖައްސާލީ ފޯނު ހިފައިގެންނެވެ. ހުޅުވާފައިވާ ކުޑަދޮރުން އެތެރެއަށް ޖެހެމުންދިޔަ ފިނި ވައިރޯޅި އޭނާގެ ގައިގާ ބީހިލުމުން މައިޝާ ހިފަހައްޓައިގެން އޮތް ފޯނު އަތުން ދޫވެ ފުން ނިންޖެއްގެ ތެރެއަށް އޭނާ ގެނބިގެން ދިޔައެވެ.
ނިދިފައި އޮތް ޒައިނާއަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނީ އޭނާގެ ކަންފަތް ބުޑުގައި މީހަކު ވައިއަޑުން އޭނާއަށް ގޮވާލިހެން ހީވުމުންނެވެ. ވަށައިގެން ހޯދާ ބަލާލިއިރު ކޮޓަރިތެރޭ އެކަކުވެސް ނެތެވެ. ޒައިނާގެ އަތުން އޭނާގެ ކަނދުރާގައި ފިރުމާލީ މީހެއްގެ ހޫނު ނޭވާ އޭނާގެ ކަންފަތް ދޮށުގައި ބީހިލި އިހްސާސް އަދިވެސް ނުކެނޑި ހުރުމުންނެވެ. ނިދިއިރު ގައިމަތީގައި އަޅާފައި އޮތް ބްލޭންކެޓް ދޮރު ބުޑުގައި އޮތުމުން ހައިރާންވެ ހުރެ އޭނާ އެނދުމަތިން ތެދުވިއެވެ. ނިތްކުރިމަތިން ހިއްލާފައިވާ ދާ ތިކިތައް އަތުން ފޮހެލުމަށްފަހު ބްލޭކެޓް ނަގާ ތުވާލި އަޅުވާ ހަރު މައްޗަށް އެއްލާލީ ފުން ވިސްނުމެއްގެ ތެރޭ ހުރެއެވެ. އޭނާއަކީ ނިދީތެރޭގައި އެވަރަށް ފުރޮޅޭ މީހެއް ނޫންކަމުން ހޫނު ގަދަވެގެން ބްލޭންކެޓް ނަގާ އެއްލާލެވުނީ ކަމަށް ވެދާނެއޭ ހިތަށް އެރިއެވެ.
ފާހާނާއަށް ވަދެ މޫނު ދޮންނަ ތަށި ކުރިމަތީ ހުރެ ލޯގަނޑުން ފެންނަމުން ދިޔަ ޒައިނާގެ އަމިއްލަ ސޫރައަށް އޭނާ ބަލާލީ އިސްކުރު ދޫކޮށްލަމުންނެވެ. ކުދި ބުޅި އިސްތަށިގަނޑު އަތުން އެއްވަރުކޮށްލުމަށްފަހު ބޮލުގެ މެދަށް ހުޅިއެއްހެން ވޫލްކޮޅެއްގެ އެހީގައި ހައްޔަރު ކޮށްލީ އޭނާގެ ދޮން މޫނަށް ރަނގަޅަށް ބަލާލުމުގެ ބޭނުމުގައެވެ. އެއްފަރާތަކަށް އޮވެ ނިދުމުގެ ސަބަބުން މޫނުގެ އެއްފަޅި ވަނީ ކޮންމެވެސް ވަރަކަށް ރަތްވެފައެވެ. ކަރުދޮށުން ދިލަ ނަގާހެން ހީވުމުން ލޯގަނޑާ ތަންކޮޅެއް ބޮޑަށް ކައިރިވެލުމަށްފަހު ޒައިނާ ބަލާލީ ކަރުގައި މަޑުމަޑުން ފިރުމާލަމުންނެވެ.
ކަންފަތް ކައިރިން ފެށިގެން ގޮސް ކަރުގެ ލަގޮނޑިވަޅާ ހަމައަށް އެޅިފައިވާ ބޮޑު ވަތްކަށް ބަލާލަމުން ޒައިނާ ދެބުމަ ގޮށްޖަހާލިއެވެ. މޫނު ދޮންނަ އިސްކުރު ބާރުކޮށްލި އިރު ޒައިނާއަށް ހުރެވުނީ ފުން ވިސްނުމެއްގައެވެ. އެއީވެސް ނިދީތެރޭ އޮވެ އޭނާއަށް ކުރެވުނު ކަމެއް ބާވައޭ ހިތަށް އެރުމުން ދެވަނަ ފަހަރަށް އެނދަށް އަރާ އޭނާ ނިދަން އޮށޯތެވެ.
އަނދިރިކޮށް އޮތް ކޮޓަރި ތެރެއަށް އަލިވެގެން ދިޔައިރު މާއިޝާ ފުންކޮށް ނޭވާލަމުން ދިޔައީ ބަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުވެގެންނެވެ. ދެފައި ތިލަ އެނދުގައި ވިއްދާލުމަށްފަހު ދޭތެރެ ކައިރިކޮށް އަރަމުން ދިޔަ ވޭން ވަރާއެކު ގަޔަށް ބާރުލަމުން ދިޔައީ ވިހަން ހިފާހެންނެވެ. އަނދިރިގަނޑެއް ކަހަލަ ކަޅު އަތަކުން އޭނާގެ މޫނުގައި އެ ގޮތް މިގޮތަށް ތަތްވެފައި ހުރި އިސްތަށިތައް އެއްފަރާތް ކޮށްލުމުން މާއިޝާ ލޯމަރާ ތަގުޅިކޮށްލީ އޭނާ މި މަރުވަނީއޭ ހިތަށް އެރުމުންނެވެ.
ކުއްލިއަކަށް އެނާގެ ބަނޑުގައި މީހަކު ހިފާ އޮބާލިކަން އިހްސާސްވިއެވެ. ތަދުވި ވަރުން ފުންމައިގެން ތެދުވެ އެނދުމަތީ އިށީނދެ ވަށައިގެން ކޮޓަރިތެރެ ހޯދާލީ އެތާ ހުރީ ކާކުތޯ ޔަގީން ކުރާށެވެ. ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން ކޮޓަރިތެރެ އޭނާއަށް ސިފަވަމުން ދިޔައީ ބިރުވެރި ގޮތަކަށެވެ. ބަނޑުގައި އޭރުވެސް ގަދަ ރިހުމެއް ހުރުމުން މާއިޝާއަށް އެންދުން ތެދުވެ ދުއްވައިގެނެވޭ ވަރެއް ނުވިއެވެ. ބަނޑުގައި އަތް އަޅައި ހަށިގަނޑު ގުދުކޮށްގެން ގޮސް ދޮރު ކައިރީހުރި ސްވިޗް ޖައްސާލިއެވެ. ހޮޅިބުރީގެ އަލިން މުޅި ކޮޓަރިތެރެއަށް އަލިވެގެން ދިޔައިރު އޭނާއަށް ތެތްފިނި ކަމެއް އިހްސާސް ކުރެވުނެވެ. ލައިގެން ހުރި ސޯޓު މަތިން ބުޑުގައި އަތްހާކާލަމުން މާއިޝާ މޫނު ކުނި ކޮށްލިއެވެ. އޭނާގެ ފޮށީ ތެރެއިން ކުޑަ ޕެކެޓަކާއި ތުވާލި ކޮޅެއް ހިފައިގެން ގޮސް ފާހާނާއަށް ވަނީ ހަށިގަނޑުގައި އަޅާމުން ދިޔަ ތަދުތަކުން ދަށް ބަނޑުގައި އަތް އަޅައިގެން ހުރެއެވެ.
އެފްބީއަށް ވަދެ އެކިކަހަލަ ވީޑިއޯތައް ބަލާ އެކުވެރިން ލާާފައިވާ ފޮޓޯތަކަށް ކޮމެންޓް ކުރުމުގައި ޔާނީޔާ އޮތީ ނިދި ނާންނާތީއެވެ. އެހެން އޮންނަ އިރު ދޭތެރެއަކުން ހިނިގަނޑެއް ޖަހާލައެވެ. އާދަޔާ ހިލާފަށް ކޮޓަރިތެރެ ފިނިވާހެން ހީވާން ފެށުމުން ކައިރީގައި އޮތް ބްލޭންކެޓް ނަގާ ގައިގާ އަޅާލީ އޭނާ ބަލަމުން ދިޔަ ވީޑިއޯއަށް ނަޒަރު ހުސްކޮށްލައިގެން އޮވެއެވެ. ގިނަ އިރުތަކެއް ނުވެ ލޮލަށް ނިދި ސަވާރުވާން ފެށުމުން ފޯނު ބޭއްވުމަށްފަހު ކައިރީގައި އޮތް ބާލީހުގައި ބައްދާލައިގެން އޮވެ ޔާނިއާ ލޯމަރާލިއެވެ.
ނިދެމުން ދިޔަ ޔާނިއާ ލޯ ހުޅުވާލީ އޭނާއަށް މާއިޝާ ގޮވާލިހެން ހީވުމުންނެވެ. ކޮޓަރި ތެރޭގައިވާ ފިނިކަމުގެ ސަބަބުން ތެދުވަން ބޭނުން ނުވެފައި އޮތުމުން މާއިޝާއަށް ޖަވާބެއް ނުދީ އަނެއްކާ ވެސް ލޯމަރާލީ ނިދާލެވޭނެ ކަމަށެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން ދެވަނަ ފަހަރަށް ޔާނިއާގެ ނަމުން ގޮވާލިއަޑު ސާފުކޮށް އިވުމުން އޭނާ ތެދުވެ އެނދުމަތީ އިށީނީ ކޮނޑުމަތީގައި ބްލޭންކެޓް އަޅާ އޭގެތެރޭގައި މިހާ ބޮނޑިވެލަމުންނެވެ. ނިދަން ވަތް އިރު ކޮޓަރީގެ ދޮރު ތަޅުނުލެވޭކަން ޔަގިންވާތީ މާއިޝާ ބޭނުންނަމަ އެތެރެއަށް ވަދެވޭނެއޭ ހިތާ ކަންނެތް ގޮތަކަށް އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ޔާނިއާ ހަމަޖެހިލިއެވެ. ނަމަވެސް މާއިޝާ އެތެރެއަކަށް ނުވަނެވެ. މާއިޝާ ގޮވާތޯ ބަލަން އޮތް ޔާނިއާއަށް އަޑެއް ނީވުމުން މާއިޝާ ދިޔައީ ކަމަށް ނިންމީ ހަމަޖެހިލައިގެން އެނދުގައި އޮށޯތެވެ.
އިރުއަރާ ދުނިޔެ މައްޗަށް އަލިވަމުން ދިޔަ ވަރަކަށް ރޭތަކުގެ ފިނިކަން ކެނޑެމުންދިޔައެވެ. "ބްލެކް ޕާލް" އާ ޖެހިގެން އޮތް ފަޅުގޭތެރޭ ހުރި ބޮޑު ނިކަ ގަހުގައި އިން ކޮވެއްޔެއް އޭތީގެ ފަރި އަޑުން އިރުއަރައިފިކަން އިއުލާން ކުރަމުން ދިޔަވަަރަކަށް އެކަމާ ހަސަދަވެރިވާ ކާޅުތައް އެއް އަޑަކުން ގޮވަމުން ދިޔައެވެ. އެ ހުރިހާ އަޑުތަކާ ހެދި ބޮލަށް އުނދަގޫވާތީ ކަންފަތްމަތީ ބާލިސް އަޅައިގެން ޒައިނާ ބެލީ އިރުކޮޅަކަށް ނިދާލެވޭތޯއެވެ. ގިނައިރެއް ނުވެ ކޮޓަރި ތެރެއަށް އަވި އަރާ ހޫނު ވާން ފެށުމުން ބާލިސް ނަގާ އެއްލާލުމަށްފަހު ފެންވަރައިގެން ނުކުތް އިރު މާއިޝާއާއި ޔާނިއާ ތިބީ ބަނބުކެޔޮ ގަހާއި އަނބުގަހާ ދޭތެރޭ ވާންކޮށް އައްސާފައިވާ ދާގަނޑު މަތީ ކޮފީއެއް ބޯށެވެ. އެހެންކަމުން ޒައިނާވެސް ކޮފީ ތައްޓެއް ހަދައިގެން ނުކުތީ އޭނާގެ އެކުވެރިންނާ ބައިވެރިވުމަށެވެ. އެހެން ތިބި އިރު އެކި ވާހަކަތައް ދައްކާ ސަކަރާތްޖެހުމުގައި އެތައް ވަގުތެއް ހޭދަކުރުމަށްފަހު ގޭގެ މައި ދޮރާށި ތަޅުލާފައި ތިން މީހުން އެކުގައި ދިޔައީ ކައްކަން ބޭނުންވާ ބައެއް ސާމާނުތައް ގަންނާށެވެ.
މަޑު ހިނގުމެއްގައި ތިން މީހުން ދިޔަ އިރު އައްޑޫގެ ރީތި މަންޒަރުތައް އެމީހުންގެ ފޯނުތަކުން ފޮޓޯ ނަގަމުން ގޮސް ފިހާރައަކާ ހަމައަށް ދެވުނު އިރު މެންދުރު ވެއްޖެއެވެ. އެހެންކަމުން ގަތް ސާމާނުތައް ހިފައިގެން އެހިސާބުގަނޑުގައި ހުރި ކުޑަ ރެސްޓޯރަންޓަކަށް އެމީހުން ވަނީ ބަނޑުހައިވެފައި ތިބުމުންނެވެ. އެމީހުންނަކީ ބީރައްޓެހިންހެން ހީވުމުން އޯޑަރުދިން ތަކެތި ހިފައިގެން ނުކުތް މެދު އުމުރުގެ އަންހެންމީހާ އެމީހުންނާ ވާހަކަ ދައްކާލަން މަޑުކުރިއެވެ.
އައްޑޫއަށް ކީއްކުރަންތޯ ސުވާލު ކުރުމަށްފަހު އެމީހުން ތިބޭ ތަނެއް އޮޅުން ފިލުވާލަން އެމީހާ ބޭނުންވިއެވެ. "ބެލްކް ޕާލް" ގައި ކަމަށް މާއިޝާ ޖަވާބުދިނުމާއެކު އެއީ އެހާ އަމާން ސަރަހައްދެއް ނޫންކަމަށް ބުނެ އަވަހަށް ބަދިގެ ފަރާތަށް ދާން އެމީހާ އެނބުރިލީ ބިޒީކަމުން މަޑުކުރެވެން ނެތް ކަމަށް ބުނަމުންނެވެ. ޔާނިއާ އާއި މާއިޝާއަށް އެ އަންހެން މީހާ އުޅުނު ގޮތުން ހިނި އައި ނަމަވެސް ޒައިނާ އެކަމަށް ފުންކޮށް ވިސްނާލީ ކުރިން ރޭ އޭނާއަށް ދިމާވި ކަންތައްތައް ހަނދާންވުމުންނެވެ. ނަމަވެސް އެއިން އެއްްވެސް ވާހަކައެއް އޭނާގެ އެކުވެރިންނާ ހިއްސާނުކުރީ އެކަމާވެސް ޖޯކުޖަހާ މަލާމަތް ކޮށްފާނެހެން ހީވާތީއެވެ.
އެކުވެރިންނާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ކައިގެން ނިދަން ވަންނަމުން ފާރުގައި އަޅުވާފައިވާ ބޮޑު ގަޑިއާ ދިމާއަށް ޔާނީއާ ބަލާލިއެވެ. ބެޓެރި ބަދަލު ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވުމުން 12:23 އަށް ހުއްޓިފައިވާ ގަޑީގެ ވަށައިގެންވާ ލަކުޑި ފަރުމާއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ފޯނުން ފޮޓޯއެއް ނަގައިގެން އޭނާގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ.
އެއް އިރެއްގައި ވެސް ކޮޓަރީގެ ދޮރު ތަޅުލަން އާދަވެފައި ނެތުމުން އެރޭވެސް އޭނާ އޮތީ ތަޅުނުލައެވެ. ވެފައިވާ ވަރުބަލިކަމާ އެކުވެސް ފޯނުން ޑާޓާ އޮންކޮށްލުމަށްފަހު އެދުވަހު ނެގި ފޮތޯތަކުގެ ތެރެއިން އެންމެ ކަމުދާ ފޮޓޯތައް މާލޭގައި ތިބި އާއިލާގެ މެންބަރުންނަށާއި އެކުވެރިންނަށް ފޮނުވުމުގައި ފޫހިކަމެއްނެތި އޭނާ ހޭދަކުރަމުން ދިޔައެވެ. އެކަމަށް ދެވި ހިފާފައި އޮތް ވަރުން ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް ކާކުތޯ ސުވާލުކޮށްލީ ފޯނަށް ބަލަން އޮވެއެވެ. ނަމަވެސް ޖަވާބު ނުލިބި އިރުކޮޅެއް ވުމަށްފަހު ދެވަނަ ފަހަރަށް ޓަކި ޖެހުމުން މިދަނީ ކަމަށް ބުނެ ފޯނަށް ބަލަން ހުރެގޮސް ދޮރުހުޅުވާލީ ކިހިނެއްވީތޯ ބަލަން ސުވާލުކޮށްލަމުންނެވެ.
ޔާނިއާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވެގެން ދިޔައީ މިފަހަރުވެސް ޖަވާބެއް ނުލިބުމުންނެވެ. މަޑުމަޑުން ފޯނު ތިރިކޮށްލުމަށްފަހު ހުސްކޮށް އޮތް ހޯލު ތެރެއަށް އޭނާ ބަލާލީ ޖެހިލުންވެ ހުރެއެވެ. އޭރު ގޭތެރޭގައި ހިފާފައިވާ ތެތް ފިނިކަމުގެ ސަބަބުން ހީވަނީ އައިސްއަލަމާރިއެއްގެ ތެރޭ ހުރެވޭ ކަހަލަ އިހްސާސެއް ޔާނިއާއަށް ކުރަމުން ދިޔައެވެ. ބޭއިޚްތިޔާރުގައި ގަޑިއަށް ބަލާލެވުނު އިރު ގަޑިން ބަރާބަރު 12:23 ހިނގީއެވެ. ލައިގެންހުރި ޓޮޕްކޮޅުގެ މަތިން ސްވެޓަރެއް މަހާލައިގެން ބިރުން ހުރެ ކޮޓަރިން ބޭރަށް ބޯދިއްކޮށް ބަލާލުމަށްފަހު ޔާނިއާ ނުކުތީ އެކަނި މިރޭ ނިދަން އޮންނަން ނުކެރޭނެތީއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ބަދިގެއާ ދިމާއަށް ހިނގާފައި ދިޔަ މާއިޝާއެވެ.
ދެފަހަރަކު މާއިޝާގެ ނަމުން ގޮވާލުމުންވެސް ފަސްއެނބުރި ބަލާލުމެއް ނެތި އެނާ ގޮސް ބަދިގެއަށް ވަނުމުން ޔާނިއާ ދުވެފައި ކަހަލަ ގޮތަކަށް މާއިޝާގެ ފަހަތުން ގޮސް ބަދިގެއަށް ވަނެވެ. މާއިޝާ ހުރީ ފްރިޖް ބަހައްޓާފައިވާ ދިމާލުގައި މަޑުކޮށްލައިގެންނެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު ފްރިޖާއި ފާރާއި ދޭތެރޭގައިވާ ހަނި ދޭތެރެއަށް އޭނާ ވަނީ ކިހިނެއް ކަމެއްވެސް ޔާނިއާއަކަށް ނޭނގުނެވެ. އެހިސާބަށް ޔާނިއާއަށް ދެވުނު އިރު މާއިޝާ ފެންނާކަށް ނެތެވެ.
ޒައިނާގެ ބޮލުގެ އިސްތަށިގަނޑުގައި ތުވާއްޔެއް އޮޅާލައިގެން ހުރެ ކޮޓަރިން ނުކުތުމަށްފަހު ބަދިގެއާ ދިމާއަށް ދާން އޭނާ ހިނގައިގަތީ ފަހަރަކު ދޮރެއްގައި ޓަކި ޖަހަމުންނެވެ. ކޮފީއެއް ބޯލަން ބޭނުންވެފައި ހުރުމުން އެންމެނަށް ގޮވަމުން އިނގިރޭސި ރާގަކަށް ލަވައެއް ކިޔަމުން ގޮސް ބަދިގެއަށް ވަނެވެ. ފެނުނު މަންޒަރުން އޭނާ ތޫލިއަޑަކުން ހަޅޭއްލަވައިގަތީ އެއްޗެއްގައި އަޅައިގެންފައި އޭނާ ބަނޑުވަތަށް ވެއްޓެން ދިއުމުންނެވެ. އެއްފަރާތެއްގައި ހުރި ބޮޑު މޭޒުގައި އަތްއަޅާ ނުލެވުނު ނަމަ އެނާ އޮންނާނީ ބިންމަތީގައެވެ.
ޒައިނާގެ ހަޅޭކުގެ އަޑަށް މާއިޝާ ދުވެފައި ބަދިގެ ފަރާތަށް ނުކުތެވެ. އޭރު ޒައިނާ އިނީ ބަދިގެ ފަރާތުގެ ތަޅުން މައްޗަށް ވެއްޓިފައި އޮތް ޔާނިޔާގެ މޫނުގައި ފެން އުނގުޅާށެވެ. ގިނަ އިރުތަކެއް ނުވެ ޔާނިއާގެ ދިގު އެސްފިޔަތައް ތަޅުވާލުމަށްފަހު ދެލޯ ބޮޑުކޮށްލަމުން އިށީނީ ބޮލުގެ އެއްފަރާތެއްގައި އަތް އަޅައިގެން އިނދެއެވެ. ޔާނިއާއަށް ވީގޮތް އޮޅުން ފިލުވުމަށްޓަކައި އޭނާގެ އެކުވެރިން ސުވާލުކުރަން ފެށުމުން އެރޭގެ ހާދިސާ އެނާ ކިޔާދިނީ ބިރުން ހުރެއެވެ. މާއިޝާ ދަންގަނޑިއެއްގައި ކޮޓަރިން ނުނިކުންނަކަމަށް ބުންޏެވެ. އެންމެ ފަހުން ޒައިނާ ހީކުރި ފަދައިން އެމީހުން އެކަންތައް ހެދީ ބޮޑު ޖޯކަކަށެވެ.
ޔާނިއާ އާ ދިމާކުރުން އެމީހުން ހުއްޓާލީ ޔާނިއާގެ ފެންކަޅިވެފައިވާ ދެލޯ ފެނި ސަކަރާތް ވިހަވެދާނެހެން ހީވުމުންނެވެ. ދުވާލު އެކި ކަންކަމުގައި އެމީހުން އުޅުނު އިރު އެގޭގެ ގޮޓީތެރޭގައި ހުރި ކުނިތައް ސާފުކޮށް ކުނިތައް ނަގާ އެއްފަރާތަކަށް ޖައްސާ ޖހެދިއެވެ. އެއީ ފުދޭވަރެއްގެ ބޮޑު ގޯއްޗެސްކަމުން އެތަން ސާފުކުރަން އުޅުނު ވަގުތު ޒައިނާގެ ލޮލުގައި އަޅާއިގަތީ އެގޭގެ ބިއްދަށް ފަރާތުގައި ވާ ބައެވެ. އެއީ އެގޭގެ ބައެއް ކަމަކު އެ ބައިވަނީ ކޮންމެވެސް ވަރަކަށް ވީރާނާ ވެފައެވެ. އެ ސަރަހައްދުން އަންހެނަކު ރޯ ޒާތުގެ އަޑެއް އިވުނުހެން ހީވި ނަމަވެސް އެ އަޑަށް ސަމާލުކަން ނުދީ ޒައިނާ ގޭތެއަށް ވަންނަން ހިނގައިގަތީ އޭނާއަސް މާއިޝާ ގޮވާލުމުންނެވެ. ދުވާލުގެ އަލިކަން ގެއްލި އިރުއޮއްސުމުން ޔާނިޔާގެ ބިރުން އުޅޭކަން އެނގި މާއިޝާ އެވާހަކަތައް ޒައިނާއާ ހިއްސާކުރީ ކަންބޮޑުވެފައި ހުރެއެވެ. ޔާނިއާ އުޅޭގޮތުން ބޮލަށް އުނދަގޫވެގެން ޒައިނާގެ ކޮޓަރިއަށް އޭނާ މިރޭ ނިދަން އައުމަށް ދައުވަތު ދިނީ އެ އެންމެންނަށްވެސް ހަމަޖެހިލައިގެން ނިދޭނީ އެހެން ހެދީމާ ކަން އިނގޭތީއެވެ.
އެންމެން ނިދާ މުޅި ގޭތެރެ ހަމަހިމޭން ވެއްޖެއެވެ. އަރާމު ނިންޖެއްގައި އޮތް މާއިޝާ ކުއްލިއަކަށް ދެލޯ ބޮޑުކޮށްލީ އޭނާގެ ބަނޑަށް އަރަމުން ދިޔަ ތަދުތަކާއެކު ފުންކޮށް ނޭވާލަމުންނެވެ. އެވޭނަށް ކެތްނުވަތީ މާއިޝާ ތެޅި ފޮޅެމުން ދިޔައެވެ. ގިނަ އިރެއް ނުވެ އެނދުމަތީ ދެފައި ތިލަ ވިއްދާލުމަށްފަހު މެދުހަށި އުފުއްލާލީ ބޮލުގެ ފުއްކިބައާއި ދެ އުޅަނބޮށިވެސް ވިއްދާލައިގެން އޮވެއެވެ. ނޭވާ ކޮޅަށް އެޅެމުން ދާ ވަރަކަށް ދެލޮލުގެ ކަޅި މައްޗަށް އަރައިގެން ގޮސް ގެއްލިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ. ވަށައިގެން އިވެމުން ދިޔަ ކިޔެވެލީގެ އަޑުފައްގަނޑު ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުން ގޮސް ހުރިހާ އަޑެއް ކެނޑުނީ އެއްފަހަރާއެވެ.
އެއްޗެއް ވެއްޓި ތަޅައިގެން ދިޔަ އަޑަށް ޔާނިއާގެ ހަތަރެސް ފައި ކޮޅަށް ޖެހިގެން ދިޔައެވެ. އޭނާ ބިރުން ތެޅިގަތް އިރު ހީވާނީ ރޯމަހެއް ތެޅި ފޮޅޭހެންނެވެ. ޔާނިއާއަށް ވީ ގޮތް ފެނި ޒައިނާވެސް ފުންމައިގެން ތެދުވީ ގަޑި ބަލާލުމަށްފަހެވެ. ގަޑިން 12:23 ވެފައިވުމުން ޒައިނާ ޖެހިލުންވިއެވެ. ރޭގައިވެސް އެކަމެއް ހިނގި ގަޑިއަކީ އެއީ ކަމަށް ޔާނިއާ ބުނެފައިވާތީ މިރޭގެ ކަންތަކާ ޖެހުނީ ބާއޭ ޒައިނާ ހިތަށް އެރިއެވެ. އެހެންނަމަވެސް ބިރުގަންނަ ކަން ނުދައްކާ ޒައިނާ ބޭނުންވީ އެއިވުނީ ކޮން އަޑެއްތޯ ބަލަން ދާށެވެ. ޔާނިއާ ކިތަންމެ ދެކޮޅު ހެދި ނަމަވެސް ޔާނިއާގެ އަތުގައި ހިފާ ދަމަމުން ޒައިނާ ކޮޓަރިން ނުކުތީ އެކަނި ދާން ބޭނުން ނުވާތީއެވެ.
ބަދިގެ ފަރާތާ ގާތްވަމުން ދިޔަ ވަރަަކަށް ފިލާގަނޑެއްގައި އެއްޗެއް ކާއްތާ ކަހަލަ އަޑެއް އިވެމުން ދިޔައެވެ. އެ އަޑު ޖެހުމާއެކުވެސް އެނބުރި ދުއްވައިގަންނަން ޔާނިއާ މަސައްކަތް ކުރިއެވެ. އޭނާއަށް ދެވޭ ގޮތް ނުވީ ޒައިނާ އޭނާގެ އަތުގައި ހިފާފައި ހުރިލެއް ބާރުކަމުންނެވެ. އޭނާ އެކަނި ހުންނަން ނުޖެހޭނެ ކަމަށް ޒައިނާ ބުނުމުން އޭނާގެ ފަހަތަށް ވަދެ ފިލާހުރެ ބަދިގެ ތެރެއަށް ޔާނިއާ ގޮސްވަނީ ދެލޯ މަރާ ބާރުކޮށްލައިގެން ހުރެއެވެ. އެގޭތެރެއިން ހިނޔަންޏެއްވެސް އޭނާގެ ލޮލަށް ފެންނާކަށް ބޭނުމެއް ނޫނެވެ. ލޯމަރައިގެން ހުރުމުން ޔާނީޔާގެ އެހެނިހެން ހިއްސުތަކަށް ސަމާލުކަން ދެވެމުން ދިޔައެވެ.
ބަދިގެ ފަރާތަށް ދިޔައިރު އައިސް އަލަމާރި ހުރީ އެއްފަރާތަކަށް ޖައްސާފައެވެ. އޭގެ މަތީގައި ހުރި މުށި ޓުކުރި ވެއްޓި ތަޅައިގެން ގޮސް މުޅިތަނަށް މުށިކޮޅުތައް ވަނީ ބުރައިގެން ގޮސްފައެވެ. އޭރުވެސް ކުރިން އިވެމުން ދިޔަ އަޑު މެދުނުކެނޑި އިވިއިވި ހުއްޓެވެ. އެ އަޑު އަންނަނީ ކުރިން އައިސް އަލަމާރި ހުރި ދިމާލުން ކަމަށްވީ ނަމަވެސް އައިސް އަލަމާރި ބޭރަށް ނެރެފައި ހުރުމުން އޭގެ ފަހަތުން އެ ތަން ފެންނަ ގޮތެއް ނުވިއެވެ. އައިސް އަލަމާރިއާ މޭޒާ ދޭތެރޭ އޮތް ހަނި ޖާގަކޮޅުން ދެމިގަނެގެން ގޮސް ޒައިނާ އެތަން ބަލާލިއިރު ކަމަކުދާކަށް ނެތެވެ.
ދެފައި ވަށްކޮށްލައިގެން ބިންމަތީ މާއިޝާ އިނީ ފާރުގައި ހަރުކޮށްފައި ހުރި ފިލާގަނޑެއްގައި ނިޔަފަތި އަޅުވާ ދަމާށެވެ. ވެގެން އުޅޭ ގޮތް ބެލުމަށްފަހު ޔާނިއާ ގާތު އެތަން ސާފުކޮށްލަން ބުނެފައި އައިސް އަލަމާރި ކޮށްޕާލާ އެއްފަރާތަކަށް ޖެއްސުމަށްފަހު ޒައިނާ އަވަސްވެގަތީ މާއިޝާ އެތަނުން ނެގުމަށެވެ. ގަޔަށް ބާރުލާ މާއިޝާ ނަގަން އޭނާގެ ދެއަތުގައި ހިފާލުމާއެކު ޒައިނާ ހީކުރި ވަރަށް ވުރެ ފަސޭހައިން މާއިޝާ ތެދުވެއްޖެއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ޒައިނާއާ އެކު އޭނާ ގޮސް ޒައިނާގެ އެނދުގައި އޮށޯތެވެ. ބިއްދޮށަށް އެނބުރި ބާލީހުގައި ބައްދާލައިގެން މާއިޝާ ނިދުމުން ޒައިނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މާއިޝާ އޮތީ ރަނގަޅަށް ވެސް ނިދާފައިކަން ޔަގީން ވުމުން އޭނާ އަވަސްވެގަތީ ޔާނިއާއެކު ބަދިގެ ސާފުކުރަން ދާށެވެ.
ޔާނިއާ އެކަނި ހުރިހާ ކަމެއް ކުރަން ދޫކޮށްލާކަށް ޒައިނާ ބޭނުމެއް ނުވިއެވެ. ދެމީހުން އެކުގައި ބަދިގެ ސާފުކޮށް ނިންމާލުމަށްފަހު އެމީހުން ނިންމީ ޖެހިގެން ހުރި ކޮޓަރިން ގޮދަޑިއެއް ގެނެސް ގެން އެންމެން އެއްތަނެއްގައި ތިބޭށެވެ. މިރޭ ފެނުނު މަންޒަރުން ޔާނިއާއާ ޒައިނާ ވެސް ތިބީ ބިރުގެންފައެވެ. މައިޝާއަށް އެނދު ދީފައި އެ ދެމީހުން އޮށޯތީ ގޮދަޑި މަތީގައެވެ. ކިތަންމެ ނިދަން ބޭނުން ނުވެފައި ތިއްބަސް ވެފައިވާ ވަރުބަލިކަމާއެކު އެމީހުންނަށް ނިދޭކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ.
މަޑުމަޑުން އެސްފިޔަތައް ހުޅުވާލެވުމާއެކި މާއިޝާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޯށްލެވުނެވެ. ވަށައިގެން ހޯދާ ބަލާލެވުނީ އެއީ އޭނާ ނިދަން އޮތް ކޮޓަރި ނޫން ކަން އެނގުމުންނެވެ. ތަޅުން މަތީ އަޅާފައިވާ ގޮދަޑިމަތީ އަރާމުކޮށް ނިދާފައި ތިބި ޒައިނާއާ ޔާނިއާ ފެނުމުން މާއިޝާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އެ ކޮޓަރިއަށް އެނާ އައި ގޮތެއް މާއިޝާގެ ހަނދާނަކު ނެތެވެ. ސައިޑް ޓޭބަލް މަތީ ހުރި ކުޑަ އެލާމް ގަޑިއަށް ބަލާލުމަށްފަހު މަޑުމަޑުން ގޮސް މާއިޝާ ފާހާނާއަށް ވަނީ އޭނާގެ އެކުވެރިން ހޭލާފާނެތީއެވެ.
މެންދުރުވާން ގާތްވެފައި ވާތީ ދެން އިތުރަކަށް ނިދާކަށް މާއިޝާ ބޭނުމެއް ނުވިއެވެ. ފާހާނާއަށް ވަދެ ގައިން ތާހިރު ވެލުމަށްފަހު އޭނާ މަޑުމަޑުން އެ ކޮތަރިން ނުކުމެ ދޮރު ލައްޕާލިއެވެ. އެ ކޮޓަރިއަށް މާއިޝާއަށް ދެވުނު ގޮތާ މެދު އެދެމީހުން ހޭލުމުން ސުވާލުކުރަން ނިންމައިގެން ހުރެ މާއިޝާ ބަދިގެއަށް ދިޔައީ މެންދުރަށް ކައްކާށެވެ.
ބަދިގެއަށް ގޮސް ވަދެވުމާއެކު އެ ތަނަށް އައިސްފައިވާ ބަދަލުތައް ފެނި މާއިޝާގެ އަނގަ ހުޅުވުނެވެ. ޔަގީނުންވެސް އެއީ އޭނާ ނިދަން ދިޔަ އިރު ހުރި ގޮތް ނޫން ކަން އޭނާއަށް އެނގެއެވެ. ޒައިނާއާ ޔާނިއާއާ ނުނިދާ ކުރީ އެ މަސައްކަތް ތާއޭ އޭނާގެ ހިތަށް އެރުމުން ކުޑަކޮށް ރުޅިއަންނަ ގޮތް ވިއެވެ. އެނާގެ ބޮޑުބެއަށް އެކަން އެނގިއްޖެ ނަމަ ރުޅިއަންނާނެ ވަރު މާއިޝާއަށް އެނގުނެވެ.
އެމީހުން އަތަށް ބޮޑުބޭބެ ތަޅުދަނޑި ދިނީ އެ ގެ ހުރިގޮތެއް ބަލާލާށޭ ބުނެފައެވެ. ގަމާއި ވީހާވެސް ކައިރިން ތަނެއް ކުއްޔަށް ހިފަން ދިން ރުފިޔާއިން ސަކަރާތް ޖަހަން އެމީހުން އެގެއަށް ދިޔައީ ބޮޑުބޭބެގެ ހުއްދައަކާ ނުލައެވެ. ފަޅު ހިސާބެއްގައި އެގެ ހުންނާތީ އެތާ މަޑުކުރާކަށް ބޮޑުބެ ގަބޫލުނުވާނެ ކަން މާއިޝާއަށް އެނގެއެވެ. މަންމައަކާ ނުލާ ކުޑައިރުއްސުރެ ބަލާބޮޑުކުރި މީހާއާ ދެކޮޅަށް ކަމެއް ކުރިކަން އެނގިގެން ބޮޑުބެ ރުޅިއަތުވެދާނެތީ އޭނާ ބިރުގަތެވެ. އެވަރު އޭނާގެ އެކުވެރިން ނުވިސްނުނީތީ އޭނާ ދެރަވިއެވެ.
ފާރުގައި ހަރުކޮށްފައިވާ ފިލާގަނޑު މާއިޝާގެ ލޮލުގައި އަޅައިގަތީ ހަނޑޫތެލި އުނދުއްމައްޗަށް އުދާފައި އެނބުރިލި ވަގުތެވެ. ޖެހިލުންވެ ހުރެ ފާރާ ގާތްވެލުމަށްފަހު އެ ފިލާގަނޑުގެ ތުނިވެގެންގޮސް ފޫގޮސްފައިވާ ދިމާލެއްގައި މާއިޝާގެ އިނގިލިތަކުގެ ކޮޅު ޖައްސާލިއެވެ. ފުސް ޖަހާފައިވާ ފިލާގަނޑު ހުރި ބާވެގެން ގޮސް ހަލާކުވާން ފަށާފައެވެ. އެ ފިލާގަނޑުގެ ފަހަތުގައި ވާ އެއްޗެއް ބަލަން ބޭނުންވެފައި ހުރުމުން މާއިޝާ އެ ފިލާގަނޑު ނައްޓަން މަސައްކަތް ކުރިއެވެ.
މާ ބޮޑު މަސައްކަތަކާ ނުލާ ފީވެފައިވާ ފިލާގަނޑު އެތަނުން ވަކިކޮށްލައިފިއެވެ. އެ ފިލާގަނޑު ނައްތާލި ދިމާލުގައި ވަނީ ދޮރެކެވެ. މަކުޑިއެއް އަޅުވާފައިވާ ދޮރުފަތް ހުޅުވާލިއިރު އެތެރއިން ފެންނަމުން ދިޔައީ އަނދިރިކަމެވެ. އިރުކޮޅެއް ވީ އިރު މާއިޝާގެ ލޯ އެ އަނދިރިކަމުގެ ތެރެއަށް ހޭނުނެވެ. ދިގުކޮށް ހިނގާފައިދެވެން އޮތް މަގެއް ހެން ވާ ތަނުގެ ތެރެއަށް ވަންނަން މާއިޝާ ފިޔަވަޅު އަޅާލިއެވެ. އުވަ ޖަހާފައިވާ ފާރުތަކުގެ ތެރެއިން ކަޅު ހިޔަނިތަކެއްހެން އަތްތަކެއް ނުކުތްތަން އޭނާއަށް ފެނުނެވެ. އެ އަތްތައް އޭނާއާ ދިމާއަށް ހަނާއަޅާމުން ދިޔައީ އަންނާށޭ ބުނާ ފަދައަކުންނެވެ. ނޭނގޭ ބާރަކުން މާއިޝާ އެތެރެއަށް ވަދެގެން ދިޔައިރު އެކި ދިމަދިމާލުގައި މަކުނު ވާތައް ފުރާފައިވާއިރު އޭނާ ދިޔައީ އަތުން އެ މަކުނު ވާތަށް ސާފުކުރަމުންނެވެ. ބުނެދޭންނޭގޭ ބިރުވެރިކަމެއް ވެރިވަމުން ދިޔަ ނަމަވެސް އެއީ އޭނާއަށް މީގެ ކުރިންވެސް ފެނިފައިވާ ތަނަކާ ވައްތަރުވިއެވެ.
(ނުނިމޭ)
މި ވާހަކައިގެ ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!
ކޮބާ އަނެއް ބައި؟
2 ވަނަ ބައި ކޮންދުވަހަކު ގެނެސްދެނީ
3 އެކުވެރިން ތިން ކޮޓަރީގަ ނިދާތީ ވަރަށް ކަމުނުދޭ. ޢަދި އެހާ ބިރުގަންނަ އިރުވެސް. ޢަދި ޔާނިޔާއަށް ސާފު ކުރަން އެކަނި ހުންނަން ކެރުނީތީ އަޖައިބުވެ.އެހާ ބިރުން އުޅުނު މީހެއަ.