ގުރުއާނާ ބެހޭ މަރުކަޒުން ދެ ރަށެއްގައި ކުރިޔަށް ގެންދާ ގުރުއާން ކުލާސްތައް، ދިރާގުން ޑިޖިޓަލްކޮށް ނެގޭނެ ގޮތް ހަމަޖައްސައިދީފިއެވެ.

ދިރާގުން ބުނީ، ގުރުއާނާބެހޭ މަރުކަޒުން ފުވައްމުލަކާ، ލ. ފޮނަދޫގައި ގުރުއާން ކުލާސްތައް ހިންގުމަށްޓަކާ، އެ މަރުކަޒަށް މެގަ އެކްސެސް ނެޓްވޯކް ސޮލިއުޝަން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މި ދެ ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ރަށުގައި ތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު މިހިދުމަތުގެ ސަބަބުން ހުޅުވިގެންދާނެ ކަމަށާއި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިބެގެން މުދައްރިސުންނަށް ފިލާވަޅު ނަގައިދީ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުވެސް ވަގުތުން ދެއްވޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ދިރާގުގެ އިޖްތިމާއީ ޒިންމާ ގެ ދަށުން ފޯރުކޮށްދޭ މިހިދުމަތުގެ ސަބަބުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ވީޑިއޯ ކޮންފެރެންސިންގް މެދުވެރިކޮށް ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި އެ ރަށްރަށުގައި ތިބޭ ދަރިވަރުންނަށް ރިމޯޓްކޮށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ ތަފާތު ކޯސްތަކުގައި ރަށުގައި ތިބެގެން ބައިވެރިވެވޭނެ ކަމަށެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ މި ޕްރޮގްރާމަކީ އަތޮޅުތެރޭގައި ތިބޭ ފަރާތްތަކަށް ރަށުގައިތިބެގެން ޑިގްރީ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން މުޖްތަމަޢަށް ގިނަގުނަ ފައިދާތަކެއް މި ޕްރޮގްރާމުގެ ޒަރިއްޔާއިން ކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

ޖުމްލަ 91 ދަރިވަރުން މިވަގުތު މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އެއީ 65 ދަރިވަރުންނާއެކު ޤުރުއާން މުދައްރިސް ކަމުގެ ޑިގްރީ ގައި 65 ކުދިން އަދި އިމާމްކަމުގެ ޑިގްރީ ގައި 26 ދަރިވަރުންނެވެ.