އެސްޓީއޯގެ ތެޔޮ ބޯޓެއް ކ ކާށިދޫ ހުޅަނގު ފަރާތު ނެރު މައްޗަށް ފަރަށް އަރައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ކާށިދޫ ފަރަށް އެސްޓީއޯގެ ތެޔޮބޯޓެއް އަރައިގެން އެމްއެންޑީއެފް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެ ހާދިސާގެ އެމްއެންޑީއެފް އޭރިއާ ކޯސްޓްގާޑް މެރިޓައިމް ކޯޑިނޭޝަން ސެންޓާ އަށް ލިބުނީ ރޭ އިރާކޮޅު 6:44 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނީ، މިއީ "މާތޮޅި" ނަމަކަށް ކިޔާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ 100 ފޫޓު ހުންނަ ތެޔޮ ބާޖެއް ކަމަށެވެ.

މި ބޯޓަކީ ތެޔޮ ބަރުކޮށްފައި ހުރި ބޯޓަކަށް ވުމާއި އެކު، މި ތެޔޮ ބޯޓުގައި ތެޔޮ ނެގުމަށް އެމްޕީއެލްގެ ޓަގެއް ބޭނުންކޮށްގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ބޯޓުގައި ހުރި ތެޔޮ ނެގުމަށްފަހު ރޭ ދަންވަރު 2:00 ހާއިރު އެމްޕީއެލްގެ ޓަގް ފުރަފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓުގައި 27،00 ލީޓަރުގެ ޕެޓްރޯލާއި 180،000 ލީޓަރުގެ ޑީސަލް ހުރި ކަމަށެވެ.

އެސްޓީއޯގެ ތެޔޮ ބޯޓު ފަރަށް އަރާފައި

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މިއަދު ހެނދުނު 8:00 ހާއިރު މި ބޯޓު ފުން ކުރުމުގެ މަސައްކަތް އެމްޕީއެލްގެ ޓަގުގެ އެހީގައި ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް އުޅަނދަކަށް ގެއްލުން ލިބިފައި ނުވާއިރު މި ސަރަހައްދަށް ތެޔޮ ލީކް ވެފައިވާ ކަމުގެ އެއްވެސް ނިޝަނެއް ވެސް ފެންނަން ނެތް ކަމަށެވެ.

ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފްގެ އެހީތެރިކަން ރައްޔިތުންނަށް ލިބެއެވެ.