ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ފުރިހަމަކުރި 300 އަށް ވުރެ ގިނަ ދަރިވަރުންނަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. މި ފޯރަމްގައި ހަސަން ރަޝީދު ވިދާޅުވީ، ވަތަނީ ހިދުމަތް ފުރިހަމަކުރާ ދަރިވަރުންނަށް ގައުމީ ދިފާއީ ބާރުގެ އިތުރުން، ސަރުކާރުގެ އެހެނިހެން އިދާރާތަކުން ވެސް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން، އެ ޕްރޮގްރާމް ނިންމާ ދަރިވަރުންގެ ތެރެއިން ވަޒީފާ ބޭނުންވާ ކުދިންނަށް، އެ ކުއްޖަކު އެދޭ ދާއިރާއަކުން ވަޒީފާ ހޯދައި ދިނުމަށް އިސްކަންދޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެ ކުދިން އެންމެ ބޭނުންވާ ދާއިރާއިން ވަޒީފާ ނުލިބުނު ކަމުގައި ވިޔަސް، ވަޒީފާއަކަށް ދިއުމުގެ އިހްތިޔާރު އެ ކުދިންނަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
"އެ ހިދުމަތް ހޯދާ ހުރިހާ ދަރިވަރުން ވަޒީފާ ބޭނުމެއް ނުވޭ. އެހެންނަމަވެސް ބޭނުންވާ ދަރިވަރުންނަށް އަޅުގަނޑުމެން އެ ފުރުސަތު ހޯދާދެން،" މިނިސްޓަރު ވިދާޅުވިއެވެ.
ހަސަން ރަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރާނެ، ހަރުދަނާ އަދި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރުން ކަމަށް ވެސް ވިދާޅުވިއެވެ. މި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް ވަތަނީ ހިދުމަތުގެ ދަށުން 1028 ބައިވެރިން ތަމްރީނުކޮށްފައިވާކަން ހާމަކުރައްވާފައެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ނިޒާމަކަށް ހެދުމަށްޓަކައި "ދިވެހި ވަތަނީ ހިދުމަތުގެ ބިލު" މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި މި ބިލުގެ މަސައްކަތް މިހާރު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ. އަދި މި ގާނޫނު ވުޖޫދުވުމުން، ވަތަނީ ހިދުމަތް ފުރިހަމަކުރާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ސާފު އޮނިގަނޑެއް އެކުލަވާލެވި، ތަފްސީލުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އެ ބިލުގެ މަސައްކަތް އަންނަ މަޖިލީހުގެ ދައުރުގައި ފެށޭނެ އިރާދަކުރެއްވިއްޔާ،" ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުގެ ތެރޭގައި މި ބިލު ފާސްވެގެންދާނެ ކަމުގެ ފުރިހަމަ އުއްމީދު އެބައޮތްކަން ހާމަކުރައްވަމުން ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.
