ދިވެހި ވަތަނީ ހިދުމަތުން ކުރިއަށް ގެންދާ "ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިން" ގެ 4 ވަނަ ބެޗުގެ ތަމްރީނުތައް 351 ދިވެހި ޒުވާނުންނާއެކު ރަސްމީކޮށް ފަށައިފިއެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމަކީ 14 ހަފުތާގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ބައިވެރިވުމަށްޓަކައި ދަރިވަރުން އެ މަރުކަޒަށް ރިޕޯޓްކޮށްފައިވަނީ މިއަދު ކަމަށް ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި ފަހަރުގެ ބެޗުގައި ބައިވެރިވެފައިވަނީ ސެލެކްޝަން މަރުހަލާ ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު، ރާއްޖޭގެ 20 އަތޮޅުގެ 126 ރަށަކަށް ނިސްބަތްވާ ޒުވާނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 287 ފިރިހެން އަދި 64 އަންހެން ބައިވެރިންނެވެ.

މި ތަމްރީނަކީ ދިވެހި ވަތަނީ ހިދުމަތާ އަލަށް ގުޅޭ މެމްބަރުންނަށް ހާއްސަކޮށްގެން، ގައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކުރުމަށާއި، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ބިނާކުރުމުގެ މަގްސަދުގައި ހިންގޭ ޕްރޮގްރާމެކެވެ. މީގެ އިތުރުން ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ސާބިތުކަމާއެކު ގައުމީ ހިދުމަތަށް ނުކުންނާނެ ޒުވާނުން އުފެއްދުމާއި، ގައުމުގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމަކީ ވެސް މި ޕްރޮގްރާމުގެ މައިގަނޑު އަމާޒެކެވެ.

މި ތަމްރީނު ފުރިހަމަކުރާ ދަރިވަރުން ބިނާވެގެންދާނީ އެއްބައެއްވަންތަކަމާއެކު މަސައްކަތްކުރާ، އަހުލާގާއި ސުލޫކު ރަނގަޅު، ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ މުހިންމު ހުނަރުތައް ލިބިފައިވާ، އަދި ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައެވެ.

މި ޕްރޮގްރާމްގެ މުގައްރަރުގެ ތެރެއިން ދަރިވަރުންނަށް އެކި ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމުގެ ފުރުޞަތު ލިބިގެންދާއިރު، ތަމްރީނު ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި ސަނަދުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް (ތަމްރީން ފުރިހަމަކުރާ ހުރިހާ ދަރިވަރުންނަށް)
  • ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަޝިޕް (މިންގަނޑުތައް ހާސިލްކޮށް ފާސްވާ ދަރިވަރުންނަށް)
  • ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ ސެޓްފިކެޓް (ފަޔާ ފައިޓިންގް މޮޑިއުލް އިން ފާސްވާ ދަރިވަރުންނަށް)
  • ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް (ފަސްޓް އެއިޑް މޮޑިއުލް އިން ފާސްވާ ދަރިވަރުންނަށް)
  • ޕިއާ އެޑިއުކޭޝަން ޓްރޭނިން ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ("އެކުއެކީ" ޕްރޮގްރާމްގެ ބައިވެރިންނަށް)

ދިވެހި ވަތަނީ ހިދުމަތުގެ މި ހަރަކާތްތަކަކީ، ގައުމަށް ވަފާތެރި، އަގީދާ ވަރުގަދަ އަދި ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ ގައުމީ މަސައްކަތެކެވެ.