އުފަލާ ހިތްހަމަޖެހުމުގައި އުޅެން ބޭނުންނަމަ، މި ދުނިޔޭގައި ބޭނުންވާނީ ދެ ކަމެއްކަމަށް އަބަދުވެސް އިނާން ގަބޫލުކުރެއެވެ. ފައިސާއާއި ނުފޫޒެވެ. ނަމަވެސް އެއީ ދޮގެއްކަން އިނާނަށް އެނގުނީ ވަގުތުފާއިތުވި ފަހުންނެވެ. ފައިސާއިން ހުރިހާ ކަމެއް ނުވާނެކަމާއި އެއަށްވުރެ މުހިންމު އެތައް ކަމެއް ވާކަން އިނާނަކަށް އެއްވެސް އިރެއްގައި ނޭނގެއެވެ. ކުޑަ އިރު މައިންބަފައިން ދުނިޔެއާއި ވަކިވެގެން ދިއުމުން އިނާން ހޭދަކުރި އެކަނިވެރި ދިރިއުޅުމުން ވެސް މިއިން އެއްވެސް ކަމެއް ދަހެއް ނުވިއެވެ. އިނާންގެ ދުނިޔެ ބަނަކޮށްލީ ވެސް މިފަދަ ކަމެއްގެ ތެރެއިންނެވެ.

އެއީ މީގެ 10 އަހަރު ކުރިއެވެ. އިނާން ދިރިއުޅެމުންދިޔަ އިންޑިއާގެ ފަގީރު އަވަށެއްކަމަށްވާ، ޕަދްމާގެ މަގުމަތިން ގައްޑާވެފައި ދަނިކޮށް އިނާނާ ދިމާވީ ފުލުހަކާއެވެ. އެއިރު އިނާނުގެ އުމުރުން އެންމެ 15 އަހަރެވެ. ފުލުސް މީހާއާ ދިމާއަށް ފުއްޕާލާފައި އިނާނު ބޮޑާވެގަތެވެ. ނަމަވެސް ފުލުހެއް ކުރިމަތީގައި ގައްޑާވުމުން އިނާނަށް ޖެހުނީ ފުލުހުންގެ ޖަގަހައިގެ ތޭރީގެ ފަހަތުގައި ގަޑިއިރުތަކެއް ހޭދަކުރާށެވެ.

ތޭރިތަކުގެ ފަހަތުގައި މާގިނަ އިރުތަކެއް ނުވަނީސް އިނާން ދޫކޮށްދިނުމަށް އެދި އެތަނަށް އައީ ފެނިދެނި މީހެކެވެ. އަދި އޭނާއަކީ ފައިސާވެރިއެއް ކަމުން ގަދަރުވެރިކަމާއެކު އިނާން ދޫކޮށްލާނެކަމަށް ހީކުރިއެވެ. ނަމަވެސް އޭނާ މޫނަށް ފުލުސް މީހާ އަތް ދޮވެލިއެވެ. ތޭރިތަކުގައި ހިފހައްޓައިގެން އޭނާ މަންޒަރު ބަލަން ހުއްޓެވެ.

"މީގަ ހިފާ ދެން، އޭނާ ދޫކޮށްލާ. ކުޑަކުއްޖަކު އެއްޗެއް ބުނީމަ އެ އަޅާލާ އެއްޗެއް ނޫން" އިނާން ބަލާ އައި ފައިސާވެރިޔާ ބުންޏެވެ.

1000 ގެ 10 ވަރަކަށް ނޫޓުގައި ނުގޮތަކަށް ހިފާފައި، ޖީބަށް ލަމުން ފުލުސް މީހާ އިނާން ވަގުތުން ދޫކޮށްލަން އަމުރު ކޮށްލިއެވެ. ދެނަވެސް އެތަނުން އިނާން ނުކުތީ ގައްޑާވެފައެވެ. މީގެ 3 ގަޑިއިރެއްހާ ކުރިން ތޭރިތަކުގެ ފަހަތުގައި ހުންނަން ޖެހުނުކަން ވެސް ހަނދާނުން ކައްސާލިއެވެ.

"އަހަރެން ހީކުރީ ކަލޭތީ ވަރަށް ބޮޑު މީހެއްކަމަށް. އޭގެ ބަދަލުގައި ތިއޮތީ މޫނު ރަތްކޮށްލާފައި" މަލާމާތުގެ ރާގަކުން އިނާން އޭނާ ބަލާ އައި ފައިސާވެރިޔާ ދިމާލަށް ބުންޏެވެ.

"މިދުނިޔޭގައި ފައިސާ ހުރިއްޔާ ކޮންމެ ކަމެއްވެސް ވާނެ. ފުލުހުންގެ ޔުނީފޯމް އަޅައިފިއްޔާ އެގޮތް މިގޮތަށް ވެސް ލިބޭނެ. ބާރުވެސް ގަދަވާނެ" އިނާން ބަލާ އައި ފައިސާވެރިޔާ ބުންޏެވެ.

ކުޑަ ހިނދުކޮޅަކަށް އެބުނި ވާހަކައަށް ގެއްލި އިނާންގެ ވިސްނުން ހިޔާލީ ދުނިޔެއަށް ދަތުރުކުރިއެވެ. އަދި އެއީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދެން އޮތް އެންމެ ކުރުމަގުކަމަށް އިނާނަށް ވިސްނުނެވެ.

އޭގެ 10 އަހަރު ފަހުން އިނާން ގޯއާއަށް އެނބުރި އައީ އެތަނުގެ ފުލުހުންގެ ޖަގަހައިގެ އިންޗާޖެއްގެ ގޮތުގައެވެ. އިނާން ކުޑައިރު ދެކުނު ހުވަފެން ހަގީގަތަކަށް ހަދައިގެންނެވެ. ގޯއާގެ ބާރުގަދަ މީހުންނާއި ގުޅުން ބަދަހިކޮށް އިނާންގެ ޖީބަށް މުސާރައަށްވުރެ ގިނައިން ފައިސާ ވަންނަން ފަށައިފިއެވެ. މިކަން އެނގެނީ މަދު މީހަކަށެވެ. އިނާނަށް ގޯއާގައި އޮންނަ ގަދަރު އިތުރުވެ މީހުންގެ ތެރޭގައި ނަން އުފުލި މަޝްހޫރުކަން އިތުރުވިއެވެ. އެންމެންގެ ހީރޯއަކަށް އޭނާ ވިއެވެ.

ދަންވަރު ޑިއުޓީ އަދާކުރަން ޖެހޭ ރޭތަކަކީ އިނާނަށް ބޮލު ރިހުމެއް ކަހަލަ ރޭތަކެވެ. މާބޮޑު ކަމެއް ކުރަން ނުޖެހޭތީ އިނާން އޮންނަނީ އޭނާގެ ކެބިންގައި ނިދާފައެވެ. މިހެން ދިޔަ ދުވަހެއްގެ އޭނާއަށް ތަންކޮޅެއް ލަހުން ހޭލެވުނެވެ. އެއިރު ގަޑިން ހެނދުނު 9 ޖަހަނީއެވެ.

އަވަސް އަރުވާލައިގެން ޖިޕުގައި ގެއަށް ދިޔަ މަގުމަތީގައި، ޕާކާދިމާލުން އިނާނަށް ފެނުނީ ބަލާ ފޫހިނުވާ އާޝޯހް ކުރުވާ މަންޒަރެކެވެ. ހިނދުކޮޅަކަށް ވައިބާރުވެ މަޑު ފިނި ރޯޅިތައް އިނާން ވަށާލި ކަހަލައެވެ. ބަހާރު މޫސުމުގައި ގަސްތަކުގައި ފޮޅިފައިވާ މާތަކުގެ ފިޔަތައް އިނާން ވަށައިގެން ނަޝަމުން ދިޔަ ކަހަލައެވެ. ގަސްތަކުން އަލަށް ނުކުތް ޒުވާން ފަތްތަކާއި ގަސްގަހުގައި ލަވަކިޔަމުން ދިޔަ ދޫނިތައް އިނާނަށް އެހެން ވާހަކައެއް ކިޔައިދެމުން ދިޔަ ކަހަލައެވެ.

ކުޑަ އިރުކޮޅަކަށް ހުއްޓުން އަރާފައި އިން ނަމަވެސް އިނާނަށް ހޭލެވުނުވީ ފަހަތުން ބަރުގޮނު އަޅާ އަޑަށެވެ. ކަނާއަތުން މޫނު މަތީގައި އަތް އަޅާ ލޯ އުނގުޅާލަމުން ކުރިއަށް އިނާނު ދުއްވާލިއެވެ. ގެއަށް އާދެވުމާއެކު އެއްޗެހި ބަދަލުނުކޮށް އިނާން އެނދު މައްޗަށް ވެއްޓިގަތެވެ. ނިދި ކިތައްމެ ގަދަ ނަމަވެސް އޭނާގެ ސިކުނޑީގައި ކުޅެމުން ދިޔައީ އެހެން ރާގުތަކެކެވެ. އިނާންގެ ހިތުގައި އުކެމުން ދިޔައީ އާ ބާބެއްގެ އާ ސަފްހާތަކެކެވެ.

އިނާނަށް ހިތާހިތާ ސުވާލުކޮށްލިއެވެ. "އަހަންނަށް މިވަނީ ކިހިނެއް؟ އަހަންނަށް ލޯބި ވެވުނީތަ؟" ސުވާލުތަކުގެ ފުންޏެއްގެ މަތީގައި އޮވެ އިނާނަށް ނިދިއްޖެއެވެ.

އިނާނަށް ހޭލެވުނީ އޭނާ އެޕާޓްމަންޓްގެ ދޮރުގައި މީހަކު ޓަކިޖަހާ އަޑަށެވެ. ކުނި މޫނަކާއެކީ ތެދުވެގެން ގޮސް ކަންނެތްކަމާއެކު ދޮރު ހުޅުވާލިއެވެ. އެއިރުވެސް އިނާން ބަލަން ހުރީ ބިންމަށްޗަށެވެ. ދޮރު ހުޅުވާލުމާއެކު އޭނާއަށް ފެންނަނީ އަންހެން ކުއްޖެއްގެ ދެފަޔެވެ. ފައިތިލައިގެ ބޮޑުވާ އިނގިލިން ފެށިގެން ގޮސް މޫނާ ހަމައަށް އިނާނުގެ ނަޒަރު ހުއްޓުނު އިރު، އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. މޭ ފަޅާލާފައި އިނާންގެ ހިތް ނުކުތް ކަހަލައެވެ.

ހުއްޓުން އަރާފައި ހުރި އިނާނަށް ހޭވެރިކަން އެރީ އޭނާގެ ގައިގައި މީހަކު އޮޅުލައިގަތުމުންނެވެ. އޮޅުލައިގަތުމަށްފަހު އެ އަންހެން ކުއްޖާ ބާރަކަށް ހަޅޭ ލަވައިގަތެވެ. "އަހަރެން ސަލާމަތް ކޮށްދީ، އެމީހުން އަހަރެން ފަހަތުން އެބަ އާދޭ" އަންހެން ކުއްޖާ ގިސްލަމުން ބުންޏެވެ. ބޭއިހްތިޔާރުގައި އިނާނަށް އާޝާގެ ގައިގައި ބައްދާލެވުނެވެ. އިނާނަށް ހޭވެރިކަމެއް އައީ ބަޔަކު ހަޅޭއްލަވާ އަޑަށެވެ.

އާޝާގެ ފަހަތުން އައި މީހުންތައް އިނާން ދިރިއުޅޭ ގޭގެ ދޮރާ ހަމައަށް އައެވެ. ނަމަވެސް އިނާން ފެނި އެމީހުން އެތަނުން ދުވެ ފިލިއެވެ. އިނާނަކީ އެ ސަރަހައްދުގެ ފުލުހުންގެ އިންޗާޖް ކަމުން އެމީހުންނަށް ފާޑުފާޑެއް ނުކުރެވުނެވެ.

އިރުކޮޅެއްވަން ދެން އިނާން ގައިގައި އާޝާ ބައްދާލައިގެން ހުރުމަށްފަހު ކުއްލިއަކަށް އަތްދޫކޮށްލައި ދުރަށް ޖެހިލިއެވެ. އެއިރުވެސް އިނާން ހުރީ ހުއްޓުން އަރާފައެވެ. އިނާނަށް ހުރެވުނީ އާޝާގެ އެ ފަރި ރީތިކަމާއި، އާޝާގެ ގައިން ދުވަމުން ދިޔަ މީރު ވަހުގެ ެތެރއަށް ގެނބިގެން ގޮސް ހުސްވެފައެވެ. އިނާން ހިތުގައި ކެކެމުން ދިޔަ ވާހަކަތައް ބޭރުކޮށްލަން ބޭނުން ވިޔަސް ދޫ ވަނީ ބަންދުވެފައެވެ. ދެއަތާއި ދެފައި ފިނިވެ މީހާ ހުރީ ގަނޑުވެފައެވެ. ވާނީ ވެސް އެހެންތާއެވެ. ގެއަށް އައިސް އިނާން ނިދީ ކުރިމަތީގައި ފެންނަން އެހުރި އާޝާގެ ހިޔާލުގައި އޮވެއެވެ. އެ ހިޔާލުތައް އެހާ އަވަހަށް ހަގީގަތަކަށް ބަދަލުވާނޭ އިނާން އެއްވެސް ވަރަށް ހިތަށް ނާރުވާ ހުއްޓާ އެކަން ވެސް ވީތާއެވެ.

އާޝާ އިސްޖަހާލުމަށްފަހު "ތެންކިޔޫ" ބުނެ އިނާނާ ދިމާލަށް އަތް ދިގުކޮށްލިއެވެ. އާޝާ ބޭނުންވީ އިނާންގެ އެހީއަށް ޝުކުރު އަދާކޮށް ސަލާމް ކޮށްލާށެވެ. އެހެނަސް އިނާން ހުރީ އަދި ހަމަ ބިމަކުއެއް ނޫނެވެ. އަދިވެސް އިނާނަށް ހުރެވެނީ އާޝާއަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ.

އިނާން ކުއްލިއަކަށް ސިހިގެން ދިޔައީ އާޝާ ތަންކޮޅެއް ބާރަށް "ތެންކިޔޫ" ބުނެލުމުންނެވެ. އިނާން ލަދުރަކޮ ގޮތަކަށް ސާލާމް ކުރަން އާޝާ ދިގުކުރި އަތަށް ބަލާލިއެވެ. ނުކުރިފަ ހުރެ އިނާން އާޝާގެ އެ މަޑުމަޑު އަތުގެ ތެރެއަށް އިނާންގެ އަތް މަހާލާ ސަލާމްކޮށްލިއެވެ. އާޝާގެ އަތް އެހާވެސް މަޑެވެ. އެހާވެސް ޗާލެވެ. ސަލާމް ކުރުމަށްފަހު އަތުން ދޫކޮށްލަން އިނާނަކަށް ނޭނގުނެވެ.

އަތް ދޫކޮށްލުމަށްފަހު އާޝާ އެނބުރި ހިނގައިގަތެވެ. އިނާން ހުރީ އެއިރު ވެސް އަނގަ ބަންދުވެ އަމިއްލަ ބާރު ކެނޑި މަސްތީ ކަމެއްގައި ޖެހިފައެވެ. އާޝާ އެގޭގެ ގޯތި ތެރެއިން ނުކުމެގެން ގޮސް ގޯޅި އަޅަންދެން އިނާން ހުރީ އެސްފިޔަވެސް ޖަހާ ނުލާ ބަލާށެވެ. "ޔޭސް" އިނާން ބާރަކަށް ހަޅޭލަވައިގަތެވެ. ކޮޓަރިއަށް ވަދެ ބާލިސްތައް އުކާ އެތަނުގައި އޮތް ޓެޑީ ބެއާއެއް ނަގާ ލަވަކިޔަން ފެށިއެވެ. މިއީ ދުވަހަކު ވެސް އިނާންގެ ހަޔާތުން ފެނުނު ކަމެއް ނޫނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އިނާނާއި އާޝާގެ ގުޅުން ގާތް ވެއްޖެއެވެ. ރައްޓެއްސެއްގެ މަގާމުން ގާތް ރައްޓެއްސަކަށް ވެއްޖެއެވެ. އިނާންގެ ރަސްމީ ޑިއުޓީ ނޫން ކޮންމެ ގަޑިއަކީ އާޝާ ފެންނަ ހިސާބުގައި އޭނާ ހުންނަ ވަގުތުތަކަކަށް ވެއްޖެއެވެ. ކެއުމާއި ބުއިމާއި ދުނިޔެވީ އެހެން ކަން ކަމަކަށް އިނާންގެ ސަމާލުކަން ނެތް ކަހަލައެވެ. ދިރިއުޅުމަކީ އާޝާއޭ އީނާންގެ ހިތް ބުނާ ކަހަލައެވެ. ދުވަސްތައް ހަފްތާއަށް ބަދަލުވެ ހަފްތާ މަހަށް ބަދަލުވާ އިރު، އިނާނަށް ދުވަސްތައް މާޒީއާ އެކުވެ ދާގޮތް ވެސް ނޭނގެއެވެ.

އެއް ރެއެއްގެ ދަންވަރުގެ ވަގުތެވެ. ހަނދު އޭގެ އެންމެ ފުރިހަމަ ގޮތުގައި މުޅި ދުނިޔެއަށް އަލިކުރަމުން ދިޔަ މަސްތީ ވަގުތެވެ. އިނާނާއި އާޝާ ތިބީ ބީޗްގައި މަޑުކޮށްލައިގެންނެވެ. އެކިއެކި ވާހަކަތަކުގައެވެ. އެ ފުރިހަމަ ހަނދު ދުނިޔެއަށް އޭގެ ޗާލުކަން ދައްކަމުން ދިޔަ އިރު އިނާނަށް ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ނާޒުކީ ޝަބާބީ ހަދެކެވެ. އެއީ އާޝާއެވެ. ދެމީހުން އެކުގައި އެތާ ތިބީ ކިހާ އިރަކު ކަމެއް ފާއިތުވީ ކިހާ ވަގުތެއްކަމެއް އެކަކަށް ވެސް ނޭނގެއެވެ.

ވާހަކައިގެ ތެރޭގައި ތިބެ އާޝާއާއި ރައްޓެހިވާން އިނާން އެދުނެވެ. އާޝާ ކައިރީގައި އިނާން މިހެން އެހީ އެއްވެސް ވަރަކަށް އާޝާ ދޭނެ ޖަވާބަކާ މެދު ވިސްނާފައެއް ނޫނެނެވެ. ކަން ހިނގައި ދިޔައީ އިނާން އުއްމީދު ކުރިވަރަށް ވުރެ މާ ފުރިހަމަކޮށެވެ. އެރޭ އާޝާވެސް ހުރީ އިނާނަށް ޕްރޮޕޯސް ކުރަން ތައްޔާރުވެގެންނެވެ. ނޭނގި ނަމަވެސް އެކަކު އަނެކަކު ދެކެ ދެމީހުން ލޯބިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަކު އަނެކަކަށް މި ވާހަކަތައް ބުނަން ނުކުރިފައި ތިއްބާ އެންމެފަހުން އެވާހަކަ ހާމަވެއްޖެއެވެ.

ލޯބިވާ ވާހަކައާއި ދެމީހުންގެ ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒްބާތުތައް ހިއްސާކުރަމުން ދިޔައެވެ. އެންމެ ފަހުން އަތުގައި ހިފައިގެން ވާހަކަ ދައްކަން ތިބި ދެމީހުންނަށް ބޭއިހްތިޔާރުގައި ބައްދާލެވުނެވެ. އިރުގެ ދޯދިތައް މުޅި ދުނިޔެއަށް ފަތުރަމުން މާސިންގާ ކަނޑުގެ ލޮނުގަނޑުތެރެއިން އިރު ފާޅުވީވެސް އެމީހުން އެހެން ތިއްބައެވެ. ދުނިޔެމަތި ރަން ރީނދޫ ކުލައިން ޖަރީކުރަމުން އިރު އޭގެ މަގާމާ ހަވާލުވެއްޖެއެވެ.

ހެނދުނު ވުމުން ދެމީހުން ގެއަށްދާން ހިނގައިގަތެވެ. އާޝާ ގެއަށް ލައިދިނުމަށްފަހު އިނާން ވެސް ހިނގައިގަތީ ގެއަށެވެ. ނިދި ނުލިބި ވަރުބަލިވެފައި ހުރުމުން ދެމީހުން ވެސް ބޭނުންވީ ނިދާލާށެވެ. އެހެނަސް ނިންޖެއް ނާދެއެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކުގެ ހިޔާލަށް ގެއްލި އިޝްގީ ދުނިޔޭގައި ޢަރަގުވެފައެވެ. ދުވަހަކަށްވުރެ ދުވަހެއް ދެމީހުންގެ މެދުގައި އޮތް ލޯބި އިތުރުވެ، އިނާނަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ.

އިނާނަށް އަންނަން ފެށީ ހެޔޮ ބަދަލުތަކެކެވެ. އެ އަވަށުގެ ބޮޑުންނާއެކު ބާއްވާ ގުޅުން ހީނަރުކޮށް އިނާން ހަރުދަނާވާން ފެށިއެވެ. ފައިސާގެ ދަހިވެތިކަމަށް ވުރެ އޭނާއަށް ލޯބި އިސްކުރެވިއްޖެއެވެ. ވަޒީފާއަށް ހުރުމަތްތެރިކޮށް ހިތާ ހަރުދަނާ މީހަކަށް ވެވިއްޖެއެވެ. ކުރީގައި އުޅެވުނު ދޯހަޅި ގޮތް ދޫކޮށް އޭނާ ޒަވާޖީ ހަޔާތަކަށް ތައްޔާރުވެއްޖެއެވެ.

އިނާނަށް އައި ބަދަލުގެ ސަބަބުން އޭނާއަށް ބައެއް ފަހަރު އަވަށުގެ ބޮޑުންގެ ފަރާތުން ދުއްތުރާއާއި އިންޒާރުގެ ބަސް ރައްދުވިޔަސް އޭނާ އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. އިނާންގެ ރަސްމީ މަސައްކަތް ކުރަނީ އޮންނަންވާ ގޮތަށެވެ. ބޮޑަކަށް ފައިސާވެރިއަކަށް ނުބަލައެވެ. އެންމެންގެ މައްޗަށް އެއް ހުކުމެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އިނާން، އާޝާގެ މައިންބަފައިން ކައިރިން އެ ދެމީހުންގެ ކައިވެނީގެ ހުއްދައަށް އެދުނެވެ. އިނާނަކީ އެ އަވަށުގައި ގަދަރު ލިބިގެންވާ އަދި ހަރުދަނާ ވަޒީފާއެއްގައި އުޅޭ މީހެއް ކަމުން އާޝާގެ މައިންބަފައިން އެ ދެމީހުންގެ ކައިވެންޏާ ހަތަރެސްފައިން ރުހިއްޖެއެވެ. ކައިވެނީގެ ކަންކަން އަވަސް ކުރުމަށް ނިންމިއެވެ. އަދި އެންމެ ރަނގަޅު ތާރީހެއްގައި މުޅި އަވަށަށް ދައުވަތުދީގެން ބޮޑު ޕާޓީއަކާއެކު ދެމީހުންގެ ކައިވެނި ކުރުމަށް ނިންމިއެވެ.

އިނާނާއި އާޝާގެ ލޯބި ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެކަކު ނުލާ އަނެކަކަށް ނޭވާ ނުލެވޭ ފަދައެވެ. އެހާވެސް ދެމީހުންގެ ގުޅުން ގާތެވެ. މިއަދަކީ ދެމީހުން އެދުވަހަކަށް އިންތިޒާރުކުރަމުން އައި ދުވަހެވެ. ކައިވެނީގެ ހުރިހާކަމެއް އެންމެ ފުރިހަމައަށް ކޮށް ނިންމައިފިއެވެ. ތަން ހީވަނީ މާބަގީޗާއެއް ހެނެވެ. މުޅި އަވަށު އެންމެން ކަހަލަ ގޮތަކަށް އޮތީ ކައިވެނީގެ ހަފްލާއަށް ޖަމާވެފައެވެ. ގަޑީގެ އުފާވެރިކަން ބޮޑެވެ. އިނާންގެ ހިތުގެ ތެޅުން އަވަސްވިއެވެ. ދެއަތް ފިނިވާން ފެށިއެވެ. އާކަމެއް ކުރަން އުޅޭނީ ބިރުގަތީ ކަންނޭގެއެވެ.

ކައިވެނި ކުރުމަށް ގާޒީ ގެއަށް އަތުވެއްޖެއެވެ. މަލުން ޖަރީކޮށްފައިވާ މޭޒު ކައިރީގައި އިނާނާއި އާޝާ އިޝީންދެއްޖެއެވެ. ގާޒީ ދިޔައީ ކައިވެނީގެ ކަންކަން ކުރިއަށް ގެންދަމުންނެވެ. އެންމެ ފަހަރަކު ވެސް އެސްފިޔަ ޖަހާ ނުލާ އިނާނަށް އިނދެވެނީ އާޝާއާ ދިމާއަށް ބަލާށެވެ. އެހެން ދުވަސްތަކަށް ވުރެ މިއަދު އާޝާ މާ ރީއްޗެވެ. ހީވަނީ ޕާރީޒާދެއް ހެނެވެ. އާޝާގެ ރީތިކަމާއި ޗާލުކަން އިނާންގެ ހިތް ކަތިލާފަދައެވެ.

ކައިވެނީގެ ހުތުބާ ލައިދިނުމަށްފަހު، އިނާން ކައިރިން ގާޒީ އެއްސެވިއެވެ. އުމުރު ދުވަހު އާޝާއަށް ބަލަހައްޓާ ފިރިއެއްގެ ވާޖިބު އަދާކޮށް އޭނާ އުފަލުގައި ބަހައްޓާނެތޯއެވެ. އިނާން ލަދުރަކިގޮތަކަށް ބޯ ޖަހާލާ އާނއެކޭ ބުންޏެވެ. ދެން އޮތީ އަނބި ގަބޫލުކުރުމެވެ. އިނާން ކައިރިން ގާޒީ އެހިއެވެ. އަނބި ގަބޫލުހެއްޔެވެ. އިނާންގެ ހިތް އަވަސްވެގަތެވެ. ނަމަވެސް ނުތަނަވަސް ކަމެއްގެ ތެރެއިންނެވެ. ކުއްލިއަކަށް އިނާނަށް ފެނުނީ އާޝާ ގޮނޑިން ވެއްޓުނު ތަނެވެ. އާޝާގެ ހަބަރު ހުސްވެއްޖެއެވެ. އެއްވެސް ކަހަލަ ހަރަކާތެއް ނެތެވެ. އިނާން އަވަސްވެ އާޝާ ނެގިއެވެ. ނަމަވެސް އޭރު އާޝާގެ އެއްވެސް ހަރަކާތެއް ނެތެވެ.

އެމަޖެންސީގައި އާޝާ ހޮސްޕިޓަލަށް ގެންދިޔައީ އެމްބިއުލަންސްގައެވެ. ހޮސްޕިޓަލަށް ގެންދެވުމުން އޭނާ އެނދުމަތިކުރެވުނެވެ. އާޝާ އޮތް އެނދު ވަށާއލީ ޑޮކްޓަރުންނާ ނަރުހުންގެ ޓީމެކެވެ. އެމަޖެންސީ ދޮރުގައި އިން ކުޑަ ބިއްލޫރިގަނޑަކުން އިނާނަށް އާޝާއަށް ސީޕީއާރު ދެމުން ދިޔަ މަންޒަރު ސާފުކޮށް ފެނުނެވެ. އެ މަންޒަތު ފެނި އޭނާގެ ހިތަށް ވެރިވެގަތީ ނުތަނަވަސް ކަމެވެ.

ކައިވެނީގެ ހެދުމުގައި އެމަޖެންސީ ދޮރުމަތީގައި 2 ގަޑިއެއްހާ އިރު ހުއްޓިލައިގެން އިނާން ހުއްޓެވެ. އާޝާއަށް ބަލަންށެވެ. އާޝާގެ އެއްވެސް ހަރަކާތެއް ނެތެވެ. މެށިންތަކުން ދައްކާ ނަންބަރުތައް އިނާނަށް ސާފު ނުވި ނަމަވެސް އިނާންގެ ހިތުގައި އުފެދެމުން ދިޔަ ނުތަނަވަސްކަން ބޮޑުވިއެވެ.

އާޝާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ އެންމެން ވެސް ތިބީ ހޮސްޕިޓަލުގައެވެ. އެއްވެސް މީހަކަށް ވެގެން އުޅޭގޮތެއް ނޭނގެއެވެ. އާޝާއަކީ މީގެ ކުރިން ދުވަހަކު ވެސް ބަލިވެ އެޑްމިޓް ކުރި މީހެއް ނޫނެވެ. ފެންނަ ފެނުމަށް އާޝާއަކީ ވަރަށް ސިއްހަތު ރަނގަޅު މީހެކެވެ. ކުރަން ޖެހުނު މަސައްކަތެއް ފަސްނުޖެހި ކުރަމުން ދިޔަ އަންހެނެކެވެ. އާއިލާގެ މީހުންގެ ތެރޭގައި ވެސް އޭރު އޮތީ ނުތަނަވަސް ކަމެވެ. ވެގެން އުޅޭގޮތެއް އެކަކަށް ވެސް ނޭނގުނެވެ.

އާޝާ އެމަޖެންސިއަށް ވެއްދި ފަހުން ތިންގަޑި އިރު ވެއްޖެއެވެ. އާޝާ ބެލި ޑޮކްޓަރުންގެ ޓީމުގައި އިސްކޮށް ހުރި ޑޮކްޓަރު އެމަޖެންސީން ބޭރަށް ނުކުމެ އާޗާގެ އެހީތެރިއާ ހޯދަން ގޮވާލިއެވެ. ކުރިއަށް ޖެހުނު އަނާންގެ ކޮނޑުގައި ހިފަހައްޓާލަމުން ޑޮކްޓަރު އިސްޖަހާލިއެވެ. "އައެމް ސޮރީ، ޝީ އިސް ނޯ މޯ" ޑޮކްޓަރު ބުންޏެވެ. އިނާންގެ ފައިދަށުން ބިންގަނޑު ދަމައިގަތް ކަހަލައެވެ. ހިފެހެއްޓުމެއް ނެތި އިނާންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އިނާންނަށް ހަޅޭއްލަވައިގަނެވުނެވެ. ދުއްވައިގަނެވުނީ އެމަޖެންސީއާ ދިމާލަށެވެ.

އިނާން ހުއްޓުން އެރިއެވެ. ފެނުނީ އާޝާގެ މިލާފައިވާ މޫނެވެ. އާޗާގެ ހިތުގެ ވިންދު ބަލަން ގުޅާފައިވާ މެޝިނުގެ މޮނީޓަރުން ފެންނަނީ އެއް ސީދަލަށް ދަތުރުކުރާ ރޮނގެކެވެ. އިނާން ހަޅޭއްލަވަމުން އާޝާގެ ގައިގައި އޮޅުލައިގަތް ނަމަވެސް އާޝާގެ ހަރަކާތެއް ނެތެވެ. އާޝާގެ ހަށިގަނޑު ވަރަށް ފިންޏެވެ. ދެލޯ ވެސް ވަނީ ބަންދުވެފައެވެ. އެއިރު ވެސް އާޝާ އޮތީ ކައިވެނީގެ ހެދުމުގައެވެ.

އިނާން ބާރު ބާރަށް ރޮމުން ބުންޏެވެ. "އަނބި ގަބޫލް ކޮށްފިން، އަނބި ގަބޫލް ކޮށްފިން" އިނާންގެ ގިސްލުމުގެ އަޑު މުޅި ހޮސްޕިޓަލުގައި ހިއްޕާލިއެވެ. "އާޝާ ތީ އަހަރެން ހުރިހާވެސް މީހަކީ. އާޝާއާ ނުލާ އަހަންނަކަށް ނޫޅެވޭނެ. އާޝާ. އަހަރެން އެކަނިކޮށްފަ ނުދޭ. އަހަންނާއެކު އުޅެން ވި ވައުދު ފުއްދާ. އާޝާ" އިނާންގެ އަޑު ކެނޑުނެވެ. އިނާން ބިއްމައްޗަށް ވެއްޓުނެވެ. ކައިރީގައި ތިބި ނަރުހުން އިނާން ނަގާ އާޝާއާ ޖެހިގެން އިން އެނދުގައި ބާއްވައިފިއެވެ.

ލިބުނު ކުއްލި ޝޮކެއްގެ ސަބަބުން އިނާންގެ ހޭވެރިކަން ނެތުނީއެވެ. އިނާނަށް ހޭލެވުނު އިރު އޭނާއާ ޖެހިގެން އޮތް އެނދުގައި އޮތް އާޝާއެއް ނެތެވެ. އެނދު ހުރީ ބެޑްޝީޓާއެއްކޮށް ނަގާ ސާފްކޮށްފައެވެ. އިނާން ކައިރީގައި ފުލުހުންގެ ޖަގަހައިގައި މަސައްކަތް ކުރާ މީހަކު އިނެވެ.

އިނާން ބޭނުންވީ އަވަހަށް ދާންށެވެ. އަތަށް ގުޅާފައި އޮތް އައިވީގެ ވާގަނޑު ހޫރާލުމަށްފަހު އާޝާ ހޯދަން އިނާން ދުއްވައިގަތެވެ. އާޝާގެ ހަށިގަނޑު އެއިރު އެންބިއުލާންސަށް ލަނީއެވެ. އިނާން ފަހަތުން ގޮސް އެންބިއުލާންސަށް އެރިއެވެ. ފެނުނީ މޫނު އެކަންޏެވެ. އާޝާގެ މު ޅި ހަށިގަނޑުގައި އޮތީ ހުދު ފޮތިތަކެއް އޮޅާފައެވެ.

އާޝާގެ ކުއްލި މަރުގެ ސަބަބެއް އެކަކަށް ވެސް ނޭނގުނަސް އެކަން އެނގެނީ އާޝާއަށް އެކަންޏެވެ. ކެންސަރު ބަލީގައި މަރާހަނގުރާމަ ކުރަމުން ދިޔަ އާޗާ އޭރު ހުރީ ސްޓޭޖް ތިނެއްގައެވެ. އާޝާގެ އާއިލާގެ އެކަކަށް ވެސް އެކަން އާޝާ ކިޔައި ނުދިނީ އޭނާއަށް ލިބިފައިވާ ކުޑަ ދުވަސްކޮޅުގައި އުފާވެރި ހަޔާތެއް ހޭދަކޮށްލަން ބޭނުންވެފައި ހުރީމައެވެ. އޭނާގެ ބަލީގެ ތަކްލީފް މައިންބަފައިންނަށް ޖައްސަްން ބޭނުންނުވާތީއެވެ. އޭނާގެ ބަލި ހާލު އެނގިއްޖެ ނަމަ އެންމެންވެސް ރޮއެ ހިތާމަ ކުރާނެކަން އޭނާއަށް އެނގޭތީއެވެ.

އާޝާގެ މަރުގެ ހަގީގަތް ޑޮކްޓަރުން އާޝާގެ ބައްޕައަށް ވަނީ ކިޔައިދީފައެވެ. ނަމަވެސް އިނާނަކަށް އެކަން އަދިވެސް ނޭނގެއެވެ. އެމްބިއުލާންސްތެރޭގައި އިނދެ އާޝާގެ ބައްޕަ އިނާނަށް ރިޕޯޓެއް ދިނެވެ. އާޝާގެ މަރުގެ ރިޕޯޓެވެ. އާޝާ މަރުވީ ކެންސަރު ބަލީގެ ސްޓޭޖް ތިނެއްގައި ހުރެ މަރާ ހަނގުރާމަކުރުމަށްފަހުއެވެ. އިނާންގެ ދެލޯ ފުރި ބަންޑުންވިއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. ވަގުތު ފާއިތުވެ އިނާންގެ މުޅި ދިރިއުޅުން ބީވިއެވެ.

ކެތްތެރިކަމާއެކު ހިތްވަރާއެކު އާޝާގެ ކަށުކަމާކެމީގެ ހުރިހާކަމެއް ނިންމާލުމަށްފަހު އިނާން އެނބުރި ގެއަށްދާން ހިނގައިގަތެވެ. ނަމަވެސް އޭނާގެ ސިނކުޑީގައި އެވަގުތު އެނބުރިގަތީ އާޝާގެ ހަނދާނެކެވެ. އާޝާ އެންމެ ލޯބިވާ ދެމީހުންނަކީ އޭނާގެ މައިންބަފައިން ކަމަށާއި، އެމީހުންނަށް އަބަދުވެސް ހެޔޮކޮށް ހިތުމަށް އޭނާ ނަސޭހަތްތެރިވި ވާހަކަތަކެވެ. އިނާން ހުރި ފިޔަވަޅު މައްޗަށް ހުއްޓުނެވެ. ފަސް އެނބުރި ބަލާލި އިރު، އާޝާގެ މަންމައާއި ބައްޕަ ހުއްޓެވެ. އިނާން އެދެމީހުން ގައިގައި އޮޅުލައިގަތީ އަމިއްލަ މަންމައާއި ބައްޕަ ގޮތުގައި ހިތަށް އަރުވާލަމުންނެވެ. އަދި އޭނާގެ ހަޔާތުގެ ބާކީ ދުވަސްތައް އާޝާއަށްޓަކައި ހޭދަކުރަން ބޭނުންވާ ކަމަށާއި، އާޝާގެ މަގާމުގައި ހުރެގެން އާޝާގެ މައިންބަފައިންނަށް ހިދުމަތް ކޮށްދިނުމުގައި ހުންނާނަން ކަމަށް އިނާން ވައުދުވިއެވެ.

ދެލޯ ފުހެލުމަށްފަހު އިނާން ހާމަކޮށް އޮތް އުޑުމައްޗާ ދިމާއަށް ބަލާލިއިރު އޭނާގެ ލޮލުން ހޫނު ކަރުނަތައް އޮހިގަތެވެ. އޭނާ ކުރިން އުޅެމުން އައި ގޯސް އުޅުމަށް އަނބުރާ ނުދާނެކަމަށް އިނާން ހިތާހިތުން ވައުދުވިއެވެ. އާޝާއަށްޓަކައި ހުންނާނެކަމަށް ވައުދުވެ، އާޝާއަށްޓަކައި އޭނާއަށް އައި ރަނގަޅު ބަދަލުގައި ދެމިހުރުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ. އޭނާގެ ހަޔާތުން އާޝާ ބީވެ ދިޔަސް އާޝާގެ ހަނދާންތަކެއް ނުދާނެއެވެ. އިނާނަކީ އަބަދުވެސް އާޝާގެ މީހެއްކަމަށް ނިންމާ އާޝާއަށްޓަކައި އިނާން ދިރިއުޅެން ފެށީ އާޝާގެ މައިންބަފައިންނާ އެކުގައެވެ.

-ނިމުނީ-