އެއްގަމު މަސް ކެއުމަކީ ވަކި ހުދޫދެއްގެ ތެރެއިން، މުސްލިމުންނަށް ލިބިފައިވާ އިމްތިޔާޒެކެވެ. އެއްގަމު މަސް ކެއުމުގައި މުސްލިމު އަޚުންނާ އުޚުތުންގެ މައްޗަށް ޒިންމާތަކެއްވެއެވެ. އެ މަހަކީ މުސްލިމުންނަށް ޙަލާލު މަހެއްކަން ކަށަވަރު ކުރަންޖެހެއެވެ.
އަދުގެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މަސް ބަންދުކުރާ ކާރުހާނާތަކަކީ ވިޔަފާރިއާއި މަންފާ އިސްކޮށްގެން ހިންގާ ތަންތަން ކަން ގަބޫލު ކުރަންޖެހެއެވެ. މިފަދަ ގިނަ ތަންތަނަކީ އިސްލާމީ ޝަރީއާ ތަންފީޒުކުރާވެސް ތަންތަނެއް ނޫނެވެ. ޖަނަވާރުންނަށް ލާއިންސާނީ އަނިޔާދިނުމަކީ އިސްލާމް ދީން ރުހޭ ކަމަކަށް ނުވާއިރު، ޒަމާނީ ކާރުހާނާތަކުގައި މިކަން އިންތިހާއެވެ. ބުޅަލަށް ފެން ނުދިން އަންހެން މީހާއަށް ލިބުނު އަޒާބުގެ ވާހަކަ ހަނދުމަފުޅު ކޮށްލައްވާށެވެ. ދީނީ އިލްމުވެރިއެއްގެ ގަލަންކޮޅުން އެ ވާހަކައިގެ މުރާދާ ތަފްސީލު ބަލާލުމަށް ދޫކޮށްލާނަމެވެ.
ތަރައްގީގެ އެންމެ ފަހުގެ ވަސީލަތްތަކާއެކު ހިންގާ އެއްގަމު މަސް ބަންދުކުރާ ކާރުހާނާތަކަށް ބަލާލަމާ ތޯއެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނާނީ ތުންގަނޑު ބުރިކޮށްލާފައި ތިބި ކުކުޅުތަކެކެވެ. އެފަދަ ކަމަކުން މިކަމަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. އެފަދަ ތަނަކުން ތައްޔާރުކުރާ ކުކުޅު މަސް ބޭނުންކުރުމުން އެ އެހީވެވެނީ ހަމަ އެކަން ކުރަން ނޫންހެއްޔެވެ؟ އެފަދަ ލާއިންސާނީ އަނިޔާތަކެއްގެ ތެރޭގައި ގެންގުޅުނު ނާމަސޫފިތައް ހަލާލު ގޮތުގައި ކަތިލީއޭ ބުނެ އެ މަސް ކެއުމުން ހުރިހާ ކަމެއް ހައްލުވީ ތޯއެވެ؟
ހަލާލް ނޫން މަހެއް ކެއުމުގެ ސަބަބުން ލިބިދާނެ އަޒާބަކުން ސަލާމަތްވެވުނު ނަމަވެސް، ހިތްވަރު ތިޔަ ދެވެނީ ދިރޭ ފުރާނަތަކަކަށް ލާއިންސާނީ އަނިޔާ ދިނުމަކަށް ނޫންތޯއެވެ.
ދެން އޮތީ އެއްގަމު މަހުގެ ސިނާއަތުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކައެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ، މިސިނާއަތުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު އިތުރުވެގެންދާ ސިކުންތެކެވެ. އެއްގަމު މަސް ބައްލަވާ ގަންނަވާއިރު މިހުރިހާ ކަމަކަށްވެސް ވިސްނާލެއްވުން ބުއްދިވެރިއެވެ. ރާއްޖޭގެ ފިހާރަތަކުން ގަންނަނީއޭ ބުނެ އޭގައި ހަލާލު ލޯގޯ އިންތޯވެސް ބަލާ ނުލާ މީހުން މަދެއް ނޫނެވެ. ބައެއް ފަހަރު ހަލާލު ނޫން ކާބޯތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަކެތި، ބޮޑެތި ފިހާރަތަކުންވެސް ފެނިފައި އެބަހުއްޓެވެ.
ދެން އޮތީ ރެސްޓޯރަންޓްތަކަށް ގޮސް ކާ ވާހަކައެވެ. ވަކީން ހާއްސަކޮށް ޣައިރު މުސްލިމުންނަށް ކައްކާ ބަދިގެ ތަކުން ކެއުމުގައި އެތައް ގުނައެއް ސަމާލުވާންޖެހެއެވެ. ތިބާއަށް ޑިޝް ތައްޔާރުކުރީ ހަލާލު މަހުން ކަމުގައި ރެސްޓޯރަންޓުން ބުނި ބަހަށް އިތުބާރުކޮށްފައި މިފަހަރު ދޫކޮށްލަމާ ހިނގާށެވެ. ނަމަވެސް އެ ކުކުޅުފައި ތެލުލޮ ތެޔޮގަނޑަކީ ހަލާލު ނޫން ކިތަށް ބާވަތް ތެލުލަން ބޭނުންކުރި ތެޔޮގަނޑެއްތޯ ވިސްނަވާލެއްވިން ތޯއެވެ.
ކުރިއަށް މިދާ ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ސަވާބު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި މިފަދަ ކުދި، އެހެންނަމަވެސް އާޚިރު ނަތީޖާ ބޮޑެތި ކަންކަމަށް ވިސްނާލެއްވުން ކީއްތޯއެވެ!