ކުރީގެ ނައިބު ރައީސްކަން ކޮށްފައިވާ ފަރާތަތަކަށް އިނާޔަތާ ރައްކާތެރިކަން ދިނުމަށް ރައްޔިތުން މަޖިލީހުން ފާސްކުރި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލައިފިއެވެ.

ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާ ރައްކާތެރިކަން ދޭ ބިލު ރައީސް އަނބުރާ އިސްލާހު ކުރުމަށް މަޖިލީހަށް ފޮނުވާފައި ވަނީ ރައީސަށް އެ ބިލު މިހާރު އޮތީ ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށް ކަމަށް ފެނިވަޑައި ނުގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅައިފައިވާ ބިލުގައި ވަނީ ކުރީގެ ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް 35000 ރުފިޔާގެ އިނާޔަތާ ރައްކާތެރިކަން ދޭގޮތަށެވެ. އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމާއި، މާލޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ސަލާމަތީ ބާރުތަކުން ހަމަޖައްސައި ދިނުމުގެ އިތުރުން ބޭނުން ޖެހިއްޖެ ހާލަތެއްގައި ސަލާމަތީ ހިދުމަތް ދިނުމަށް މި ބިލުގައިވެއެވެ.

މި ބިލުގައި ވާ ގޮތުން ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ލިބޭނީ ދައުލަތުގެ މަގާމެއް ނުވަތަ ވަޒީފާއެއް އަދާނުކުރައްވާ ނަމައެވެ. އެހެންކަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި، މުހައްމަދު ވަހީދުއްދީނަށާއި، އަބްދުﷲ ޖިހާދަށް މި ބިލު ރައީސް ތަސްދީގު ކުރައްވައިފި ނަމަ އިނާޔަތާ ރައްކާތެރިކަން ދޭން ޖެހޭނެއެވެ.