ސިފައިންގެ އަހަރީ ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓެގަރީން އެންމެ މޮޅު ބަޑިޖެހުން ތެރިއެއްގެ މަގާމު ސްޕެޝަލް ފޯސަސްގެ ސާޖަންޓް ފަސްޓް ކުލާސް ޝަކީބު ޒުހައިރު ހާސިލު ކޮށްފިއެވެ.

މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަ އަށް ކުރިއަށް ގެންދިޔަ ބަޑި މުބާރާތުގެ، ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން މިއަދު ހަވާލު ކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

އިންޑިވިޖުއަލް ކެޓަގަރީން ދެވަނަ އަށް އެންމެ މޮޅު ބަޑިޖެހުން ތެރިއަކަށް ހޮވިފައިވަނީ ސްޕެޝަލް ފޯސަސްގެ ސާޖަންޓް މުއާވިޔަތު ހަނީފެވެ. އަދި 3 ވަނަ ހާސިލު ކޮށްފައި ވަނީ، ސްޕެޝަލް ފޯސަސް ގެ ސާޖަންޓް މުހައްމަދު އަޝްރަފެވެ.

ބަޑި މުބާރާތުގައި އެމްއެންޑީއެފް ގެ ޔުނިޓު ތަކުގެ މެދުގައި ބަޑިޖެހުން ކުރިއަށް ގެންގޮސްފައިވަނީ 2 ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީގެ އެއްވަނަ ހޯދާފައި ވަނީ، ސްޕެޝަލް ފޯސަސް އިންނެވެ. މި ކެޓަގަރީން ކޯސްޓްގާޑަށް 2 ވަނަ ލިބިފައި ވާއިރު، 3 ވަނަ މަގާމު ލިބުނީ އެމްއެންޑީއެފް ސަދަން އޭރިއާ ޓީމަށެވެ.

ދެވަނަ ކެޓަގަރީގެ އެއްވަނަ ޓީމުގެ މަގާމް ހާސިލްކޮށްފައިވަނީ ޕްރެޒިޑެންޝަލް ގާޑްސްގެ ޓީމެވެ. އަދި ދެވަނަ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕަށް ލިބިފައިވާއިރު ތިންވަނަ މަގާމް ލިބިފައިވަނީ ޑިފެންސް އިންޓެލިޖަންސް ސަރވިސް އަށެވެ.

ބަޑި މުބާރާތުގައި އެންމެ މަތިން މާކްސް ހޯދި ބަޑިޖެހުންތެރިންގެ ޓާގެޓުތަކުގައި ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސޮއިކުރައްވާފައެވެ.

މި ބަޑި މުބާރާތަކީ ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި، ދިގު މުއްދަތަކަށް އިސްކޮށް މަސައްކަތްކުރައްވާފައިވާ މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް އެމްއެންޑީއެފުން ބާއްވަމުންގެންދާ މުބާރާތެކެވެ.