ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި އެމްއެންޑީއެފް އިން ބަލަހައްޓަން ފެށީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ރުހުމާއެކު ކަމަށް ވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް، ޔޫކޭ ޗާގޯސް އެގްރިމަންޓަށް އެއްބަސްވެވަޑައިގަތީ ޗާގޯސް މޮރިޝަސް އަށް ދިނުމަށް ނޫން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. ދިވެހިރާއްޖޭގެ ދައުވާ ބަލަން ޖެހޭ ކަމަށް އެމެރިކާ އަދި އިނގިރޭސިންނަށް މިހާރު ބުނެވޭނެ ކަމަށާއި ޗާގޯސް މޮރިޝަސް އަށް ދެވެން ނެތް ކަމަށް ވެސް ބުނެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކޯސްޓް ގާޑް އަމަލުކޮށްފައި އެ ވަނީ އެމެރިކާ އަދި އިނގިރޭސިންގެ ރުހުމާއެކު ކަމަށް ވެސް ވެދާނެ. ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާ އިރު، ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވަނީ، ޗާގޯސްގެ މައްސަލާގައި ކުރީގެ ރައީސް ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ އެ ސިޓީ އަނބުރާ ގެންނަން ދިވެހި ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އެގޮތަށް އިއުލާން ކުރައްވާފައިވާތީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް، ބަލަހައްޓަން ދިވެހި ސިފައިންގެ ގާބިލުކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ ބަޔާުނުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމާ ބެހޭގޮތުން ރާއްޖެއިން މިހާތަނަށް ސޮއިކުރީ ރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ނުލިބޭ ގައުމުތަކާއެކު ކަނޑުގެ ސަރަހައްދު ބެހުމަށް 1976 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން އެކަންޏެވެ. އަދި އެފަދަ އިތުރު އެއްބަސްވުމެއްގައި އެހެން ފަރާތަކާއެކު ރާއްޖެއިން ސޮއިކޮށްފައި ނުވާތީ، އެ ނޫން ހުރިހާ ސަރަހައްދުތަކުން ރާއްޖެއަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.